---" އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއޭ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ --- މާނައީ: "ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ހެޔޮގޮތް އިރާދަކުރައްވައިފި މީހާއަށް އެއިން ދެއްވަތެވެ."
މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ހެޔޮގޮތް މިންވަރު ކުރައްވައިފިނަމަ އޭނާއަށް ބަލާއާއި މުސީބާތް ޖައްސަވަތެވެ. އޭނާ ހިތް ނޭދޭ ކަންތައްތައް ޖައްސަވަތެވެ. ދެން އެއަށްފަހު އޭނާ އެކަމަށް ކެއްތެރިވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން ދަރުމައަށް އެދިއްޖިއްޔާމު އޭނާއަށް އެކަމުގެ ޘަވާބާއި ދަރުމަ ﷲ ދެއްވަތެވެ."
ޝައްކެއްވެސް ނެތް އެކަމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އިންސާނާއަށް ފައިދާ ހުރި ކަމެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނަކަށް އޭނާ ހިތް ނުރުހޭ ކަންތައްތައް މެދުވެރި ކުރައްވަވަނީ އޭނަ އިމްތިޙާނު ކުރެއްވުމަށްޓަކައި، އޭނަ ކެއްތެރިވޭތޯ އެކަމަށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޤަޟާ ޤަދަރަށް އޭނާ ފުރިހަމައަށް އީމާންވޭތޯ އިމްތިޙާނު ކުރައްވަނީ. އިމްތިޙާނުގައި ފާސް ވެއްޖެކަމަށް ވަނީނަމަ އެމީހަކަށް އެކަމުގެ ދަރުމައާއި ޘަވާބު ހުރި ދުނިޔޭގައިވެސް. ދުނިޔޭގައި އޭނާއަށް ލިބޭ ފައިދާއަކީ އޭނަ އެކަމަށް ކެއްތެރިވެ އަދި އެކަމުން ސަލާމަތް ވުމަށްޓަކައި ދުޢާކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ރުޖޫޢަވެ ތަޢުބާވެ އިސްތިޤްފާރުކޮށް، ﷲ އަށް ކުއްތަން ވުމަށްޓަކައި އެމީހަކު މަސެއްކަތް ކުރޭ. އެހެންމަ އޭނާއަށް ހުރި ހެވެއް އެއީ ދުނިޔެމަތީގައި. އަދި އެކަމަށްޓަކައި އޭނަ ކެއްތެރިވެ އެކަމުގެ ދަރުމައަށް އޭނަ އެދުނީތީ ޤިޔާމަތް ދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހެއްގެ ދަރުމަ މަތިވެރި ކުރައްވާ.
ﷲ ވަޙީ ކުރައްވާފައިވޭ: -- މާނައީ: " އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާންގެ ތިޔަބައިމީހުން، ތިޔަބައިމީހުންނަށް ބަނޑުހައި ހޫނުކަން ޖެއްސުމާއި އަދި ބިރުވެރިކަމުގެ ތެރެއިން ކަމެއް ޖައްސަވާ އިމްތިޙާނު ކުރައްވަމެވެ." --- " އަދި މުދާ އުނިކުރެއްވުމާއި، އަދި މުދަލާއި ނަފްސާއި މޭވާ އުނިކުރެއްވުންވެސް އިމްތިޙާނު ކުރައްވަމެވެ."
މީހެއްގެ މުދާތަކަކަށް ގެއްލުމެއް ލިބިދާނެ. އެއަށް ޢާފާތެއް ޖެހިދާނެ. އަދި ފުރާނައެއްވެސް ހިނގައިދާނެ. އަނބިދަރިން، މައިންބަފައިން، ގާތްތިމާގެ މީހުން، އެމީހަކު ލޯބިކުރާ މީހަކު ނެތި ހިނގައިދާނެ.
--- އަދި މޭވާވެސް، ދަނޑުގޮވާން ކުރާ މީހުން އެމީހުންނަށް އެއަށް ޢާފާތެއް ޖެހިދާނެ، ގެއްލުން ލިބިދާނެ. ގޮވާން ކަނޑަން ތައްޔާރު ވެފަ ވަނިކޮށް އެ ހަލާކު ވެދާނެ. އެހެންމަ މިފަދަ ކަންތައްތައް މެދުވެރި ކުރައްވަނީ. އެ އުނިކަން ގެންނަވައިގެންވެސް އިމްތިޙާނު ކުރައްވަނީ.
---އާޔަތް ނިންމާލައްވަމުން މި އަންގަވަނީ ކީކޭތޯ؟ --- "އަދި މި ކަންކަމަށް ކެއްތެރިވާ މީހުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ."
އިމްތިޙާނު ކުރައްވަނީ. ޙަޤީޤީ މާނައިގައިވެސް މިމީހާ ޤަޟާޤަދަރަށް އީމާން ވޭތޯ. ކެއްތެރި ވޭތޯ. އެހެންމަ އަޅުގަނޑުމެންނަށް މި ދުނިޔޭގައި މިފަދަ ކަންތައްތައް މެދުވެރި ވާނޭކަން ޤަބޫލުކުރަން ޖެހޭނެ. އެއީ އެއްގޮތަކަށްވެސް ﷲ މީހަކަށް ދެރަގޮތެއް މިންވަރު ކުރައްވަނީ ކަމަށް ހީކޮށްގެން ނުވާނެ. އެއީ އެކަމުގެ ފަހަތުގައި، އެމީހާ ކެއްތެރިވީމާ އެއަށްވުރެ ހެޔޮގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރައްވާނެ.
ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެހެން ޙަދީޘްބަސްފުޅެއްގައި އާދޭ:
-- "ﷲ ބަޔަކާއި މެދު ލޯބިވޮޑިގަންނަވައިފިނަމަ، ނުވަތަ ލޯބިވެވޮޑި ގަންނަވާ ހިނދުގައި އެމީހުންނަށް ތަފާތު އެކިވައްތަރުގެ ބަލާއާއި މުޞީބާތް މެދުވެރި ކުރައްވާ އެމީހުން އިމްތިޙާނު ކުރައްވަތެވެ. އެފަދަ ދަނޑިވަޅު ތަކުގައި ކެއްތެރި ވާންވީ. އެހެންވީމަ ﷲ މި އަންގަވަނީ (އަރަބި) " ކެއްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ."
-- " އެބައިމީހުންނަކީ، އެބައިމީހުނަށް މުޞީބާތެއް ޖެހިއްޖެނަމަ، އެމީހުން ހިތް ނުރުހޭ ކަމެއް ޖެހިއްޖެނަމަ، ބަލާވެރިކަމެއް ޖެހިއްޖެނަމަ، ހިތްދަތިކަމެއް ޖެހިއްޖެނަމަ،" -- " އެބައިމީހުން ބުނެތެވެ. --- " ހަމަ ކަށަވަރުން ތިމަންމެން ވަނީ ﷲ ގެ މިލްކިއްޔާތެއްގެ ގޮތުގައެވެ. ﷲ އަށޭ ތިމަންނަމެން މިވަނީ ޚާއްސަ ވެގެން. އެކަލާންގެ މިލްކެކޭ ތިމަންނަމެން މީ. ﷲ އިރާދަކުރައްވާ ގޮތެއްގެ މަތިން އަޅުގަނޑުމެންނާ މެދު ކަން ކުރައްވާނީ. އަޅުގަނޑުމެންގެ އެއްޗަކާ މެދު އަޅުގަނޑުމެން ކިހިނެއްތޯ ކަން ކުރަނީ. އެއަކަށް މީހަކަށް ފާޑެއް ނުކިޔޭނެ. އެހެންމަ އަޅުގަނޑުމެން އެންމެންނަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިލްކެއް.
-- " އަދި ތިމަންނަމެން އެނބުރި ދާހުށީވެސް ﷲ ގެ ޙަޟްރަތަށެވެ. އެއަށްފަހުގަ ތިމަންނަމެންގެ ހިސާބުކިތާބު އެކަލާންގެ ބައްލަވާނެތެވެ."
އެހެންމަ ލޮބުވެތި އަޚުން، މި ދުނިޔޭގަ ދިމާވާ ހިތްދަތިކަމަކީ އެއްގޮތަކަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ނުރުއްސަވައިގެން ނުވަތަ އެމީހަކު ދެކެ ލޯބިވޮޑި ނުގަންނަވާތީ ޖެހޭ ކަންކަން ކަމަށް ބަލައިގެން ނުވާނެ. ނަމަވެސް އެފަދަ ކަމެއް މެދުވެރި ވެއްޖެއްޔާމު އެކަމާ ނުތަނަވަސްކަން ނެތި ރުޅިއައުމެއް ނެތި އެއީ ﷲ ގެ މިންވަރުފުޅުގައިވާ ގޮތްކަން ބަލައިގަނެ އެ މިންވަރުފުޅަށް، އެ ޤަޟާޤަދަރަށް، އެ ނިޔާއަށް އަޅުގަނޑުމެން ތިބެންޖެހޭނީ ރުހިގެން، ޤަބޫލުވެގެން. އެއީ އަޅުގަނޑުމެންނަށް އޮތް އެންމެ ހެޔޮގޮތްކަމަށް ބަލައިގެން ކެއްތެރިވާންޖެހޭނެ. ކެއްތެރިވާންޖެހޭނެ.
އަދި ﷲ ގެ ހަޟްރަތުން މާދަމާ ޤިޔާމަތްދުވަހުގައި އެކަމުގެ ދަރުމައާއި ޘަވާބަށް އެދެން ޖެހޭނެ. އެދުނީމަ އެމީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ކެއްތެރިކަންވެސް ދެއްވާނެ، އަދި މާދަމާ އެކަމުގެ ދަރުމަވެސް ދެއްވާނެ. އެއީ ޙަޤީޤީ އީމާން ކަމަކީ. ފުރިހަމައަށް އީމާން ވުމަކީ އެއީ.
އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ޙަޔާތުގައި ދިމާވާ އެކިއެކި ދަތި ކަންތައްތަކާއިމެދުގަ އަޅުގަނޑުމެން ކެއްތެރިވެ، އަޅުގަނޑުމެންނަކީ ކެއްތެރިން ކަމުގައި ލައްވާ، އަދި ކެއްތެރީންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ދަރުމައާއި ޘަވާބު ޤިޔާމަތްދުވަހުން އަޅުގަނޑުމެންނަށްވެސް މިންވަރު ކުރެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން