އަހަރެމެންނަށް ބުއްދިއާއި ތަނަވަސްކަން ދެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް އުޅެމުންދާއިރު އެންމެ ފަހަރަކުވެސް މިބުނާ ވަގުތާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟
ސުވަރުގޭގެ އަހުލުވެރިންނަށް ނަރަކައިގެ އަހުލުވެރިން ގޮވައި ރޮއި އާދޭސްކުރާނެއެވެ. "އަހަރެމެން މިތިބަ އަނދައިދަނީ އެވެ. ފެންފޮދެއް ނަމަވެސް ދިޔާ ކޮންމެވެސް އެއްޗެއް ނިކަން އޮއްސައިލަބަލާށެވެ! މިތަނުގެ ގަދަ ހޫނުން އަހަރެމެންގެ ހަށިތައް އަނދަނީއެވެ. ހެޔޮ ނުވާނެއެވެ! ކޮންމެވެސް އެއްޗެއް ނިކަން އޮއްސައިލަބަލާށެވެ!"
ޖަވާބުގައި ސުވަރުގޭގެ އަހުލުވެރިން ބުނާނެއެވެ! "ތިއަކަންތައް ކޮށްދެވޭކަށް ނެތެވެ! ތިއަ ކަންތައް ކުރުން އަހަރެމެންނަށް ވަނީ މަނާކުރެވިގެންނެވެ."
އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އެމީހުންގެ (ނަރަކައިގައި ތިބި މީހުންގެ) މަތިން ހަނދުމަފުޅު ނައްތަވައިލައްވަވާފައިވާތީއެވެ! ހަނދުމަފުޅު ނައްތަވައިލެއްވެވީ ކީއްވެގެން ހެއްޔެވެ؟ މިދުނިޔޭގައި އުޅުނުއިރު އެމީހުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލީތީއެވެ. ﷲ ތަޢާލާގެ ބަސްފުޅުތައް ދޮގުކުރީތީއެވެ. ތެދުކުރަމޭ ދުލުން ބުނި ނަމަވެސް ޢަމަލު ނުކުރީތީއެވެ.
ކޮންމެ މީހަކަށްވެސް ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ވީމާ ތިމާ ވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައިތޯ ނޫން ނަމަ ނަރަކައިގައި އޮވެ އަނދަމުންދާ މީހަކަށްތޯ ގޮތެއް ނިންމައި އިޚްތިޔާރު ކުރުކުރުމުގެ ބާރު ކޮންމެ އިންސާނަކަށް ވެސް ވަނީ ދެއްވަވައިފައެވެ. ޔަޤީން ކަމަކީ ސުވަރުގެ ވަދެވޭނީ އެކަމަށް އެދި ގަދަ އަޅައި މަސައްކަތްތަކެއް ކޮށްގެން ކަމެވެ.
ހިތާމައަކީ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ގިނަ ބައަކަށް މިބާވަތުގެ ވާހަކަތަކުގެ އަޑުވެސް ނުއިވޭތީއެވެ! އަޑު އިވުނު ނަމަވެސް ހަނދާނުގައި ނުބަހައްޓާތީއެވެ! އަމަލު ނުކުރާތީއެވެ! އަމިއްލައަށް އުމުރުގައި މިން އަޅައިގެން އުޅޭ މީހުން މުސްލިމުންތެރޭގައިވެސް ގިނަވަމުންދާތީއެވެ.
އަމިއްލައަށް އުމުރުގައި މިން އަޅައިގެން އުޅޭ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ފަހުން ނޫނީ މާދަމާ ހެޔޮ އަމަލުތައް ކުރަން މަޑުކޮށްގެން ތިބޭ މީހުންނެވެ. ހިތަށް އެރިހައި ގޮތަކަށް، ހިތަށް އެރިހައި ކަމެއްކޮށްގެން މިއަދު އުޅެމުންދާ މީހުންނެވެ. އެމީހުންގެ ވާހަކައިން ހީވާނީ މަރުވާނެ ދުވަސް އެމީހުންނަށް އެނގޭހެންނެވެ. ހަޤީޤަތަކީ އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫން ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން