ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާ ނުލައި ޑޮލަރުން ލިބޭ ކިޔަވާ ލޯނު ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާ ނުލައި ޑޮލަރުން ލިބޭ ކިޔަވާ ލޯނު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ރަހުނަކާ ނުލައި، އެމެރިކާ ޑޮލަރުން ފައިނޭންސް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އާ ކިޔަވާ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ. މިއީ ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ތައާރަފްކުރި ލޯނެކެވެ.

މި ލޯނަކީ ބޭރުގެ ޕްރޮފެޝަނަލް ކޯސްތަކާއި އެކި ފެންވަރުގެ ސަނަދުތައް ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރާ ފައިނޭންސިންގް އެކެވެ. މި ސްކީމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޭރު ގައުމުތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މި ފައިނޭންސިންގްގެ ދަށުން ކޯސް ފީތައް ދެއްކުމުގައި ބޭންކުން އަމަލުކުރާނީ ވަރަށް ފަސޭހަ އުސޫލަކަށެވެ. އެގޮތުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ އާންމު ޚަރަދުތަކަށް ދޫކުރާ ސްޓައިޕެންޑް އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މަތީ ތައުލީމު ހާސިލުކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ގެނައި ބަދަލެކެވެ. ރަހުނަކާ ނުލައި މިފަދަ ލޯނެއް ލިބިގެންދިއުމަކީ ގިނަ ދަރިވަރުންތަކަކަށް އުންމީދީ ފުރުސަތަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން