މާލެއަށް މީހުން ތޮށްޖެހޭ މައްސަލަ ހައްލުކުރުމަށް 7 ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މާލެއަށް މީހުން ތޮށްޖެހޭ މައްސަލަ ހައްލުކުރުމަށް 7 ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްޤީކުރަނީ

މާލެ ސަރަހައްދަށް މީހުން ތޮށްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ މަގުތަކުގެ ތޮށްޖެހުމާއި ޓްރެފިކް މައްސަލަތަކުގެ އަސްލަކީ މާލެއަށް މީހުން ހިޖުރަކުރަން ޖެހުމެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތަރައްޤީ ބައްޓަންކުރި ގޮތުން ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، "އުތުރުގެ ތަރައްޤީގެ އިންޓަގްރޭޓެޑް ޒޯނެއްގެ މަސައްކަތް މިކުރަނީ. ދެކުނުގައި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލުތަކާއި މިހެން ހުރި ވަޒީފާގެ ފުރުސަތުތަކާއި ހުރިހާ ކަމެއް ހިމެނޭހެން، ހުރިހާ ޚިދުމަތެއް ޤާއިމްކޮށް 7 އަރބަން ސެންޓަރެއް ކަނޑައަޅާ އެ ފެންވަރުގައި ހުރިހާ ޚިދުމަތެއް ޤާއިމްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ނޫންތޯ އަޅުގަނޑުމެން ފަށައިގެން މިއުޅެނީ،" ކަމަށެވެ.

މާލެ ސަރަހައްދަށް މީހުން ބަދަލުވާން ޖެހޭ މައިގަނޑު ތިން ސަބަބެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެއީ ގެދޮރުވެރިކަން، ވަޒީފާގެ ފުރުސަތުތައް އަދި ތަޢުލީމު ހޯދުމެވެ. މިހާރު ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާއިރު، މިކަމަށް އޮތް ހައްލަކީ ސަރަހައްދީ ތަރައްޤީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި އާބަން ސެންޓަރުތައް ތަރައްޤީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ މީހުން އެ ސަރަހައްދުތަކަށް ބަދަލުވާން ފެށުމެވެ. މީގެ ސަބަބުން މާލެއަށް ބާރުބޮޑުވެފައިވާ މިންވަރު ކުޑަވެ، މުޅި ރާއްޖެއަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން