ޤަޢުޤާޢު ގާތްގަނޑަކަށް މުޅި ރޭ ހޭދަކުރެއްވީ، އިއްޔެ ހަވީރު އެކަލޭގެފާނުގެ އެކުވެރިންނާ ވަކިވެވަޑައިގަތް ތަނަށް އެކަލޭގެފާނުގެ އެކުވެރިން ފޮނުއްވުމުގައެވެ.
އެކަލޭގެފާނު އެ މީހުންނަށް ވިދާޅުވިއެވެ. [އިރު އެރުމާއެކު ތިޔަބައިމީހުންގެ ތެރެއިން ސަތޭކަ މީހުންގެ ޖަމާޢަތެއް ލަޝްކަރުގެ މައިދާނަށް ދާށެވެ. އެ ސަތޭކަ މީހުން ލޮލުކޮޅުން އޮބައިލުމުން، ދެން އިތުރު ސަތޭކަ މީހުން އެބައިމީހުންގެ ފަހަތުން ދާށެވެ. މިއީ އިސްލާމީ ލަޝްކަރުގެ ހިތްވަރާއި އުންމީދު އާވާނެ ކަމެކެވެ.]
އެބައިމީހުން ޤަޢުޤާޢުގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރިއެވެ. ލަޝްކަރުގެ އެއްވެސް މީހަކަށް އެ ކަން ރޭކައިވެސް ނުލިއެވެ. ޖެހިގެން އައި ދުވަހުގެ އިރުގެ އުޖާލާ ދޯދިތައް ބަބުޅަން ފަށައިފިއެވެ. މި ހިތްގައިމު ހެނދުނުގެ ވަގުތުގައި އިސްލާމީ މަތިވެރި ޖެނެރަލް ޤަޢުޤާޢު ހުންނެވީ ކެތްތެރިކަމެއް ނެތް އަސްވާރުންގެ އިންތިޒާރުގައެވެ. މި ކެތްތެރިކަމަށް ނިމުމެއް އަތުވެއްޖެއެވެ. މުޖާހިދުންގެ އަސްތަކުގެ ކަނދުރާގައި ވިހުރެމުންދިޔަ ކެހެރިތައް ފެންނަން ފަށައިފިއެވެ. އެކަލޭގެފާނު ބާރު އަޑުފުޅުން [ﷲ އަކްބަރު] އޭ ވިދާޅުވިއެވެ. މުސްލިމް މުޖާހިދުންވެސް އެކަލޭގެފާނުގެ އަޑުފުޅާއެކު [ﷲ އަކްބަރު] ގެ މަތިވެރި ނަޢުރާ ކުރިއެވެ. މީސްތަކުންނަށް ހީވީ މިއީ އިސްލާމީ ލަޝްކަރަށް އެހީވުމަށް އަލަށް އައި ލަޝްކަރެއް ކަމުގައެވެ. ލަޝްކަރުގެ ބަޔަކަށްފަހު ބަޔަކު [ﷲ އަކްބަރު] އޭ ގޮވަމުން އައިސް، އިސްލާމީ ލަޝްކަރާ ގުޅިއްޖެއެވެ.
މިދެންނެވި މަންޒަރުވީ ދުޝްމަނުންގެ ހިތްތަކަށް ހަރައިލެވުނު ބިރުވެރި ތީރެއް ކަމުގައެވެ. އީރާނުގެ މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވިއެވެ. މާޔޫސްވެ ހިތްވަރު އެލިއްޖެއެވެ. މުސްލިމުންގެ ރޫޙު ތާޒާވެ، އެބައިމީހުންގެ ހިތްވަރަށް އިތުރު ދިރުމެއް އަތުވެއްޖެއެވެ. ސަތޭކަ މީހުން ހިމެނޭ ޖަމާޢަތްތައް ބަޔަކަށްފަހު ބަޔަކު އައިސް އިސްލާމީ ލަޝްކަރާ ގުޅޭ މަންޒަރާއެކު، އެ މައިދާނުން ފެންނަން އޮތީ މިންނެތް ފަދަ އުފާވެރިކަމެކެވެ. މުޅި ހަނގުރާމައިގެ މައިދާނުގައި ގުގުމަމުންދިޔައީ ތަކްބީރުގެ މަތިވެރި އަޑެވެ.
މުސްލިމުންގެ ހިތްތައްވަނީ އުފާވެރިކަމުގެ ޖޯޝުން ފުރިއުތުރި ބަނޑުންވާން ކައިރިވެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެބައިމީހުން އެންމެ ބޭނުންވާ އެހީގެ ލަޝްކަރު އޮތީ އެބައިމީހުންގެ ކުރިމަތީގައެވެ. ޤަޢުޤާޢުގެ އަޚް ޢާޞިމްއަށް މި މަންޒަރު ފެނިވަޑައިގެންފިއެވެ. އެކަލޭގެފާނު ވަގުތުން އެކަލޭގެފާނުގެ ގާތުގައިވާ ފައުޖުގެ ސިފައިންނަށް އަމުރުކުރެއްވީ، ޚައްފާންގެ ކައިރިންލާފައި ކުރިއަށް ގޮސް ލަޝްކަރާ ގުޅުމަށެވެ. ޚައްފާންއަކީ ކޫފާގެ އަވަށެކެވެ.
މި ތަންވަޅު ޚާޝިމް ބިން ޢުތުބާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ 700 މުޖާހިދުންނާއެކު އެތަނަށް ވަޑައިގެންފިއެވެ. މުސްލިމުން އެކަލޭގެފާނަށް ޤަޢުޤާޢުގެ އުކުޅުތަކާއި، ފާއިތުވި ދެ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ޚަބަރު ދިނެވެ. މި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ޚާޝިމް އެކަލޭގެފާނުގެ ފައުޖުގެ މީހުން ބައިކޮށްލެއްވިއެވެ. ކޮންމެ ބަޔަކަށް ހަތްދިހަ މީހުން ލެއްވިއެވެ. ޤަޢުޤާޢުގެ ލަޝްކަރުގެ އެންމެ ފަހު މީހުން އައިސް ފޯރުމާއެކު، އެކަލޭގެފާނުގެ ފައުޖުގެ މީހުން މައިދާނަށް ފޮނުއްވަން ފެއްޓެވިއެވެ.
މި ގޮތުގެ މަތީން އިސްލާމީ ލަޝްކަރުގެ ރޫޙު އާލާވެ، ހިތްވަރާއި ފަންވަރާއި ބުންވަރު މަތިވެއްޖެއެވެ. ބާރުގަދަ، ވަރުހުރި ސިންގާތަކެއް ފަދައިން ދުޝްމަނުންނާ ކުރިމަތިލާން ތައްޔާރުވެއްޖެއެވެ. މުސްލިމް މުޖާހިދުންގެ މި ލަޝްކަރަކީ އެބައިމީހުންގެ ވެރި ރައްބަށް ފުރިހަމައަށް ވަކީލުކުރާ ލަޝްކަރެކެވެ. އެކަލާނގެއަށް ޝައްކެއްނެތި އިތުބާރުކުރާ ލަޝްކަރެކެވެ. އެބައިމީހުން ކިޔަމަންތެރިކަމާއި މަޑުމޮޅިކަމާއެކު ސަޖިދަކުރަނީ ހަމައެކަނި އެކަލާނގެއަށެވެ. ކާމިޔާބާއި ނަޞްރުދެއްވުން އެދި ދަންނަވަނީވެސް އެކަލާނގެ ޙަޟްރަތަށެވެ.
- ނުނިމޭ -