ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅާއި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ޢަމަލު ހުންނަ ގޮތާ އަޅާކިޔަލާމާ ހެއްޔެވެ! އެބައިމީހުން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާން ކަމުގައި ބުނެ އެކަކަށް ވުރެ ގިނަ އަނބީން ހޯދައެވެ. އަދި އެސުންނަތް ދިރުވުމަށް އެހެން މީހުންނަށް ހިތްވަރުދީ ފޯރިއާއެކު އެކަމުގެ ވާހަކަ ދައްކައި ހަދައެވެ.
އެވަރުން ނުވެގެން އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ބުނެ، އެކަމުގެ މަޖާކަމާއި ފައްކާކަމާއި ހިތްގައިމުކަން ކިޔައިދީ އަމިއްލައަށް ފޮނިކަނޑައި ފަޚުރުވެރިވެސް ވެއެވެ. އަދި ނުވިތާކަށް އެކަން ނުކޮށް ތިބި ނުވަތަ ނުކުރެވި ތިބި މީހުންނަށް ހަޖޫ ޖަހައި މަލާމާތްކޮށް ދިމާކޮށްވެސް ހަދައެވެ.
އެކަމަކު އެފަދަ ގިނަ މީހުންގެ ޙަޤީޤަތް ފާޅުވާއިރު ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދިރުވަން ކަމަށް ބުނެ އިތުރު އަނބިންނާ ކައިވެނި ކުރާ މީހާ ހުންނަނީ ދޮށީ އަނބި ފެންފޮދެއް ހެން ދިރުވާލައިގެންނެވެ. އޭނާ އަކީ އެއްވެސް އަގެއް ހުރި މީހެއް ފަދައިންނެވެ. ހަގު އަނބީގެ އައުކަމާއި އާރޯކަން ފެނިފައި އެކަނބުލޮ ޖާދޫގައި ޖެހި ތިމާއާ އެކުގައި އެއޮށް ހުރިހާ ދުވަހު ޙަޔާތް ވޭތުކުރި ދޮށީ އަނބި މަތިން ފޫހިވެފައެެވެ. ނުވަތަ ހަނދާން ނެތިފައެވެ. އޭނާގެ ދަރިން ބަލަން އެކަމަނާ އުފުލިހާ ބުރައާއި އެކުދިންގެ ޙައްޤުގައި ދަންވަރުގެ ނިދި ނަގާލައިގެން ލޮލުފިޔައެއް ނުޖަހައި ދަމަށް އިން ރޭތަކާއި، ގަދަޔަސް ބައްޔަސް ފިރިމީހާއަށް ކާންދީ، އަންނައުނު އިސްތިރިކޮށްދީ، މުދަލާއި ގެދޮރު ބަލަހައްޓައިދީ ދެންވެސް ކޮށްދިން ހުރިހާ ކަމެއް ހަވާގެ ތެރެއަށް އަރައިގެން ގެއްލިގެންދާ އާތްވަށް ވެގެން ދާ ފަދައިންނެވެ.
އަދި ބައެއް ފިރިންނަށް އެވަރުވެސް ނުފުދެއެވެ. ހަގު އަނބި ބުނެލާ ބަހެއް ނުވަތަ ކޮށްލާ ޝަކުވާއަކަށް ނުވަތަ އިޝާރާތަކުން ދޮށީ އަނބި ކުށްވެރިއަކަށް ބަދަލުވެގެން ދެއެވެ. ނުވަތަ ހަނގު އަނބި ކުރިމައްޗަށް ދޮށީ އަނބި ގެނެވި އޭނާ ދިމާލަށް ހަޅޭއްލަވައި އެއްޗެހި ކިޔައި މުޖުރިމަކަށް ބަދަލުވެގެން ދެއެވެ. ދަރިން ތިއްބަސް ނުވަތަ އެނޫން ބަޔަކު ތިއްބަސް ފަރުވާލެއްނޯވެއެވެ.
އެފަދަ މީހުންގެ ކައިރީގައި އެމީހުންގެ ހަގު އަނބީގެ ބަހަކީ ޤުރްއާނުގެ އާޔަތެއް ފަދަ އެއްޗެކެވެ. އެއްވެސް ޝައްކެއް، ތަޙްޤީޤު ކުރުމެއް ނެތި ވަގުތުން ޤަބޫލުކުރެވޭ އެއްޗެކެވެ. ދޮށީ އަނބިމީހާއާ މެދު ޝަކުވާކޮށް އޭނާގެ ޣީބަ ކިޔައި، އޭނާއާ މެދު ދެބައުޑުވިޔަކަސް އެއީ ބޮޑު ކަމެއް ކަމުގައެއް އެމީހުންނަކަށް ނުވެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެއީ ދޮށީ އަންބަށް ނަފްސާނީ ގޮތުންނާއި ދީނީ ގޮތުން ދެވޭ ބޮޑު އަނިޔާއެކެވެ. އެކަމަށް ދޮށީ އަނބި މަޢާފު ނުކޮށްފި ނަމަ އެފަދަ މީހުން ޤިޔާމާތް ދުވަހުން ލައްކަ ހިތާމަ ކުރަންޖެހޭނެއެވެ.
ކޮންމެއަކަސް މިފަދައިން އެތައް ކަމެއް ހުރެމެ އެމީހުންގެ ދުލުކޮޅުން ފަސޭހަކަމާއެކު ބުނެލަނީ އިތުރު މީހަކާ ކައިވެނި ކުރީ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދިރުވަން ކަމުގައެވެ. އާއެކެވެ. ސުންނަތް ދިރުވަން ކުރިކަމެކެވެ. ނަމަވެސް އެއީ އެމީހަކަށް މީރު ކާ އެއްޗެހި އަރު ތެރެއިން ދިރުވާލާފައި މީރު ނޫން އެއްޗެހި ބާކީކޮށް ޑަސްބިނަށް އެއްލާލާ އުޞޫލުން ސުންނަތް ދިރުވަން ކުރި ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް އޭގެ ޙަޤީޤީ މާނައިގައި ދިރުވަން ކުރި ކަމެއް ނޫނެވެ.
ހަމައެއާއެކު މީގެ އަނެއްކޮޅުވެސް އެބައޮތެވެ. ބައެއް މީހުން އަލަށް މީހަކާ އިންނަނީ ދޮށީ އަންބަށް ނޯކުރީ ކުރާ ކުއްޖަކު ހޯދާ ބީދައިންނެވެ. އޭނާ ގޮވައިގެން ތަންތަނަށް ގޮސްލާ އުފާކޮށްލަން ދާއިރު ދަރިން ބަލަން ގޭގައި އިންނަން ނުވަތަ ގޭގެ ހުރިހާ ގުލާނު މަސައްކަތެއް ކުރުވަންވެގެންނެވެ. ދޮށީ އަންބަކީ މާ މުއްސަނދި ޤަދަރު ހުރި ޢާއިލާއަކުން ފައިބައިގެން އިންނެވި ކަނބަލެއް ކަމުގައި ވީތީ އެކަމަނާއަށް އެއްވެސް ކަމެއް ނުކުރެވޭތީ، އެކަމަނާގެ ޚިދުމަތް ކުރާ ޚާދިމެެއްގެ ގޮތުގައެވެ. ނުވަތަ އޭނާގެ ދޮށީ އަނބި ކޮންމެވެސް ބައްޔެއްގައި އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއާ އެކު އެއްދާން ނުކުރެވޭތީ ހަމައެކަނި އޭނާގެ ޖިންސީ ޣަރީޒާތައް ހަމަޔަކަށް އަޅުވާލަން ބޭނުންކުރާ މެޝިނެއްގެ ގޮތުގައެވެ.
ހަގު އަންބަކީވެސް އިންސާނެއް ކަމާއި އޭނާއަށް ވެސް އަނބެއްގެ ހައިސިއްޔަތުން އަޅާލުމާއި އަރާމާއި އުފަލާއި ހިތްހަމަޖެހުން ބޭނުންވާނެ ކަމާމެދުގައި އެމީހުންގެ ފިކުރުވެސް ނުހުންނަ ކަހަލައެވެ. ކޮށްޓެއްގެ ތެރޭގައި އިންނަ ބުޅަލަކަށް ކާއެތިކޮޅެއް ދޭ ބީދައިން އެއަންބަށް ހަމައެކަނި އިންނާނެ ތަނަކާއި ކޮންމެ މަހަކު ފައިސާކޮޅެއް ދިނީމަ ހުރިހާ ކަމެއް ހަމަވީ ކަމުގައި އެމީހުންނަށް ހީވަނީ ބާވައެވެ!
އަނބިންގެ މެދުގައި ޢަދުލުވެރި ވުމަކީ، ހިޔާވަހިކަމާއި، ޚަރަދު ދިނުމާއި، އަންނައުނު ދިނުމާއި ޖިމާޢުވުމުގައި އެކަނބަލުންގެ މެދުގައި އެކަންކަން ފުރިހަމަ ކޮށްދޭން ލާޒިމުވާ މިންވަރަށް ފުރިހަމަކޮށްދީ ފޯރުކޮށްދިނުމެވެ. އެފަދައިން ޢަދުލުވެރި ނުވެވޭ މީހުންނާ މެދު ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ވަޢީދުގެ ބަސްފުޅު އައިސްފައިވާކަން މަތީގައި ބަޔާންވެދިޔަ ފަދަ ފިރިންނަށް ހަމަ ނޭނގެނީ ބާވައެވެ.
ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
"من كانت له امرأتان فمال إلى إحداهما جاء يوم القيامة وشقه مائل”. [أبو داود (2/242) والترمذي (3/447) والنسائي (7/64) وابن ماجه (1/633) وصححه الحافظ ابن حجر في “بلوغ المرام” (3/310) والألباني “إرواء الغليل ” (7/80)].
"އެމީހެއްގެ ދެ އަނބިން ތިބެ، އޭގެން އެކަކުގެ ކޮށްޅަށް އަރިވެއްޖެ މީހާ، ޤިޔާމަތް ދުވަހުން އަންނަހުށީ އޭނާގެ ހަށިގަނޑުގެ އެއް ފަޅި އަރިވެފައިވާ ޙާލުގައެވެ".
މިޙަދީޘް ޝަރަޙަ ކުރައްވަމުން އައްއިމާމު އަލްޢައިނީ رحمه الله (855) ވިދާޅުވެފައިވެއެވެ:
"އޭގެ މާނައަނީ އެމީހާގެ އެއްފަޅި ހަމަ ހަޤީޤަތުގައިވެސް ވެއްޓިފައިވާ ޙާލުގައި އަންނަ ވާހަކައެވެ" "عمدة القارئ" (20/199).
ކަންމިހެން ހުރިއިރު މީގެ ތިންވަނަ ފަޅިއެއްވެސް އެބައޮތެވެ. ބައެއް ފަހަރު ފުރަތަމަ އިންނަ މީހާގެ ކިބައިން ފިރިމީހާއަށް އެއްވެސް އަޅާލުމެއް ނުލިބި އަދި ފިރިމީހާގެ ޙައްޤުތަކުން އޭނާ މަޙުރޫމުވާތީ އެކަމުގެ ޙައްލެއްގެ ގޮތުން ދެވަނަ އަންބެއް ހޯދާ މީހުންވެސް ވަކި މަދެއް ނޫނެވެ. އަދި ދެވަނަ މީހަކާ އިންނަ ހިސާބުން ފުރަތަމަ މީހާ ހަނގުރާމަ އިޢުލާނުކޮށް މުޅި ދިރިއުޅުމުގައި ހުޅު ރޯވާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. އަދި ދެ އަނބިންގެ ދޭތެރޭ ފިރިމީހާ ތާށިވެ ނޭވާ ހޮޅިއަށް އެޅި ހާސްވެ ގޮތް ހުސްވެ މާޔޫސްވާ ހިސާބަށް ގޮސްފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ.
والله المستعان! ﷲ ތަޢާލާ އަޅަމެންނަށް ހިދާޔަތާއި ހެޔޮ ވިސްނުން ދެއްވާށިއެވެ!
- ޝައިޚް ޒަމްޒަމް ފާރިޝް