ނަފްރަތުކުރާމީހުންނާމެދު ބުއްދި އިސްކޮށް މިމަގުން ޢަމަލުކުރުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނަފްރަތުކުރާމީހުންނާމެދު ބުއްދި އިސްކޮށް މިމަގުން ޢަމަލުކުރުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ތިމާ ރުހޭ މީހުންނަށް ނުރުހޭކަން ދައްކައިގެން އުޅުމަކީ ބައެއް މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. ގިނަ ފަހަރު އެކަން ކުރާ ސަބަބަކީ އޭނާގެ އިސްނެގުމަކާއިނުލައި ތިބާ އޭނާއަށް އިސްނަގާތޯ ބެލުމެވެ. މިއީ މީހަކު ދެކެ ލޯބިވާން ބޭނުންވެގެންވެސް ބައެއް މީހުން ބޭނުންކުރާ އުކުޅެކެވެ.  

ތިބާދެކެ ރުޅި އައިސް ނަފްރަތުކުރާކަމަށް ބުނާ މީހަކު ތިބާއަށް ފާރަލައި ތިބާ ކުރާ ކަންކަން ބަލާނަމަ އެމީހަކީ ޙަޤީޤަތުގައި ތިބާއަށް ނަފްރަތުކުރާ މީހަކު ކަމަށްނުވެވެސް ހިނގައިދާނެއެވެ. އެހެން ބުނަން ޖެހެނީ އޭނާ ތިބާއަށް ނަފްރަތުކުރާނަމަ ތިބާ ކުރާހައި ކަންކަން ބަލަން ފާރަލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާ ކޮންމެ ކަމެއް ކުރިއްޔާ އޭނާއަށް ކޮންކަމެއް ހެއްޔެވެ؟  

ތިބާއަށް މީހަކު ފާރަވެރިވާނަމަ އެކަންކުރަން ދޫކޮށްލާށެވެ! ތިބާ ކުށެއް ނުކުރާނަމަ އެމީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ވީމާ ރައްކައުތެރިވާންވީ ފާރަލާ މީހުންނަކަށް ނޫނެވެ. ތިމާއަށް ކުރެވޭ ޢަމަލުތަކަށެވެ.  

ސަމާލުކަންދޭން އޮތް އެންމެ މުހިންމު ކަމަކީ ތިބާއަށް ނަފްރަތުކުރާކަމަށް ތިބާއަށް ޤަބޫލުކުރެވޭ މީހުންދެކެވެސް ރުޅި ނައުމެވެ. އެމީހަކަށް ތިބާ ނަފްރަތުނުކުރުމެވެ. ބައްދަލުވެއްޖެނަމަ ހިނިތުންވެލައިގެންހުރެ ވާހަކަދެއްކުމެވެ.  

އެމީހަކީ ހަމަ ޙަޤީޤަތުގައިވެސް ތިބާއަށް ނަފްރަތުކުރާ މީހަކު ކަމުގައިވާނަމަ އޭނާ ބަލިކޮށްލައި ތިބާގެ ކޮޅަށް އަނބުރުވާލަން އޮތް އެންމެ ފަސޭހަ އެއްގޮތަކީވެސް ނަފްރަތުކުރާ މީހުންނަށް ނަފްރަތުނުކޮށް ހެޔޮކޮށް ހިތުމެވެ. އެމީހުންނަށް ހިތްހެޔޮކުރުމެވެ. ހިނިތުންވުމެވެ.

އެހެންވެ ދެމަފިރިންގެ މެދުގައި މައްސަލަޖެހުނަސް އެކަކު އަނެކަކަށް މޫނުކުނިނުކޮށް ހިނިތުންވާން ވަރަށް ގިނަ ޢިލްމުވެރިން އިރުޝާދު ދެއްވައެވެ. އެއީ އެކަމުގެ ސަބަބުން އަނެކާއާއިމެދު ހިތްސާފުކަން އޭނާއަށް އެނގި އޭނާގެ ހިތްވެސް ސާފުވެގެންދާ ސަބަބެއް ކަމަށްވެސް ބަޔާންކުރައްވައެވެ.  

މިކަންކަން މިގޮތަށް މެދުވެރިވާ ސަބަބެއްކަމަށް ޤަބޫލުކުރެވެނީ އެހެން މީހުންނަށް ހިތްހެޔޮކުރަން އޮތް އަމުރުފުޅަށް ޢަމަލުކުރީމާ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންދާ ކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން