ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
المسلمُ أخو المسلمِ لا يظلِمُه ولا يُسلِمُه مَن كان في حاجةِ أخيه كان اللهُ في حاجتِه ومَن فرَّج عن مسلمٍ كُربةً فرَّج اللهُ بها عنه كربةً مِن كُرَبِ يومِ القيامةِ ومَن ستَر مسلمًا ستَره اللهُ يومَ القيامةِ
މާނައީ: "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާހުއްޓެވެ. އަދި އޭނާގެ ޢަދާވާތްތެރިންނަށް އޭނާ ދޫކޮށެއް ނުލާހުއްޓެވެ. އެމީހެއްގެ އަޚާގެ ބޭނުން ފުއްދައިދިނުމުގައިވާ މީހާ ދަންނާށެވެ. އޭނާގެ ބޭނުންތައް ހިންމަވާދެއްވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެތެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގުލެއް ފިލުވައިދީފި މީހާ ދަންނާށެވެ. އޭގެ ސަބަބުން ﷲ ތަޢާލާ އެމީހެއްގެ ކިބައިން ޤިޔާމަތް ދުވަހުގެ ދަތި އުނދަގުލެއް ފިއްލަވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި މީހާ ދަންނާށެވެ. ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ ޢައިބު ފޮރުވައި ދެއްވާހުއްޓެވެ."
ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެއެވެ. ނަމަވެސް ކުށެއް ކުރުމުން އެކުށް ފަޟީޙަކޮށް މީސްތަކުންގެ ކުރިމަތީގައި އެވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް އޭނާއަށް ނަޞޭޙަތްދީ އެފަދަ ކަމެއް ނުކުރުމަށް ބާރުއެޅުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. ހަމައެކަނި ކުށުން ބަރީއަ ކުރައްވާފައިވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. މި ޙަދީޘްފުޅުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް އަންގަވާފައިވަނީ، މީސްތަކުންގެ ޢައިބު ފޮރުވައިފިނަމަ ﷲ ތަޢާލާ، ޤިޔާމަތް ދުވަހުން އެމީހެއްގެ ޢައިބު ފޮރުއްވާ ދެއްވާނެކަމެވެ.
ﷲ ތަޢާލާ ނޫރު ސޫރަތުގެ 19 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾
މާނައީ: "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. (19)"
މިޙަދީޘުން ލިބޭ ފައިދާތައް
· ﷲ ތަޢާލާ އަނިޔާވެރިކަން މަނާކުރައްވާކަން
· މީހުންނަށް އެހީތެރިވުމުގެ މުހިއްމުކަން
· މީސްތަކުންގެ ކިބައިން ދަތި އުނދަގުލެއް ފިލުވައިދީފި މީހާ އަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހުން ދަތި އުނދަގުލެއް ފިއްލަވާނެކަން
· އިސްލާމްދީނުގައި ހަމަހަމަކަން ލައްވާފައިވުން
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މީސްތަކުންނަށް ކަންކަން އޮޅުންފިލުއްވާ ދެއްވާ މިންވަރު