އެދޭ ހުރިހާ ކަމަކަށް ދުޢާކުރަމުންވެސް ކޮންމެ ދުވަހަކު ވީހާ ގިނައިން މިދުޢާކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
އެދޭ ހުރިހާ ކަމަކަށް ދުޢާކުރަމުންވެސް ކޮންމެ ދުވަހަކު ވީހާ ގިނައިން މިދުޢާކުރަންވާނެ!

މިއަދު މިބުނެދެނީ ކުރަން ވަރަށް މުހިންމު ދުޢާއެކެވެ. ބޭނުންވާ ހުރިހާ ކަންކަމަށް އެދިގެން ދުޢާކުރަމުންވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. ސަބަބުވެސް ބުނެދޭނަމެވެ. އިން ޝާ ﷲ  

އަހަރެމެން ދުވަސް ފަށަނީ އެންމެ މުހިންމު ދުޢާއިންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު އެދުޢާ ތަކުރާރުކުރަމުއެވެ. އެދުޢާއަކީ:  

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ 

"އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ حضرة ންނެވެ." (އަލްފާޠިޙާ: 6)  

މީސްތަކުންނޭވެ. މި މަތިވެރި ދުޢާކުރުމާއިއެކުގައިވެސް މިބަޔާންކުރާ ދުޢާއަކީވެސް ގިނަގިނައިން ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ދުޢާއެކެވެ. އެހެނީ މިޒަމާނުގައި ރަނގަޅަކީ ކޮބައިކަމާއި ނުބައަކީ ކޮބައިކަން ދެނެގަންނަން މިވަނީ ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ. ނުބައި އެތައް ކަންތައްތަކެއް ގިރިޓީކޮށްގެން އިޝްތިހާރުކުރާވަރުން އެއީ ރަނގަޅުކަމެއް ކަމުގައި ޤަބޫލުކުރެވުމަކީ ގިނަ ބައަކަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ.  

اللهم ارنا الحق حقاً وارزقنا اتباعه وارنا الباطل باطلا وارزقنا اجتنابه

Translation: O Allah! show us the truth as true, and inspire us to follow it. Show us falsehood as falsehood, and inspire us to abstain from it. 

މިދުޢާގައި އެކުލެވިގެންވާ މާނައީ: "ޔާ ﷲ! ހެޔޮކަންކަމަކީ ހެޔޮކަންކަމުގައި އަޅަމެންނަށް ދައްކަވާނދޭވެ! (ހެޔޮކަންކަން ދެނެގަތުމުގެ ކުޅަދާނަކަން ދެއްވަވާނދޭވެ!) އަދި ހެޔޮކަންކަން ކުރުމުގެ ޝައުޤުވެރިކަން މިންވަރުކުރައްވަވާނދޭވެ! ހނުބައިކަންކަމަކީ ނުބައިކަންކަމުގައި އަޅަމެންނަށް ދައްކަވާނދޭވެ! (ނުބައިކަންކަން ދެނެގަތުމުގެ ކުޅަދާނަކަން ދެއްވަވާނދޭވެ!) އަދި ނުބައިކަންކަމުން ދުރުހެލިވެ، ނުބައި ކަންކަން ނުކޮށް ހުރުމުގެ ކުޅަދާނަކަންވެސް މިއަޅާއަށް ދެއްވަވާނދޭވެ!"  

މިދުޢާކުރަންޖެހެނީ ރަނގަޅު ގޮތަކީ ކޮބައިކަން އެނގުނު ނަމަވެސް ޢަމަލުނުކުރެވޭތީއެވެ. ގިނަ ބައަކަށް ނުބައި ކަންކަން ކުރެވެނީ އެއީ ނުބައިކަމެއްކަން ނުއެނގޭތީއެއް ނޫނެވެ. އިހްމާލްވެވެނީއެވެ. ފަރުވާކުޑަކުރެވޭތީއެވެ.    

ރަނގަޅަށް ވިސްނައިލާށެވެ. ސޫރަތުލްފާތިޙާގެ 5 ވަނަ އާޔަތުގައިވާ ދުޢާއަށްފަހު ދެން އޮތް އާޔަތުގައި މިއެދެނީ ހަމައެއް ކަމަކަށެވެ.  

" (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ." (އަލްފާޠިޙާ: 7)  

މިބަޔާންކުރި ދުޢާ ގިނަގިނައިން ކުރަންޖެހޭ ސަބަބުވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.  

"އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحى ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި އީމާނަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ قرآن ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ." (އައްޝޫރާ: 52)  

ވަރަށް ސާފުކޮށް އެނގިގެން މިދަނީ އަހަރެމެންނަށް އޮތީ ހިދާޔަތު ލިބިގަންނަން މަސައްކަތްކުރުން ކަމާއި ހިދާޔަތު ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. ހިދާޔަތު ލިބުމުގެ މާނައިގައި ދުޢާގައިވާ ހުރިހާ ކަންކަން ވަނީ ބަޔާންވެގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން