މިހާރަކަށް އައިސް ގިނަ ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ދަރިންގެ ބޭނުންތައް ފުއްދައިދެވޭނަމަ ހުރިހާ ކަމެއް ކޮށްދެވެނީ ކަމަށެވެ. ބޭނުންތައް ފުއްދައިދެވެނީ މަސައްކަތާއިއެކު ޚަރަދުވެސް ކޮށްގެންނެވެ. މަސައްކަތެއް ޚަރަދެއް ނުކޮށް ދަރިންނަށްޓަކައި ކޮށްދެވެން އޮތް އެންމެ ފައިދާހުރިކަމަކީ ދަރިންނަށްޓަކައި ދުޢާކުރުމެވެ. އެކަންކުރަނީ މަދު ބައެކެވެ.
ދަރިންނަކީ އަމާނާތެކެވެ. އެއަމާނާތަށް ރައްކައުތެރިވެއްޖެނަމަ އެދަރިން ބަދަލުވެގެންދާނީ ކިތަންމެ ވަރަކަށް ކޮނެގެން ނެގިޔަސް ހުސްނުވާނެ އަގުހުރި ޚަޒާނާއަކަށެވެ. ނަމަވަެސް ބައެއް ޝަރުޠުތަކާއިވެސް އެކުގައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ސުވަރުގެ ލިބިގަތުމަށް މައިންބަފައިން މަސައްކަތްކުރަންވާނެއެވެ. ދަރިންނަށް ކާންދޭ ތަކެއްޗަކީ ޙަލާލްތަކެތިކަމުގައި އަދި ޙަލާލް ގޮތުގައި ހޯދާފައިވާ ތަކެތިކަން ކަށަވަރުކުރާށެވެ! ހަމައެއާއިއެކު ތިމާވެސްކައިބޮއިހަދަނީ އެފަދަތަކެތިކަން ކަށަވަރުކުރާށެވެ!
ދެވަނަ ކަމަކަށް ދަރިންނަށް ދީން އުނގަންނައިދޭށެވެ! އަދި ދަރިންނަކީ ނަމާދަށް ރައްކައުތެރިވާ އަދި ނަމާދުކުރުމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އަދި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!
"ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އިނބަ ﷲ މަގު އިޚްތިޔާރުކުރާ ތަޤްވާވެރިން ކަމުގައި ލައްވަވައި ދެއްވަވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ އަޅަމެން މަރުވުމުންވެސް އިސްލާމް ދީނުގައި ސާބިތުވެ ތިބޭ ބައަކުކަމުގައްޔާއި އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން.
ހަމަ އެފަދައިން ދަރިންގެ ކިބައިގައިވެސް ހަމައެމަސްއޫލިއްޔަތު އެބައޮތެވެ. ހުސްނުވާނެ ޚަޒާނާއަކީ ކުރާ ދުޢާއެވެ. މައިންބަފައިންނަށްޓަކައި ވީހާ ގިނައިން ދުޢާކުރަމުން ގެންދަންވީއެވެ. ދުޢާކުރިވަރަކަށް ސުވަރުގޭގައި ަމއިންބަފައިންގެ ދަރަޖަ ދާނީ އުފުލެމުންނެވެ. އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން