ކަނދުފަތީގެ ޑިޒައިނަށް ގެނައި ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހުގެ ތެރޭގައި އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަނދުފަތީގެ ޑިޒައިނަށް ގެނައި ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހުގެ ތެރޭގައި އަޅަނީ

ކަނދުފަތީގެ ޑިޒައިނަށް ގެނައި ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި ބަދަލަކީ ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގެނައި ބަދަލެކެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، "ބަދަލާއިއެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ފުރަތަމަ ކަނދުފަތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑިޕްލޮއިކުރާނަން މި އައު ފަރުމާއާއި އެކީގައި. އެއިރުން އިރާދަކުރެއްވިއްޔާ އަވަސްއަވަހަށް ކަނދުފަތި ކަނޑައިގެން ދިއުން ނިމުމަކަށް ގެނެވޭނެ ނޫނިއްޔާ އެ މައްސަލަ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ވަރަށް ބޮޑަށް." ކަމަށެވެ.

ކަނދުފަތި އެޅުމުގެ މަސައްކަތުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާ ކަމަށެވެ. އަދި މި ސަރުކާރު އައިފަހުން މިހާތަނަށް ރާއްޖޭގެ އެކިކޮޅުތަކުގައި ޖުމްލަ 99 ކަނދުފަތި އަޅާފައިވާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއް ކަވަރުވާނެހެން ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމްކުރުމެވެ. މި މަސައްކަތުގެ ދަށުން އިތުރު 22 ކަނދުފަތި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ފެބުރުވަރީ މަހަށް އަޅުގަނޑުމެން ނިންމާނަން. އެއިރުން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ހުރިހައި ރަށެއް އިރާދަކުރެއްވިއްޔާ ކަވަރުވާނެ." ކަމަށެވެ. މީގެ އިތުރުން ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޮށީގެ ކަނދުފަތިތައް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން