ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީ ނުވަތަ ކުތުބުޚާނާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކިޔެވުމާއި އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޤައުމީ ކުތުބުޚާނާގެ ގޮފިތައް އަތޮޅުތަކުގައި ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ރާއްޖޭގެ ދެކުނުގެ ދެ ސިޓީއެއްގައި ފަށާފައެވެ. އެގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ލައިބްރަރީތައް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރުދުވެލީގައި ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފަންނާއި، ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލައިބްރަރީތައް ތަރައްޤީކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ކަރުދާސް މިހާރު ސޯޝަލް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. މިއީ މި މަޝްރޫޢު ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ ސަބަބުން ރަށްރަށުގެ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް މަޢުލޫމާތު ހޯދުމާއި، ފޮތް ކިޔުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.