ތަނަވަސްކަން ދައްކައިގެން ޒުވާން ކުދިންނާ ކައިވެނިކުރީމާ އޭނާގެ އަތަށް އޭނާގެ ހިތްފުރޭވަރަށް ފައިސާ ލިބުމުން ވަކިވެގެންދިއައިމަ ކުރަން އޮންނާނީ ކޮން ޝަކުވާއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތަނަވަސްކަން ދައްކައިގެން ޒުވާން ކުދިންނާ ކައިވެނިކުރީމާ އޭނާގެ އަތަށް އޭނާގެ ހިތްފުރޭވަރަށް ފައިސާ ލިބުމުން ވަކިވެގެންދިއައިމަ ކުރަން އޮންނާނީ ކޮން ޝަކުވާއެއްތަ؟

އެއީ ތަނަވަސް މީހެކެވެ. 3،4 ކައިވެނިކުރިއިރުވެސް ކުރަނީ ޢޭނާއަށްވުރެ މާޒުވާންކުދިންނަށް ފައިސާގެ ދަޅަ ދައްކައިގެންނެވެ. ކޮންމެ ކުއްޖަކުވެސް އޭނާއާއިއެކުގައި އުޅެނީ ދުވަސްކޮޅަކުއެވެ. ބޭނުންވާ ވަރަށް ފައިސާ ލިބޭއިރަށް ވަކިވަނީއެވެ.  

އެންމެފަހުން ވަކިވި ކުއްޖާގެ ވަރަށް ގާތް ކުއްޖަކާއި ބައްދަލުވެގެން އޭނާގެ އެކުވެރިޔާ ކަންތައްކުރިގޮތް ކިޔައިދިނުމުން ބުންޏެވެ. "ތިއަ ކަމުގަ އެކުވެރިޔާގެ އެއްވެސް ކުށެއް ނުވިސްނެއެވެ. ތިބާގެ ޢުމުރަކީ 60 އަހަރެވެ. އެކުވެރިޔާއަށް 30 އަހަރެވެ. ކަލެއަށް އަވަހަށް ދަރިން ލިބުނުނަމަ ދާދި އެއް ޢުމުރުގެ ކާފަދަރިންވެސް ތިބޭނެއެވެ. ތިބާ އެކުވެރިޔާއާއި ަކއިވެނިކުރީ ތިބާގެ ހުރި ތަނަވަސްކަން ދެއްކީމާ އެކަމަށް ދަހިވެތިވެގެންނެވެ. ލޯބިވެގެނެއް ނޫނެވެ. އެކުވެރިޔާ ބޭނުންވާވަރަށް ތިބާގެ އަތުން ފައިސާ ހޯދުނީމާ ވަކިވީއެވެ. އޭނާ ކައިވެނިކުރީ އެކަމަށެވެ. ވީމާ އޭނާގެ ކުށެއް އަހުރެންނަކަށް ނުވިސްނެއެވެ."  

މިއީ އޭނާގެ ބަހެވެ. އަހުރެން ގޮތް ނިންމަނީއެއް ނޫނެވެ. މިފަދަ ޒަމާނެއްގައި ކުށެއް އޮތަސް އަދި ނެތަސް ކަންކަން ހިނގާނީ މިފަދަ ގޮތަކަށެވެ. ކިތަންމެ ގިނަ ފައިސާތަކެއް ދިން ނަމަވެސް  ބައްޕައާއި އެއްޢުމުރުގެ މީހަކާއެކު މުޅި ޢުމުރުހޭދަކުރާނީ ވަރަށް މަދު މީހެކެވެ.  

އެހެނެއް ނޫނެވެ. ތަނަވަސްކަން ދެއްކުމުގެ ބަދަލުގައި ރިވެތި އަޚްލާޤު ދައްކައިގެން ޒުވާންކުއްޖެގެ ލޯބި ހޯދިއްޖެނަމަ ނުކުންނަ ނަތީޖާ ތަފާތުވެދާނެއެވެ. ތަފާތުވެފައިވެސް އެބަހުއްޓެވެ.  

ވީމާ ތިމާއަށްވުރެ އެތައް އަހަރެއް ހަގުކުދިންނާ ކައިވެނިކުރާއިރު މިކަންކަމަށް ވިސްނައިލުން ރަނގަޅުވާނެއެވެ. ނުވިސްނައި ތަނަވަސްކަން ދައްކައިގެން ކައިވެނިކުރުމުން މިފަދަ ގޮތްތައް މެދުވެރިވީމާ ޝަކުވާކުރުމަކުން ކުޜާނެ ފައިދާއެއް ނެތެވެ. 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

 

 

މިއަދު އޮންލައިން