މިޔަރުގެ ދިރާސާތައް ކުރާ "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިޔަރުގެ ދިރާސާތައް ކުރާ "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ހުޅުވައިފި

މިޔަރުގެ ދިރާސާތައް ކުރުމަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.

"ދަ މިޔަރު ޕްރޮގްރާމް" ކިޔާ އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން އުފެއްދި މި ސެންޓަރަކީ މިޔަރުގެ ދިރާސާތައް ކުރުމަށާއި، ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މިއީ ރާއްޖޭގައި މިފަދަ ދިރާސާތަކަށް ހާއްސަކޮށްގެން ހުޅުވުނު މިފަދަ ފުރަތަމަ މަރުކަޒެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ހަބުގެ މައިގަނޑު މަގުސަދަކީ ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން އާންމު މުޖުތަމައާ ގުޅިގެން މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން ކަނޑުގެ ދިރުންތަކަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް މި މަރުކަޒުގެ އަމާޒެކެވެ.

ޖެނުއަރީ 2023 ގައި އުފެދުނު "މިޔަރު ޕްރޮގްރާމް" އަކީ ދިވެހި އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ ޖަމިއްޔާއެކެވެ.

މި ހަބު ހުޅުވުމަކީ އެ ޖަމިއްޔާގެ މަސައްކަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތުން ފާހަގަކުރެއެވެ. މި މަރުކަޒާއެކު ފުވައްމުލަކުގެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން