މުސްލިމް އަޚުންނޭވެ! ސިހުރުހާހޫރައަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކިޔަވާ ކިޔެވުންތަކަކާއި ހަދާ މަންތަރުތަކަކާއި ޖަހާ އަކަތަކަކާއި ގޮށްތަކެކެވެ. އަދި އެ ނޫން ގޮތަކުން ވެސް ސިހުރުހެދޭ މީހާގެ ގައިގައި ބީހުމަކާ ނުލައި، އޭނާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް އެކަމަކުން އަސަރުކުރުވާ ކަންކަމެވެ. ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އޭގައި ޙަޤީޤަތެއްވާކަން އެނގޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިހުރު ހަދާމީހުން)ގެ ނުބައިކަމުންވެސްމެއެވެ." މުސްލިމް އަޚުންނޭވެ! ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެއީ ޝިރުކުގެ ޢަމަލެކެވެ. އެހެނީ "ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު ޢަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެއެވެ. ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިޠާނާ އޭނާއަށް އަމުރުކުރެއެވެ. އަދި ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުމަށާއި، ވުޟޫއާ ނުލައި ނަމާދުކުރުމަށް އަމުރުކުރެއެވެ. ހަމަ އެހެންމެ ޖިންނިޝައިޠާނުންގެ ނަމުގައި ކަތިލައި، ޖިންނިޝައިޠާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވެއެވެ. މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި، ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާއަވަހަށް އަސަރުކުރެއެވެ. " މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އަދި އެއުރެންނާ އެކުގައިވާ ފޮތް ތެދުކުރައްވާ ރަސޫލަކު، ﷲގެ ޙަޟުރަތުން އެއުރެންގެ ގާތަށް ވަޑައިގަތް ހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، ﷲގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، ﷲ ބާވައިލެއްވި ފޮތެއްކަން ވެސް) އެއުރެން ނުދަންނަ ކަހަލައެވެ. އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބަޢަވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ." މުސްލިމް އަޚުންނޭވެ! ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: " ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރިކުރައްވައިފައިވާ) އިމްތިޙާނެއްކަމުގައޭ، ފަހެ ( ސިހުރު ދަސްކޮށްގެން) ކާފިރު ނުވާށޭ ވިދާޅުވެ (ނަސޭހަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ." ސިހުރުވެރިޔާއަށް ކާމިޔާބުނުވާނޭ ކަމުގައި ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ." އެހެންކަމުން ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް، ނަޞީބެއް ނުވެއެވެ. ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋﭣ ---- މާނައީ: "މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، ﷲ، އެ ޖާދޫ ބާޠިލުކުރައްވާނެތެވެ. ހަމަކަށަވަރުން، ފަސާދަކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއްނުކުރައްވާހުށްޓެވެ." ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ޤަތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައި އިބުނު ޤުދާމާ އެކަލޭގެފާނުގެ "އަލްމުޣްނީ"އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވައިފައި ވެއެވެ. މުސްލިމް އަޚުންނޭވެ! ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް ނަހީކުރައްވައިފައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ." އަދި އެފަދަ މީހަކު ބުނާ ބަހެއް ޤަބޫލުކުރާ މީހާއާ މެދު ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِـمَا يَقُوْلُ، فَقَدْ كَفَرَ بِـمَا أُنْزِلَ عَلَى مُحَمَّدٍ) މާނައީ: "ސިޙުރުވެރިޔެއް ނުވަތަ ކާހިނެއް ކުރެން ކަމަކާ މެދު ސުވާލުކޮށް، އޭނާގެ ވާހަކަ ޤަބޫލުކޮށްފި ނަމަ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެކަން ކަށަވަރެވެ."
މުސްލިމް އަޚުންނޭވެ! ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި ޢާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަވެރިކަން އުފެދެނީ ކިހައިވަރަކަށް ހެއްޔެވެ؟ މި ފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލާށެވެ! މި ފަދަ ބާޠިލު ވަހުމްތަކާއި ޝައްކުތަކުން އަހަރެމެންގެ ހިތްތައް ސަލާމަތްކޮށް، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމެވެ. މުސްލިމް އަޚުންނޭވެ! ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާއެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހެއެވެ. ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް ﷲ ގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށެވެ. ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވެއެވެ. ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެއެވެ. ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެއެވެ. އަދި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެއެވެ. މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަމެވެ. އެ ފަދަ ކަންތަކަށް ތިބާ ތަބަޢަނުވާށެވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހެޔޮ ބަސް އަހާ، ހެޔޮ ބަސް ޤަބޫލުކުރާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!