ފިރިމީހާ ވަޤުތު ނުދޭނަމަ ނިކަން މިއިން ގޮތަކުން މަސައްކަތްކޮށްބަލަ! ގިނަ ބައަކު ބުނަނީ މައްސަލަ ޙައްލުކުރެވޭ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފިރިމީހާ ވަޤުތު ނުދޭނަމަ ނިކަން މިއިން ގޮތަކުން މަސައްކަތްކޮށްބަލަ! ގިނަ ބައަކު ބުނަނީ މައްސަލަ ޙައްލުކުރެވޭ ކަމަށް!

އަނބިންނަށް ވަޤުތު ނުދޭކަމުގެ ޝަކުވާއަކީ އެންމެ ގިނައިން ލިބޭ އެއް ޝަކުވާއެވެ. މިފަދަ ޝަކުވާތަކާއި ގުޅިގެން ފިރިމީހާގެ ބަހެއް ހޯދަން މަސައްކަތްކުރުމުން ބައެއް ފިރިން ފާހަގަކުރާ މައްސަލަ ބުނެލާނަމެވެ! އެމައްސަލައަކީ ވަޤުތު ދިނުމުން ދައްކަންފަށާ ވާހަކަތަކެވެ.  

އެހެންވެ ނަޞީހަތެއްގެ ގޮތުން ބުނެލަން ބޭނުންވަނީ ފިރިމީހާއާއިއެކު ވަޤުތުކޮޅެއް ލިބޭއިރަށް ޝަކުވާތައް ހުށަހަޅަން ނުފަށާށެވެ. ފިރިމީހާ ޝައުޤުވެރިވާނެ ވާހަކައަކުން ފަށާށެވެ! އެއިރުން އަޑުއަހާނެއެވެ. ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަންވެސް ފުރުޞަތު ލިބޭނެއެވެ.  

މިޘާލެއްވެސް ބުނެލާނަމެވެ! ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އައީއެވެ. އެއިރު އޭނާގެ ސިކުނޑި ހުންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ގެއަށްވަދެ އެކުގައި އިށީނދެލާތަނުން ޝަކުވާތަކެއް ކުރަން ފެށީމާ ދެން ކންތައްވާނެ ގޮތާއިމެދު ވިސްނައިލާށެވެ!

ދެން އޮތީ އަނބިމީހާއަށް އެއްވެސް ވަރަކަށް ވަޤުތުނުދޭ ފިރިންގެ މައްސަލައެވެ. އެބާވަތުގެ ފިރިންގެ މައްސަލައަކީ ތަފާތު މައްސަލައެކެވެ. އެމީހުންގެ އަތުން ވަޤުތު ހޯދަން ޖެހޭނީ ޙިކުމަތުންނެވެ. އެކަމަށްވެސް އޮންނާނެ އެންމެ ފަސޭހަގޮތަކީ އޭނާގެ ސަމާލުކަން ތިބާއަށް ލިބޭނެ ގޮތެއް ހޯދުމެވެ. އެކަން ދެނެގަނެވޭނީ އެމީހަކާއިއެކު އުޅެގެންނެވެ.  

އެކަމަށްވެސް މިޘާލެއް ބުނެލާނަމެވެ. ފިރިމީހާއަކީ އަނބިމީހާ ގޮވައިގެން ބޭރަށްދާން ބޭނުންނުވާ މީހަކަށްވެދާނެއެވެ. އެފަދަ މީހެއްގެ ގާތުގައި ބުރުޖަހަން ނުވަތަ ކެއުމަކަށް ތަނަކަށް ދިއުމުގެ ވާހަކަ ދެއްކިނަމަވެސް ސަމާލުކަން ނުދީފާނެއެވެ. ނަމަވެސް އޭނާގެ މައިންބަފައިންގެ ގާތަށް ގޮސްލުމުގެ ވާހަކަ ދެއްކުމުން ސަމާލުކަންދޭނެއެވެ. ފިހާރައަކުން ފެނުނު ވަރަށް ރީތި ގަމީހެއް ބަލައިލަން ދާންބުނީމާ ސަމާލުކަންދޭނެއެވެ.  

މިފަދަ ކޮންމެވެސް އުކުޅަކުން ގެއިން ނެރެވިއްޖެނަމަ ބުރެއް ޖަހާލަންވެސް ދެވޭނެއެވެ. ކެއުމަކަށްވެސް ދެވިދާނެއެވެ. އަދި އެކަންކަން ކުރަން ފެށުމުން އެކުގައި ބޭރަށް ދިއުމުގެ ޝައުޤުވެރިކަން އުފެދެއެވެ.  

އަހުރެން މިވާހަކަކޮޅު މިބުނެލީ ކްލައިންޓުންގެ ތަޖުރިބާއިން މިއީ ފައިދާކުރާ ގޮތްތައްކަން އެނގޭތީއެވެ. ތިބާވެސް ނިކަން "ޓްރައި"ކޮށްލަބަލާށެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން