ބަލިޙާލެއްގަ އުޅެންޖެހެނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫން! ކެތްތެރިވުމަކީ އެންމެ މަތިވެރި ނިޢުމަތް ދެއްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ބަލިޙާލެއްގަ އުޅެންޖެހެނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫން! ކެތްތެރިވުމަކީ އެންމެ މަތިވެރި ނިޢުމަތް ދެއްވަވާ ކަމެއް!

އަޅުގަނޑަކީ ވަރަށް ބޮޑު ބައްޔެއްގައި އުޅެންޖެހިފައިވާ މީހަކީމެވެ. ގިނަ ދުވަސްދުވަހު ނުވެސް ތެދުވެވެއެވެ. އަޅުގަނޑު އުޅެމުން އައީ ވީހާރަނގަޅަކަށެވެ. ފާފައެއް ނުކުރަން މަސައްކަތްކުރަމެވެ. ވީހާ ގިނައިން ހެޔޮ ޢަމަލުކުރަންވެސް މަސައްކަތްކުރަމެވެ. މިޙާލުގައިވެސް ނަމާދުތައްކޮށް ޛިކުރުތައް ކުރަމެވެ. ކަންބޮޑުވެވެނީ އަޅުކަންކުރެވޭލެއް މަދުކަމުންނެވެ.  

މިއީ ކިޔުންތެރިއެއްގެ ބަސްކޮޅެކެވެ. ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެނދުގައި އޮންނަން ޖެހުނަސް ނަމާދުކޮށް ޛިކުރުކުރެވޭނެއެވެ. ދުލުން ކިޔަން އުނދަގޫވާނަމަ ހިތުންވެސް ކިޔޭނެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނެއެވެ. އެކަންކަން ކުރަން މަސައްކަތްކުރާށެވެ. އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! އެއިރުން މާޔޫސްކަން ފިލައި ހިތްވަރު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ބޮޑެތި ތަފާތު ބަލިތައް ގިނަވެއްޖެއެވެ. ކެންސަރު ބައްޔާއި ސްޓްރޯކް ޖެހުން ގިނަވެއްޖެއެވެ. ވާގިނެތި އެނދުމަތިވެފައިތިބޭ މީހުން ގިނަވެއްޖެއެވެ. ބޭސްފަރުވާގެ ގޮތުން ދުނިޔެ ކުރިއަރައިދިނަމަވެސް ނުރައްކާތެރި ބަލިތައް ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ. އެކަމުގެ ވޭނުގައި އުޅެންޖެހޭ މީހުން މިދަނީ ގިނަވަމުންނެވެ.  

އެހެންކަމުން މިބަޔާންކޮށްލަނީ ބަލިވުމުން، ޚާއްޞަކޮށް ބޮޑެތި ބަލިތަކުގައި އުޅެންޖެހޭ މީހުން އެންމެ ބޮޑަށް ހިތްވަރުލިބިގަންނަން އޮތް ފިލާވަޅެވެ! އިން ޝާ ﷲ. ދުޢާއަކީ ބަލިތަކުން ސަލާމަތްވެ ތިބުމުގެ ތައުފީޤް ދެއްވެވުމެވެ.  

އައްޔޫބްގެފާނަކީ މުދަލާއި އަނބިދަރިން ގިނަ ނަބީބޭކަލެކެވެ. ހުރިހާ ތަނަވަސްކަމެއް ގެއްލިވަޑައިގަތެވެ. ހުރިހާ ބޭފުޅުން އަވަހާރަވިއެވެ. އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އަނބިކަނބަލަކު ފިޔަވައި ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރައްވައި ވަޑައިގަތެވެ.  

އާލާސްކަންފުޅަކީ ގޮތް ނުއެނގޭ ވަރަށް ބޮޑު އާލާސްކަންފުޅެކެވެ. ބިރުވެރިކަން ހުރި އާލާސްކަންފުޅެކެވެ. ހަށިކޮޅުގެ މަސްތައް ކަށިތަކާއި ވަކިވެ ފައިބަމުންދިއަ އާލާސްކަންފުޅެކެވެ. އެހެން މީހަކަށް އެ ބަލި ޖެހިދާނެ ކަމުގެ ބިރަށް އެކަލޭގެފާނު ރަށުން ބޭރުކޮށްލެވުނެވެ.  

އެދަތި ޙާލުކޮޅުގައި އެބޮޑުބަލީގައި 13، 18 އަހަރު ހޭދަކުރެއްވެވިއެވެ. އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. ކެތްތެރިވެވަޑައިގަތެވެ. އެންމެފަހުން ﷲ ތަޢާލާއަށް ދުޢާ ކުރެއްވެވީ ހަށިކޮޅުގެ ބާރު ދެރަވެ ﷲ ތަޢާލާއަށް އަޅުކަން ނުކުރެއްވެވޭ ޙާލަތަށް ދިއުމުންނެވެ. ދުޢާ ކުރެއްވެވިއިރުވެސް އެއްވެސް ކަމަކަށް އެދިވަޑައިގެން ނުދަންނަވައެވެ. ދަތިހާލުކޮޅެއް ކުރިމަތިވެވަޑައިގެންފި ކަމަށެވެ!  

އައްޔޫބްގެފާނުގެ ކެތްތެރިކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއއާނުގައި ތަޢްރީފްގެ ބަސްފުޅު ވަޙީ ކުރައްވަވައިފައެވެ. "އެކަލާނގެ އަޅުތަކުންގެ ތެރެއިން ހާދަ ރަނގަޅު އަޅެއް" ކަމަށް ވަނީ ވަހީ ކުރައްވަވައިފައެވެ. ލިބިވަޑައިގަތީ ކޮންފަދަ މަތިވެރި ދަރަޖައެއްތޯއެވެ!  

"އަދި އައްޔޫބްގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާއަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވާ، އެންމެ ރަހްމަތްވަންތަ ރަސްކަލާނގެއެވެ." (އަލް އަންބިޔާ: 83)  

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ޙާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ". (އަލް އަންބިޔާ: 84)

 

- ޑރ. މުޙައްމަދު - ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން