ދެމަފިރިންނަށް ބެލިނަމަވެސް ގިނަ ބައަކު ފޯނު ގެންގުޅޭނެއެވެ. އަނބިމީހާވެސް އަދި ފިރިމީހާވެސް ފޯނު ގެންގުޅޭނެއެވެ. ދެމީހުންގެ ފޯނަށްވެސް ކޯލްތައް ލިބޭނެއެވެ. ދެމަފިރިން އެކުގައި ތިއްބައިވެސް ލިބޭނެއެވެ. ލިބުމުން ވާހަކަވެސް ދައްކާނެއެވެ. އަދި ގުޅައިގެންވެސް ވާހަކަދައްކާނެއެވެ.
ދެންމިވާގޮތަކީ ވާހަކަދައްކަމުން ހިނިތުންވެލައިފިނަމަ ނުބައި ތުހުމަތުތައް ކުރެވެނީއެވެ. ޝައްކުތައްވެސް ކުރެވެނީއެވެ. އެންމެ ފަހުން ޒުވާބުވެސް ކުރެވެނީއެވެ.
އެގޮތަށް އެކަންވިއަނުދޭށެވެ! ހިނިތުންވެވޭނީ ހަމައެކަނި ލޯބިވެރިޔާއަކަށް ނޫނެވެ. އުފާވާ ނުވަތަ މަޖާ ވާހަކައެއް ދެއްކޭނަމަ ހިނިތުންވެވޭނެއެވެ. ވީމާ ނުބައި ގޮތަކަށް ޝައްކުކުރެވިއްޖެނަމަ ކޯލް ނިމުމުން ސުވާލުކުރާށެވެ! ހިތްހަމަޖެހޭ ޖަވާބެއް ނުލިބިއްޖެނަމަ އަލުން ގުޅުވައި ވާހަކަދެއްކީ ކާކާކަން ޔަޤީންކުރާށެވެ! އެޙާލަތުގައި އަނބިމީހާވެސް އަދި ފިރިމީހާވެސް އަނެކާއަށް އެއްބާރުލުން ދޭންވާނެއެވެ. ޝައްކު ފިލުވައިދޭންވާނެއެވެ. އެކަމަށް ދެކޮޅުހަދާނަމަ އެއޮތީ ގޯސްވެފައެވެ.
މިފަދަ ކަންކަން ކުރިމަތިވާނެއެވެ. ބައިވެރިޔާދެކެ ލޯބިވާވަރު ބޮޑުވާވަރަކަށް ޝައްކުކުރެވޭވަރު ބޮޑުވެސްވާނެއެވެ. ޝައްކު ކުރެވެނީ އިތުބާރު ނުކުރާތީއެއްވެސް ނޫނެވެ. ލޯބިވާވަރު ބޮޑުކަމުން ބައިވެރިޔާ ގެއްލިދާނެކަމުގެ ބިރަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ޝައްކުތައް ފިލުވައި ދިނުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް