އިސްލާމް ދީނުގައި އަނބިމީހާ ދެކެ ވާންޖެހޭ ލޯތްބަކީ ހަމައެކަނި ޢިޝްޤީ ލޯތްބެއް ނޫނެވެ. އެއީ އެއަށްވުރެ މާމަތިވެރި ކަމެކެވެ. އަނބިމީހާގެ ގައިގައި ލޯބިން ބީހިލުމަކީވެސް އަދި ބިސްދިނުމަކީވެސް ޞަދަޤާތެކެވެ. ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އެންމެ ކުޑަމިނުން ހިނިތުންވެލުމަކީވެސް ﷲ ތަޢާލާ ރުހިވޮޑިގެން ޘަވާބު ދެއްވަވާ އަޅުކަމެކެވެ.
ދަންނާށެވެ! މިބުނި ކަންކަމުގެ އިތުރަށް އަނބިމިހާއާއި ލޯބިން ވާހަކަ ދެއްކުމަކީވެސް ކުރި އަޅުކަމެއްގެ ގޮތުގައި މަލާއިކަތުން ލިޔުއްވަވާނެތެވެ. ވީއިރު މިހުރީ ސަމާލުކަންދީފިނަމަ ކިހައި ފަސޭހައިން ކިހައިގިނަ ޘަވާބު ހޯދެންހުރި ކަންކަން ހެއްޔެވެ؟
ދެމަފިރިންގެ ގުޅުމުގެ ތެރެއިންވެސް މިހާފަސޭހައިން މިހާގިނަ ޘަވާބު ހޯދޭނެ ގޮތް ﷲ ތަޢާލާ ފަހިކޮށްދެއްވަވާފައިވާއިރު އަހުރެމެންނަށް ކަންކަން މިކުރެވެނީ ކިހިނަކުން ހެއްޔެވެ؟ ދެރަވާންޖެހެނީ ޘަވާބު އިތުރުވުމުގެ ބަދަލުގައި ޢަޛާބު އިތުރުވާނެ ގޮތަށް ކަންކަން ކުރެވޭތީއެވެ.
އަހުރެން ފިރިންނަށް ނިޞްބަތްކޮށް މިނަބީޙަތް މިދިނީ މިތަނުގައި މިތިބީ ފިރިހެނުން ކަމަށްވާތީއެވެ. އަނބިންވެސް ހަމަ މިގޮތަށް ކަންކަން ކުރުމުން ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ދެމަފިރިންގެ ލޯބީގެ ގުޅުމުގެ ތެރެއިން ހޯދެންހުރި ޘަވާބު ހޯދަން ދެމަފިރިންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ މިއަދާއި އަދި އާޚިރަތްދުވަހުވެސް ކުރާނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް