ޢާއިޝަތު ރަފާޙް ޢަލީ
ބަދުދުޢާ ﷲ ޤަބޫލުކުރައްވާފާނެތަ؟:
މިއީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މެނުވީ ޖަވާބު ނުދެއްވޭނެ ކަމެކެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
لا تدْعوا على أنفسِكم ، ولا تدْعوا على أولادِكم ، ولا تدْعوا على خَدَمِكم ، ولا تدْعوا على أموالِكم ، لا تُوافقوا من اللهِ ساعةَ نيْلٍ فيها عطاءٌ فيُستجابَ لكم
މާނައީ: "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މައްޗަށްވެސް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ޚާދިމުންގެ މައްޗަށްވެސް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށްވެސް ބަދުދުޢާ ނުކުރާށެވެ! (އެއީ) ﷲ ގެ ޙަޟްރަތުން ދެއްވުންތައް ލިބޭ ވަގުތަކާ، ތިޔަބައިމީހުން އެކުރާ ބަދުދުޢާ ދިމާވެ، އެކަލާނގެ ތިޔަބައިމީހުންގެ އެ (ބަދު) ދުޢާ އިޖާބަކުރައްވައިފާނެތީއެވެ."
މިއީ ހާސްކަމާއި ދަތިކަމުގެ ވަގުތުތަކުގައި ވާގޮތެކެވެ. ގިނަ ބަޔަކު އެމީހުންނަށް ނޭނގުމުގެ ސަބަބުންނާއި، މާޔޫސްވާ ވަގުތުތަކުގައި "އޭ ﷲ! އަޅުގަނޑުގެ ފުރާނަ ހިއްޕަވާށޭ، އަޅުގަނޑު ހަލާކުކުރައްވާށޭ، ނުވަތަ އަޅުގަނޑު ނުކުޅެދުންތެރިއަކަށް ހައްދަވާށޭ" މިފަދައިން ބުނެވެއެވެ. އަދި އެ ބުނާ ބުނުން، ﷲ ދުޢާ ޤަބޫލުކުރައްވާ ވަގުތަކާ ދިމާވެއްޖެނަމަ، ﷲ އެ ދުޢާ އިޖާބަކުރައްވައެވެ. އެހެންކަމުން މިއީ ވެދާނެ ކަމެކެވެ. (މާނައަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތަކު ކުރެވިއްޖެނަމަ ވަޤުތުންވެސް ޢިޖާބަކުރެއްވެވުމެވެ.)
ނަމަވެސް، މީހަކު ހަމަ ކުއްލިއަކަށް ތިބާގެ މައްޗަށް ބަދުދުޢާކޮށް "ﷲ ތިބާ ނުކުޅެދުންތެރިއަކަށް ކުރައްވާށި، ނުވަތަ ތިބާގެ ބުރަކަށި ބިންދާލައްވާށި" މިފަދައިން ބުނެފިނަމަ، (އޭގެ ޙަޤީޤަތް ތަފާތެވެ.) ތިބާ އެއްވެސް ނުބައި ކަމެއް ކޮށްފައިނުވާނަމަ، ޛިކުރުތައް ފުރިހަމައަށް ކިޔާ، ހެޔޮލަފާ މުސްލިމަކު ކަމުގައިވާނަމަ، ﷲ އެފަދަ ނުބައި ދުޢާއެއް ޤަބޫލުކުރެއްވުމުގެ ފުރުޞަތު ވަރަށްވެސް ކުޑައެވެ.
އެހެންކަމުން، އަޅުގަނޑުމެންނީ ޞާލިޙު، އަދި އެހެން މީހުންނަށް އަނިޔާވެރިނުވާ ނުވަތަ ބޭއިންސާފުން ކަންތައް ނުކުރާ ބަޔަކު ކަމުގައިވާނަމަ، މީހުން ކުރާ ބަދުދުޢާއަށް ބިރުގަންނާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެން ﷲ އަށް ވަކީލުކުރަންޖެހެއެވެ. ހަމަކަށަވަރުން ﷲ އީ ޢަދުލުވެރި، އިންޞާފުވެރި ރަސްކަލާނގެއެވެ. އަދި އެއްވެސް ޙައްޤަކާ ނުލައި މީހުން ކުރާ އެފަދަ ނުބައި ދުޢާތަކަށް، އެކަލާނގެ އަޅުގަނޑުމެން ޖަވާބުދާރީއެއް ނުކުރައްވާނެއެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް