ކޮންމެ ދަރިއަކުވެސް އުފެދެނީ މައިންބަފައިންގެ ލެއިންނެވެ. އަޚުންނާއި އުޅުތުންގެ ހަށިގަނޑުގައިވެސް ވަނީ އެއްލެއެކެވެ. މައިންބަފައިންވެސް އަދި އަޚުންނާ އުޚުތުންވެސް ތިބާ ދެކެ ލޯބިވަނީ ލޭގެ ގުޅުމެއް އޮންނާތީއެވެ.
ނަމަވެސް ޙަޔާތުގެ ބައިވެރިއަކަށް ތިމާ އިޚްތިޔާރުކުރާ މީހާ ވަރަށް ތަފާތެވެ. އޭނާގެ ލޯތްބަށް އިންތިހާއަށް ބޭނުންވާއިރު ލޭގެ ގުޅުމެއް ނުވެއެވެ. ވީމާ އަނެކާދެކެ ލޯބިވުމަށް މަޖުބޫރުކުރުވާ ސަބަބެއް ނެތެވެ. ވީމާ ތިމާ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް މަންބަފައިންނާ އަޚުންނާ އުޚުތުން ތިމާދެކެ ލޯބިވާ ފަދައިން ބައިވެރިޔާ ތިމާދެކެ ލޯބިވާނެކަމަށް ހީވެސް ނުކުރާށެވެ!
ޤަބޫލުކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތިމާއަށް ރަނގަޅަށް ކަންކަން ނުކުރެވޭނަމަ މައިންބަފައިންނާއި އަޚުންނާއި އުޚުތުންވެސް ތިމާއާއި ދުރުހެލިވާކަމެވެ. އެހެންކަމަށްވާއިރު ބައިވެރިޔާއާއިމެދު ރަނގަޅަށް ކަންކަން ނުކުރެވޭނަމަ ދުރުވުމުގެ ފުރުޞަތު މާބޮޑުވާނެ ކަމެވެ.
ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނީ ސިކުނޑިއަށް އަރާމުލިބި، ހިތްހަމަޖެހިގެން ދިރިއުޅުމެވެ. ވީމާ ބައިވެރިޔާގެ ސިކުނޑިއަށް ނުތަނަވަސްކަން ދޭނަމަ ފޫހިވާނެއެވެ. ގޯސްކޮށް ކަންކަން ކުރާނަމަ އެކުގައި އުޅޭކަށް ބޭނުމެއްވެސް ނުވާނެއެވެ.
ވީމާ ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު މިކަންކަމަށް ސަމާލުކަންދޭށެވެ. ދެމީހުންނަށް އުފާވެރިކަން ލިބި ލޯބިން އެކގައި އުޅެވޭނީ އެއިރުންނެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ބައިވެރިޔާ ތިމާދެކެ ލޯބިވާނެކަމަށް ހީވެސްނުކުރާށެވެ. ގޯސްކޮށް ކަމެއް ކުރެވޭނަމަ ފޫހިވެ ތިމާއާއި ވަކިވާނެކަމަށް ވިސްނާށެވެ. އެންމެ ރައްކައުތެރި ގޮތަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން