ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 17

ކިޔުމަށް ހޭދަވާނީ 3މ 38ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 17

އިސްލާމީ ލަޝްކަރުގެ ސިފައިން އައިސް އެކަލޭގެފާނުގެ ގޮހޮރު އެތެރެއަށް ވެއްދިއެވެ.

އެއަށްފަހު ޢުލްބާ ބިން ޖަޙްޝް އަލްޢިޖްލީ ޒަޚަމްގެ މަތީގައި އަތްޕުޅު އަޅުއްވައިގެން ދުވެވަޑައިގެންފައި، އީރާނުގެ ލަޝްކަރުގެ ކައިރިއަށް ވަޑައިގެން ހަނގުރާމަ ފެއްޓެވިއެވެ. އެކަލޭގެފާނު ޝަހީދުވީ އެ ގޮތުގައި ހަނގުރާމަކުރައްވަނިކޮށެވެ. މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި އެކަލޭގެފާނުގެ އެންމެ ފަހުގެ ބަސްފުޅަކީ މިދަންނަވާ ބަސްފުޅެވެ. [މި ކަމުގެ ބަދަލު އަހަންނަށް އަހަރެންގެ ވެރި ރަސްކާލާނގެ ޙަޟްރަތުން ލިބޭނެކަމަށް އުއްމީދުކުރަމެވެ. ހަނގުރާމަކުރި މީހުންނާއެކުގައި އަހަރެން ރަނގަޅަށް ހަނގުރާމަކުރީމެވެ. މުޖާހިދުންގެ އުއްމީދާއި ރޫޙަކީ ޝަހީދުވުމެވެ. ހަނގުރާމައިގެ ޣަނީމާ މުދަލެއް ނުވަތަ ބިން ފަތަޙަކުރުމެއް ނޫނެވެ.]

އެހެން ފަހަރަކު އީރާނުގެ ފަހުލަވާނަކު ކުރިއަށް ނުކުމެފައި ގޮވައިލިއެވެ. [އަހަންނާ ހަނގުރާމަކުރާނީ ކާކު ހެއްޔެވެ؟] ޢާރަފް ބިން ޢާލަމް އޭ ކިޔުނު މުސްލިމް މުޖާހިދަކު ކުރިއަށް ޖެހިވަޑައިގެން، މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ކަންތައް ނިންމައިލެއްވިއެވެ. ހަމަ އެ ވަގުތު އިތުރު ދުޝްމަނަކު އައިސް ހަނގުރާމަ ފެށުމުން، އޭނާވެސް އެކަލޭގެފާނު ޤަތުލުކުރެއްވިއެވެ. އީރާނުގެ ސިފައިންގެ ބަޔަކު އައިސް އެކަލޭގެފާނު ވަށައިލިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅު އަތުލައި ބިންމައްޗަށް ވައްޓައިލިއެވެ. އެއީ ވަރަށް ނާޒުކު ވަގުތެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހަނގުރާމަކުރާނެ އެއްވެސް ހަތިޔާރެއް ނެތެވެ. އެކަލޭގެފާނު އަތްޕުޅުން ވެލި މުއްވަރެއް ނަންގަވައިފައި، ދުޝްމަނުންގެ ލޯތަކަށް އުކައިލެއްވިއެވެ. ލިބުނު ތަންވަޅުގައި އަވަސްއަވަހަށް އިސްލާމީ ލަޝްކަރާ ގުޅިވަޑައިގެންފިއެވެ.

އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާ ޚަންސާއު ބިންތި ޢަމްރުގެ ހަތަރު ދަރިކަލުންވެސް މި ހަނގުރާމައިގައި ޝަހީދުވިއެވެ. ހަތަރު ދަރިކަލުން ޝަހީދުވި ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާ ބާރަށް ކީރިތިކުރައްވައެއް ނަހައްދަވައެވެ. އެކަމަނާ ވިދާޅުވިއެވެ. [އަހަރެންގެ ދަރިންނަށް ޝަހީދުވުމުގެ ނިޢުމަތްދެއްވި ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އަހަރެންގެ އުންމަތް (ނުވަތަ އުއްމީދު) އަކީ އަހަރެމެންނަށް ﷲ ސުވަރުގޭގެ ނިޢުމަތް ދެއްވުމެވެ. އެ ތަނުގައި އަހަރެމެން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކުރުމެވެ.]

ހަނގުރާމައިގެ ދެވަނަ ދުވަހު ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ބޮޑުބޭބެއިންގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު، ހަނގުރާމައިގެ ވަރަށް މޮޅު އުކުޅެއް ރާވައިލެއްވިއެވެ. އެއީ ޖަމަލުތަކުގެ މަތީގައި ބޮޑެތި ހައުދަޖުތަކެއް ބެހެއްޓުމަށްފަހު، ޖަމަލުތަކުގެ ކަނދުރާއާއި މޫނުތައް ކަޅު ސާލުތަކުން ނިވާކޮށްލުމެވެ. އެގޮތަށް ހެދުމުން ޖަމަލުތައް ފެންނަނީ ބިރުވެރި ސިފައެއްގައެވެ. ޖަމަލުތައް ހީވަނީ ބޮޑެތި އެތްތަކެއްހެންނެވެ. ޖަމަލުތައް ފެނުމުން ދުޝްމަނުންގެ އަސްތައް ބިރުން ފިލަން ދުއްވައިގަނެއެވެ. ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު އަމުރުކުރައްވައިފައިވަނީ ފިލަންދުވާ ދުޝްމަނުން ޤަތުލުކުރުމަށެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު ދުޝްމަނުންގެ ލަޝްކަރުގެ މީސްތަކުން މުސްލިމުންނަށް ހެދިގޮތަށް، މިއަދު މުސްލިމުން ދުޝްމަނުންނަށް ހަދަމުންގެންދިޔައެވެ.

އަބޫ މިޙްޖަން އަކީ ޘަޤީފުވަންހައިގެ މީހެކެވެ. ވަރަށް މޮޅު ޅެންވެރިއެކެވެ. ޅެންވެރިކަމާ އެއްވަރަށް އޭނާއަކީ ހިތްވަރުގަދަކަމާއި ބިރުކުޑަކަމަށްވެސް މަޝްހޫރު މީހެކެވެ. އިސްލާމްދީން އައުމުގެ ކުރިން ރަލަކީ ޢަރަބީންގެ މެދުގައި ވަރަށް ޢާއްމު އެއްޗެކެވެ. އެ ޒަމާނުގެ ޅެންތަކުގައިވެސް ރަލުގެ ވާހަކަ ބަޔާންކޮށްފައި ހުރެއެވެ. އެއްފަހަރަކު އެކަލޭގެފާނު ވިދާޅުވި ޅެމެއްގައި ރަލަށް ތާރީފުކުރެވޭ ފަދަ ބަސްތަކެއް އެކުލެވިފައިވިއެވެ. އެ ޅެމުގެ ވާހަކަ އަޑުއިވިވަޑައިގަތުމުން ސަޢުދުގެފާނު އެކަލޭގެފާނު ހައްޔަރުކުރައްވައި، ކަސްތޮޅުއަޅުއްވައިފައި ބެހެއްޓެވިއެވެ. ހަނގުރާމަ ގަދަވެ ކަނޑިތަކުގެ އަޑުފަށްގަނޑު އިވިވަޑައިގަތުމުން، އަބޫ މިޙްޖަންގެ ހިތްޕުޅުގައި ހަނގުރާމަކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިޔައެވެ. ހަނގުރާމަކުރުމުގެ ހުއްދަ ދެއްވުން އެދިވަޑައިގެން ސަޢުދުގެފާނުގެ އަރިހުގައި ދެންނެވިއެވެ. ނަމަވެސް ސަޢުދުގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. އެކަލޭގެފާނު އަނބުރާ ފޮނުއްވައިލެއްވިއެވެ.

ދެން އަބޫ މިޙްޖަން ވަޑައިގަތީ ސަޢުދުގެފާނުގެ އަނބިކަނބަލުން ސަލްމާ ގެ އަރިހަށެވެ. ވަޑައިގެން ދެންނެވިއެވެ. [އޭ ސަލްމާއެވެ! އަޅުގަނޑަށް ކަމެއް ކޮށްދެއްވާށެވެ.] އެކަމަނާ އެއީ ކޮން ކަމެއްތޯ އޮޅުންފިލުއްވުމުން ވިދާޅުވިއެވެ. [އަޅުގަނޑު ހައްޔަރުން ވީއްލަވައި، ސަޢުދުގެފާނުގެ އަސްކޮޅު ތިމަންނާއަށް ދެއްވާށެވެ. އަޅުގަނޑު ހަނގުރާމައިގައި ބައިވެރިވާން ބޭނުމެވެ. الله ގަންދެމެވެ! އެކަލާނގެ އަޅުގަނޑު ރައްކާތެރިކުރައްވައިފިނަމަ، އަލުން އެނބުރި އައިސް އަޅުގަނޑުގެ ދެ ފައިގައި ކަސްތޮޅު އަޅުވައިގެން އިނދެފާނަމެވެ. އަހަރެން ޝަހީދުވެއްޖެނަމަ އަޅުގަނޑަށް މަޢާފުކޮށްދެއްވާށެވެ.]

- ނުނިމޭ -

މިއަދު އޮންލައިން