ޢާއިޝަތު ރަފާޙް ޢަލީ
އަންތބަކު ބެލެހެއްޓުމުގެ ޤާބިލުކަން ހުރެމެ ލޯބިވާކަމަށްބުނެ އެކުގައި އުޅެމުންވެސް ކައިވެނިކުރުން ލަސްކުރާ މީހުން މިޙަދީޘްފުޅަށް ވިސްނައިނުލަނީ ކީއްވެގެން ހެއްޔެވެ؟
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
عن عبد الله بن مسعود رضي الله عنه قال: كُنَّا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَبَابًا لَا نَجِدُ شَيْئًا فَقَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ منكُم الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ
މާނައީ : ޢަބްދު ﷲ ބުން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައިވީމެވެ. އޭރު ތިމަން ބޭކަލުންނަކީ ޒުވާން ފުރައިގެ، ނަމަވެސް އަތްމަތި ދަތި ބަޔަކީމެވެ. ފަހެ ރަސޫލާ صلى الله عليه وسلم ތިމަންމެންނާ މުޚާތަބު ކުރައްވާ، ޙަދީޘް ކުރެއްވިއެވެ. "އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. ހަމަކަށަވަރުން އެކަމަކީ ލޮލަށް ހުރި ފިނިކަމެކެވެ. އަދި އެކަމަކީ ލަދުވެތި ގުނަވަނަށް ލިއްބައިދޭ، ރައްކާތެރިކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން ރޯދައިގައި ރައްކާތެރިކަމެއް ވެއެވެ."
މި ޙަދީޘުފުޅުންވެސް އަންގައިދެނީ ކައިވެނި ކުރުމަށް ކުޅަދާނަ ނުވަތަ އަނބިމީހާ ބެލެހެއްޓޭ، އަދި ޚަރަދު ކުރެވޭ ފަދަ ކުޅަދާނަކަން ހުރިނަމަ ކައިވެނި ކުރުން އަވަސްކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމާއި،
ޙަރާމް ކަންކަމުން ދުރުހެލިވެގެން ހުރުމަށާއި، ލޯތައް ތިރިކުރުމަށް އެހީތެރިވެދޭ ކަމެއް ކަމާއި،
އަނބިމީހާ ބެލުމުގެ ކުޅަދާނަކަން ނެތްނަމަ ކައިވެނި ކުރުން ހުއްދަ ނުވާނެ ކަމެވެ.
އެގޮތުން ﷲ ތަޢާލާ ނޫރު ސޫރަތުގެ 33 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ
މާނައީ: "އަދި ކާވެނިވުމުގެ މަގެއް ނުފެންނަ މީހުން عفة ތެރިވެ ތިބޭހުށިކަމެވެ! اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެން މުއްސަނދިކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާނދެނެވެ."
މީގެ އިތުރުން ކައިވެނި ކުރުމުގެ އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފުމަށް އެވަނީ އަންގަވާފައެވެ.
ޢިއްފަތްތެރިކަމަށް ދީނުގައި ބާރުއަޅުއްވާފައިވާ މިންވަރުވެސް މި ޙަދީޘުފުޅުން އެނގިގެން ދެއެވެ.