ޢާއިޝަތު ރަފާޙް ޢަލީ
ތިބާއަށް އެޅުނު 100 ފަތިސްނަމާދާ މެދު، އެކަމާ އަޅާލައި އެކަމާ ހިތާމަކުރުމެއް ތިބާގެ ކިބަޔަކު ނެތެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ފަތިސްނަމާދަށް ހޭލުމަށް މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ" މިފަދައިން ދުޢާކުރުމެއް ވެސް ނެތެވެ.
އަދި ތިބާ ޤުރުއާން ކިޔަވަން އުޅޭއިރު އަޅައިގަންނަމުން އަޅައިގަންނަމުން ގޮސް، އެންމެ ފަހުން ކިޔެވުން ހުއްޓާލައި އުންމީދު ކަނޑާލަނީއެވެ. ޤުރުއާން ކިޔެވުން ތިބާއަށް ފަސޭހަކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ނުކުރީ ކީއްވެ ހެއްޔެވެ؟
އިސްލާމްދީނުގެ އަޅުކަންތަކުގެ ކަންކަމުގައި ލުއިފަސޭހަކޮށްދެއްވުމަށް އެދި ﷲ ޢައްޒަވައްޖައްލާގެ ޙަޟްރަތުގައި ނުދަންނަވަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ އަބަދުވެސް ﷲ ގެ ޙަޟްރަތުގައި ލުއިފަސޭހަކަމަށް އެދި މި ދަންނަވަނީ ހަމައެކަނި ދުނިޔަވީ ދިރިއުޅުމުގެ ކަންކަމުގައި ކީއްވެ ހެއްޔެވެ؟
އޭގެ ސަބަބު އެނގޭ ހެއްޔެވެ؟ ސަބަބަކީ ހިތް ފާސިދުވެފައިވުމެވެ. ހިތް އެނބުރި ބަލަނީ ހަމައެކަނި ދުނިޔަވީ ކަންކަމަށެވެ. ހިތް ކަންބޮޑުވަނީ ހަމައެކަނި އެކަންކަމާ މެދުގައެވެ. ތެދަށް ބުނާނަމަ، ހަގީގަތަކީ އަހަރެމެން އަޅުކަންތަކާ މެދު އަޅައެއް ނުލަމެވެ. އަހަރެމެން ފަރުވާލެއް ނުބަހައްޓަމެވެ.
އަހަރެމެންގެ ހިތުގައި ފަރުވާލެއް ހުރިނަމަ، "މިއަޅާއަށް ތެދުމަގު ފަސޭހަކޮށްދެއްވާނދޭވެ" މިފަދައިން އެދި ދަންނަވާނެއެވެ. "މުސްލިމުންގެ ޖަމާޢަތަށް ގޮސް، ޖަމާޢަތުގައި ނަމާދުކުރުން މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ" މިފަދައިން ދަންނަވާނެއެވެ. "ރަމަޟާން މަހަށްފަހުވެސް ރޯދަހިފުން މަތީ ދެމީހުރުން މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ" މިފަދައިން އަހަރެމެން ކުރާ ދުޢާގެ ތެރޭގައި އެކަންކަން ނުހިމެނެނީ ކީއްވެ ހެއްޔެވެ؟
މިއީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ހަދަން އަހަރެމެން ދަސްކުރަންޖެހެއެވެ. އެބަހީ، އަހަރެމެންގެ އަޅުކަންތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އެހީތެރިވެވޮޑިގަތުމަށް އެދި މެދުކެނޑުމެއްނެތި، ދެމިހުންނަނިވި ގޮތެއްގައި ދުޢާކުރުމެވެ.
وعنِ ابْنِ عَبَّاسٍ رضِي اللَّه عنْهُما قَال: قالَ رَسُولُ اللَّهِ ﷺ: منْ لَزِم الاسْتِغْفَار، جَعَلَ اللَّه لَهُ مِنْ كُلِّ ضِيقٍ مخْرجًا، ومنْ كُلِّ هَمٍّ فَرجًا، وَرَزَقَهُ مِنْ حيْثُ لاَ يَحْتَسِبُ رواه أبو داود.
އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހު ދެބަފައިކަލުންނަށް) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ފާފަފުއްސެވުމަށް އެދި ދެންނެވުން (އެބަހީ: އިސްތިޣްފާރު ކުރުން) މަތީ ދެމިހުރި މީހަކަށް، ކޮންމެ ދަތިކަމަކުން ނުކުންނާނެ މަގެއް މާތް ﷲ ދައްކަވާނެއެވެ. އަދި ކޮންމެ ހާސްކަމަކާއި ހިތާމައަކުން ލުއިފަސޭހަކަމާއި އުފާވެރިކަން ދެއްވާނެއެވެ. އަދި އޭނާ ހީވެސްނުކުރާފަދަ ގޮތްގޮތުން އޭނާއަށް ރިޒުޤު ދެއްވާނެއެވެ."
- ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން
- މިއަދުނޫސް