ޢަލީ އިޙްޞާން ފިރާޤް
އެކަމަނާއަކީ އާދައިގެ ކަނބަލެއްނޫނެވެ. އެކަމަނާއަކީ ޢަރަބީންގެ ޤަދަރުވެރި ވަންހައެއްކަމުގައިވާ މުޞްތަލިޤުވަންހައިގެ ރަޢީސްގެ ދަރިކަނބަލުންނެވެ. އެކަމަނާ އުފަންވެވަޑައިގެން ބޮޑުފުޅުވެވަޑައިގެންނެވީ ނުހަނު އަރާމާއި ނިޢުމަތުގައެވެ. ދަތިފުޅު އެއްވެސް ކަމެއް ނޯވެއެވެ. އެކަމަނާ ދިރިއުޅުއްވީ [ގަނޑުވަރުތެރޭ] ބޭފުޅުން އުޅުއްވައިހާ ގަދަރާއި އިއްޒަތުގައެވެ. ނަމަވެސް މާތް ރަސޫލާއާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވުމަށްފަހު އެކަމަނާ އެ އަރާމު ދިރުއުޅުއްވުމުން ދޫކޮށްލެއްވިއެވެ. އެކަމަނާގެ ހުރިހާވެސް އުފާފުޅެއްކަމުގައި ހެއްދެވީ މާތްﷲ އަށްއަޅުކަން ކުރެއްވުމާއި ޒިކުރުކުރެއްވުމެވެ. އެކަމަނާގެ ފިރިކަލުން صلّى اللّـه عليه وسلّم ރުހިވަޑައިގަންނަވާ ގޮތަށް އަމަލުފުޅުތައް ބައްޓަން ކުރެއްވުމެއެވެ.
އާދެ މިދެންނެވި ކުރު ތައާރަފުގައިވާ އަންހެން ސާހިބަކީ މުއުމިނުތަކުންގެ މައިކަނބަލުން ޖުވައިރިއްޔާ ބިންތި އަލްޙާރިޘް ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ފަދަ ޤައުމަށް ބަރަކާތެރި އަންހެނަކު ތާރީޚު ދެކެފައެއްނުވެއެވެ.
މުސްލިމުންނާއި، މުޞްތަލިޤުވަންހަ އާ ދެމެދުގައި ކުރެވުނު މުރައިސީޢު ހަނގުރާމައިގައި ޖުވައިރިއްޔަތުގެފާނު އަސީރެއްގެ ގޮތުގައި ހައްޔަރުކުރެވިގެން ގެނެވުނެވެ. އޭރު އެކަމަނާ ހުންނެވީ ފިރިކަލުން މުސާފިޢު ބިން ޞަފްވާން ޤަތުލުވެދިޔަ ކަމަށްޓަކައި ނުހަނު ހިތާމަފުޅުގައެވެ. ޣަނީމާ މުދާ ބެއްސެވުމުން އެކަމަނާ ލިބިވަޑައިގެންނެވީ ޘާބިތު ބުނު ޤައިސު ރަޟިޔަﷲ ޢަންހުއަށެވެ. ނުވަތަ އޭނާގެ ބޮޑުބޭބެއަށެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އެކަމަނާއަކީ ރަޢީސެއްގެ ދަރިކަނބަލެކެވެ. އެހެންކަމުން އަޅުވެތިކަން އެއީ އެކަމަނާއަށް ފަހަރެއްގައިވެސް ބަރުދާސްތުކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ޘާބިތު ބިން ޤައިސުއާ ވާހަކަފުޅު ދައްކަވައި މުކާތަބު އަޅަކަށް ވެވަޑައިގެންނެވިއެވެ.
ޖުވައިރިއްޔަތުގެފާނު އެކަމަނާގެ އަގު އަދާކުރައްވާ މިނިވަންވެވަޑައިގެންނެވުމަށްޓަކައި އެހީފުޅު ހޯއްދަވަން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށްވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އިންނެވީ ޢާއިޝަތުގެފާނުގެ ގެކޮޅުގައެވެ. ޖުވައިރިއްޔަތުގެފާނަށް ލިބިވަޑައިގެންފައިވަނީ ވަރަށް ރީތި ބުރުސޫރަފުޅެކެވެ. އެކަމަނާ ދެކެފި ކޮންމެ މީހަކުވެސް އެކަމަނާގެ ރީތިފުޅުކަމާމެދު ޙައިރާވެއެވެ. އެކަމަނާއަކީ ވަރަށް ފަޞާޙާތްތެރި ނުހަނު ބަލާޣާތްތެރި ބޭކަނބަލެކެވެ. ޖުވައިރިއްޔަތުގެފާނު ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ.
[އޭ މާތްﷲ ރަސޫލާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ޤައުމުގެ ރަޢީސްގެ ދަރިކަނބަލުންނެވެ. އަޅުގަނޑު މިހާރު މިވަނީ ރަނުގެ ތަޚުތަކުން ބިން މައްޗަށް ވެއްޓި ހިރަފުހާ މޮޑެވިފައެވެ.]
ޖުވައިރިއްޔަތުގެފާނު އެކަމަނާއަށް ކުރިމަތިވެވަޑައިގެންނެވި ވާހަކަ ތަފްސީލުކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބަޔާންކޮށްދެއްވިއެވެ. އެކަމަނާ އަޅުވެތިކަމުން މިނިވަން ވެވަޑައިގެންނެވުމަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާގެ ވާހަކަފުޅުތައް އަޑުއައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
[ތިމަންކަލޭގެފާނު ކަމަނާއަށް އެއަށްވުރެ ރަނގަޅުގޮތެއް ހުށައަޅުއްވަން ތޯއެވެ؟] އެކަމަނާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އެއީ ކޮންގޮތެއް ތޯއެވެ؟]
ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ކަމަނާގެ އަގު އަދާކުރައްވައި މިނިވަންކޮށްދެއްވާނަމެވެ. އެއަށްފަހު ކަމަނާ ރުހިވަޑައިގަންނަވާނަމަ ކަމަނާއާ ކައިވެނި ބައްލަވައިގަންނަވާނަމެވެ.]
ޖުވައިރިއްޔަތުގެފާނު ވަރަށް އުފާފުޅުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުށައެޅުއްވުމުން ޤަބޫލުފުޅު ކުރެއްވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، ޖުވައިރިއްޔަތުގެފާނާ ކާވެނި ބައްލަވައިގެންނެވި އިރު މުޞްތަލިޤުވަންހައިގެ އެތައް ސަތޭހަ ބަޔަކުވަނީ ޞަޙާބީންގެ އަޅުވެރިކަމުގެ ދަށުގައެވެ. ނަމަވެސް އެބޭކަލުންނަށް އެ ކައިވެނިފުޅުގެ ޚަބަރު ލިބިވަޑައިގަންނަވާ އިރަށް އެވަންހައިގެ ހުރިހާ އެންމެ މިނިވަން ކުރެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްގެ ތިމާގެފުޅު ބަޔަކު އަޅުވެތިކޮށްގެން ގެންގުޅުން މުނާސަބު ކަމެއްކަމުގައި ނުވާތީއެވެ. މުސްލިމުންގެ މި އަޚްލާޤީ ސިފަތައް ދެކެ މުޞްތަލިޤުވަންހައިގެ މީސްތަކުންވެސް އިސްލާމްވެއްޖެއެވެ.
އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނާ ބެހޭ ގޮތުން އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އަހަރެން ދުވަހަކުވެސް ޖުވައިރިއްޔާ ފަދަ ޤައުމަށް ބަރަކާތްތެރި އަންހެނަކު ނުދެކެމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިފުޅު ބައްލަވައިގަތުމުގެ ސަބަބުން ސަތޭހަ އާއިލާއަށް މިނިވަންކަން ލިބިގެންދިޔައެވެ.]
އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނު ވިދާޅުވެފައިވެއެވެ. [މުޞްތަލިޤު ހަނގުރާމައިގެ ތިން ރޭ ކުރީން ތިމަންކަމަނާއަށް މަދީނާގެ އުދަރެހުން ހަނދު އަރައިގެން އައިސް ތިމަންކަމަނާގެ އުނގަށް ވެއްޓުނީތީ ހުވަފެނުގައި ފެނުނެވެ. ނަމަވެސް އެ ހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނަމެވެ. ތިމަންކަމަނާ ހައްޔަރުވުމުން އެ ހުވަފެން ސީދާވާނެ ނަމައޭ ހިތަށް އެރިއެވެ. އޭގެފަހުން މާތް ރަސޫލާ ތިމަންކަމަނާ މިނިވަން ކުރައްވައި ކާވެނި ބައްލަވައިގެންނެވިއެވެ. އޭރު ތިމަންކަމަނާގެ އުމުރަކީ ވިހަ އަހަރެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް ވެވަޑައިގެންނެވުމަށްފަހު، ޖުވައިރިއްޔަތުގެފާނު އުޅުއްވީ ވަރަށް ތަޤުވާވެރި ވަރަޢަވެރި ދިރިއުޅުއްވުމެވެ. އެކަމަނާ ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދެވީ އަޅުކަން ކުރެއްވުމުގައެވެ. ޚާއްޞަ ގޮތެއްގައި ޒިކުރު ކުރެއްވުމަކީ އެކަމަނާ އެންމެ ކުރައްވާ ހިތްޕުޅުން ކުރައްވާ އެއްކަންތަކެވެ. ފަތިހު މުސައްލަކޮޅުގައި އިށީންދެ ވަޑައިގަންނަވާގޮތަށް މެންދުރުވަންދެން ޒިކުރު ކުރެއްވުމަކީ އެކަމަނާގެ އާދަފުޅެކެވެ.
ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ފަތިސްނަމާދުން އަވަދިވެވަޑައިގެން އެކަމަނާގެ ގެކޮޅަށް ވެދެވަޑައިގެންފައި ނުކުމެވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ މުސައްލަކޮޅުގައި ޒިކުރުކުރައްވާށެވެ. މެންދުރެއްހާއިރު އެކަލޭގެފާނު އެނބުރި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއިރުވެސް އެކަމަނާ އިންނެވީ އެޙާލުކޮޅުގައި ޒިކުރުކޮށް ތަޞްބީޙަ ވިދާޅުވާށެވެ. އެމަންޒަރު ފެނިވަޑައިގެން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ފަތިހުއްސުރެ ތިޔަ އިންނަވަނީ ޒިކުރުކުރައްވަންތޯއެވެ.؟] އެކަމަނާ ވިދާޅުވިއެވެ. [އާދޭހެވެ.] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާއާ ވަކިވެވަޑައިގެންނެވުމަށްފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް ތިންފަހަރު ވިދާޅުވީމެވެ. ކަމަނާ މިހުރިހާއިރު ތިޔަ ވިދާޅުވިކަލިމަތަކާ އެކަލިމަތައް އަޅާކިރާލައިފިނަމަ އެ ކަލިމަތަށް މީޒާނުގައި ބުރަވެގެންވެއެވެ.] އެކަމަނާ އެއީ ކޮންކަލިމަތަކެއްތޯ އޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
އެކަލިމަތަކަކީ سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِ މިއެވެ.
{އިމާމު މުސްލިމު، ޞަޙީހު މުސްލިމު، كتاب الذكر والدعاء والتوبة والاستغفار، باب التَّسْبِيحِ أَوَّلَ النَّهَارِ وَعِنْدَ النَّوْمِ، ޙަދީޘް ނަންބަރު 2726}
ގިނަ ގިނައިން ސުންނަތް ރޯދަ ހިއްޕެވުމަކީވެސް އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނު ވަރަށް ޝައުޤުވެރިވެވަޑައިގެންނެވި ކަމެކެވެ. އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ހުކުރު ދުވަހެއްގައި އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނުގެ އަރިހަށް ވަޑައިގެންނެވި އިރު އެކަމަނާ އިންނެވީ ރޯދަފުޅަށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވާލުކުރެއްވިއެވެ.
[އިއްޔެ ކަމަނާ ރޯދާ ހިއްޕެވިންތޯއެވެ؟] އެކަމަނާ ދެންނެވިއެވެ. [ނޫނެކެވެ.] ޙަދީޘް ކުރެއްވިއެވެ. [ކަމަނާ މާދަމާ ރޯދައަށް ހުންނަވާނަންތޯއެވެ.] އެކަމަނާ ދެންނެވިއެވެ. [ނޫނެކެވެ.] ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ރޯދަ ވީއްލަވާށެވެ.] އެހެނީ ހުސްއެކަނި ހުކުރު ދުވަހު ރޯދަ ހިފުމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަހީ ކުރައްވައިފައިވާ ކަމެކެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ޚަލީފާއިން އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނަށް ވަރަށް ކަމޭ ހިއްތަވައި ހެޔޮފުޅުކޮށް ހިއްތެވިއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ މުސާރަފުޅަކީ ބަރާ ހާސް ދިރުހަމް ކަމުގައި ހަމަޖެއްސެވިއެވެ. ނަމަވެސް ޖުވައިރިއްޔަތުގެފާނަށާއި، ޞަފިއްޔަތުގެފާނަށް ދެއްވީ ހަ ހާސް ދިރުހަމެވެ. އެބޭކަނބަލުން އެ މުސާރަފުޅު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ.
އެދެބޭކަނބަލުން އެކަމަނާ އިޢުތިރާޟު ކުރެއްވުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. [އެހެން ބޭކަނބަލުންނަށް ބާރަ ހާސް ދިރުހަމު ދެއްވީ އެބޭކަނބަލުންނަކީ މުހާޖިރިއްޔަ ބޭކަނބަލުން ކަމުގައި ވާތީއެވެ.]
ޞަފިއްޔަތުގެފާނާއި ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ދެކެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުންނަކީ ހަމަހަމަ ބައެކެވެ. ވީމާ މުހާޖިރުންނަށް ވެގެން މި ތަފާތު ގެނެސްގެން ނުވާނެއެވެ.]
މިދެންނެވި ކަންތައްތަކުގެ ވާހަކަ ޢާއިޝަތުގެފާނަށް އެނގިވަޑައިގެން އެކަމަނާ ޢުމަރުގެފާނަށް ދެންނެވިއެވެ. [ މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންބޭކަނބަލުންގެ މެދުގައި އެއްޗެއް ބައްސަވާނަމަ ބައްސަވަނީ ހަމަހަމައަށް އިންޞާފުންނެވެ.] މި ވާހަކަތަކަށް ރިޢާޔަތްކުރައްވާ ޢުމަރުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުރިހާ އަނބިއަނބިކަނބަލުންނަށް ހަމަހަމައަށް މުސާރަ ދެއްވިއެވެ. ޞަފިއްޔަތުގެފާނާއި ޖުވައިރިއްޔަތުގެފާނު އެގޮތަށް ކަންތައް ކުރެއްވީ އެބޭފުޅުން މުދަލަށް ލޯބިކުރައްވާތީއެއް ނޫނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ސީރަތު ދިރާސާ ކުރައްވާ ފަރާތްތަކަށް އެނގިވަޑައިގެންނަވާނެ ފަދައިން އެކަނބަލުންނަށް ލިބިވަޑައިގަންނަވާ ހުރިހާ ފައިސާއެއް ގެންދެވީ ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރައްވަމުންނެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހުވެސް އެކަމަނާ ޙައްޖުވެވަޑައިގެން އުޅުއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޙައްޖަށް ވަޑައިނުގެން ތިއްބެވީ ދެ ބޭކަނބަކެލެވެ. އެއީ އުއްމުލް މުއުމިނީން ސައުދަތުގެފާނާއި އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ. މާތް ރަސޫލާއަށްފަހު ޖުވައިރިއްޔަތުގެފާނު ދިރިއުޅުއްވީ ވަރަށް ހަމަހިމޭން ދިރިއުޅުއްވުމެކެވެ. އެއްވެސް ސިޔާސީ ހަރަކާތެއްގައި އެކަމަނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ދީންވެރި ތަޤުވާވެރި އަދި ރީތި ސީރަތެއް މުސްލިމުން ކަނބަލުންނަށް ދޫކުރެއްވުމަށްފަހު މުއުމިނުތަކުންގެ މައިކަނބަލުން ޖުވައިރިއްޔަތުގެފާނު އަވަހާރަވީ ހިޖުރައިން ފަންސާސްވަނަ އަހަރުގައެވެ. އަމީރު މުޢާވިޔަތުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަދީނާގެ ގަވަރުނަރު މަރުވާނު ބިން ޙަކަމެވެ. ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
މާތްﷲ، އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނަށް ރުއްސުން ލައްވާށި!
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް
ޙަވާލާ:
1.މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް
2. މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ
3. https://www.alhakam.org/hazrat-juwairiyah-bint-al-haris/