އިސްލާމްދީނުގައި މިއުޒިކް ޙަރާމް ކުރެއްވުނީ ކީއްވެގެންތޯ ސުވާލެއް ނުކުރެވޭނެ! އެއީ ﷲ ގެ ނިންމެވުން!: ޝައިޚް ޢާޞިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 59ސ
އިސްލާމްދީނުގައި މިއުޒިކް ޙަރާމް ކުރެއްވުނީ ކީއްވެގެންތޯ ސުވާލެއް ނުކުރެވޭނެ! އެއީ ﷲ ގެ ނިންމެވުން!: ޝައިޚް ޢާޞިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވާލު: ވައަލައިކުމުއްސަލާމް ވަރަޙްމަތުﷲ ވަބަރަކާތުހު ޝައިޚް! އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުގެ ރައްޓެހިކުއްޖަކު ކައިރީގައި މިއުޒިކަކީ ޙަރާމް އެއްޗެއް ކަމަށް ބުނެ، އެކަމުގެ ޞަޙީޙް ޙަދީޘްތަކާއި ހަތަރު މަޛްހަބުގެ އިމާމުންގެ ރައުޔުތައް ކިޔައިދިނީމެވެ. އޭނާ އެކަންކަމާ އެއްބަސްވެސްވެއެވެ. ނަމަވެސް އޭނާ އަބަދުވެސް ކުރާ ސުވާލަކީ އެ ޙަރާމްކުރެއްވީ ކީއްވެގެންތޯއެވެ؟  

ޝައިޚް ޢާޞިމްގެ ޖަވާބު: ވިސްނާށެވެ! އިސްލާމްދީނަކީ މާތް ﷲ ގެ ކިބަޔަށް ފުރިހަމައަށް ބޯލަނބައި، ކިޔަމަންތެރިވުމެވެ. އަދި ނަބިއްޔާ صلى الله عليه وسلم ދެއްކެވި ތަޢުލީމުތަކަށް ތަބާވުމެވެ. މިއީ އީމާންކަމުގެ ހެކިލިބެން އޮތް ގޮތެވެ. 

މާތް ﷲ އަޅުގަނޑުމެންނަށް ކަމަކަށް އަމުރުކުރެއްވުމުން ނުވަތަ ކަމެއް ނަހީކުރެއްވުމުން "އެއީ ކީއްވެގެންތޯ؟ އަހަންނަށް ސަބަބު ބަޔާންކޮށްދީ، އޭގެ ހުއްޖަތަކީ ކޮބައިތޯ؟" ސުވާލުކުރުމުގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެންނަކަށް ނޯންނާނެއެވެ. 

އިސްލާމްދީނުގައި ނަމާދުކުރުމަށްޓަކައި ވުޟޫކުރަންޖެހެއެވެ. ގުނަވަންތައް ދޮންނަންޖެހެއެވެ. ފެން ނެތްނަމަ، ބިމުގައި އަތްޖަހައި ތަޔައްމުމުކޮށް، މޫނާއި ދެއަތް ފުހެންޖެހެއެވެ. ބައެއް މީހުން ބުނެފާނެއެވެ: "މީގައި އެއްވެސް ބުއްދިއަށް ގަބޫލުކުރެވޭ ސަބަބެއް ނެތް، ކީއްވެގެންތޯ؟" ތިބާ އެއީ ބުއްދިއަށް ގަބޫލުނުކުރެވޭ ކަމެއް ކަމަށް ބުނެ، "ކީއްވެތޯ" ސުވާލު އުފައްދައިފިނަމަ، ތިބާ އެ ކުރަނީ ﷲ ގެ ނިންމެވުންތަކާ މެދު ސުވާލެވެ. އެހެންވެއްޖެނަމަ ތިބާ މުސްލިމަކަށް ނުވާނެއެވެ. 

ހަމައެފަދައިން، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ ފިރިހެނުންނަށް ރަނުގެ ގަހަނާ އެޅުން ހުއްދައެއް ނޫނެވެ. އެއީ ޙަރާމްކަމެކެވެ. ނަމަވެސް އަންހެނުންނަށް އެކަން ހުއްދައެވެ. މީހަކު "ކީއްވެތޯ؟" އަހައިފިނަމަ އޮތް ޖަވާބަކީ: އެއީ ނަބިއްޔާ صلى الله عليه وسلم އެކަން ޙަރާމްކުރެއްވީމައެވެ. "ކީއްވެތޯ" އެހުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާއީ މުސްލިމެއް ހެއްޔެވެ؟ 

އެގޮތަށް، ޞަޙީޙުލް ބުޚާރީއާއި ސުނަނު އަބީދާއޫދު އަދި އެނޫންވެސް އެތައް ޙަދީޘްތަކަކުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ސާބިތުވާން އޮތްއިރު، ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކު އެއީ "ކީއްވެގެންތޯ؟" އެއް ނާހާނެއެވެ. އެހެނީ އެހެން އެހުމަކީ ނަބިއްޔާ صلى الله عليه وسلم ގެ ނިންމެވުމާ ދެކޮޅުހެދުމެވެ. ރަސޫލް صلى الله عليه وسلم މަނާކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް މަނާކުރައްވަވާފައިވަނީ ﷲ ތަޢާލާގެ އެންގެވުމަށެވެ. އަމިއްލަފުޅަކަށް ނޫނެވެ.  

އެހެންކަމުން، ތިބާ ދެއްކި ހެކިތަކުން ތިބާގެ ރަހުމަތްތެރިޔާއަށް ފުދުމެއް ނުލިބުނުނަމަ، އޭނާ ދޫކޮށްލާށެވެ. އެހެން ރަހުމަތްތެރިން ހޯދައި، އޭނާއާ އޮތް ރަހެމަތްތެރިކަން ކަނޑާލާށެވެ.

"އާނއެކެވެ، އެއީ ޙަރާމް އެއްޗެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ބަލިކަށިކަމުން ލަވަ އަޑުއެހެނީއެވެ، އަހަންނަށް އެކަން ލޯބިކުރެވެނީއެވެ" ބުނާ މީހާއާއި، "ކީއްވެ، ކީއްވެ، ކީއްވެ" ކިޔައި އަބަދު ދެކޮޅުހަދާ މީހާއާ ދެމެދު ވަރަށް ބޮޑު ތަފާތެއްވެއެވެ. ފުރަތަމަ މީހާއީ ފާފަވެރިއެކެވެ. ނަމަވެސް ދެވަނައަށް އެބުނި ފަދައިން އަބަދު ސުވާލު އުފައްދާ މީހާއަކީ ރަހުމަތްތެރިއެއްގެ ގޮތުގައި ބަހައްޓަން ހެޔޮވާނެ ފަދަ މީހެއް ނޫނެވެ. 


- ޝައިޚް ޢާޞިމް އަލް ޙަކީމް 

- -މިއަދުނޫސް

މިއަދު އޮންލައިން