އެއީވެސް ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. އެކަމަކު ކޮންމެ ދުވަހަކުހެން ޖެހޭ މައްސަލައެއް އޮވެއެވެ. އެއީ ފިރިމީހާ އޮފީހަށްދާން ތައްޔާރުވެގެން ނުކުންނައިރު ހެނދުނުގެ ސައި ތައްޔާރުކޮށްފައި ނުހުންނަ މައްސަލައެކެވެ. އަނބިމީހާ ސައިހަދަން މަސައްކަތްކުރެއެވެ. ގަޑިއަށް ނުހެދެނީއެވެ. ސަބަބެއްކަމަށްވަނީ އަނބިމީހާ އޭނާގެ ތަރުތީބުން ކަންކަން ކުރުމެވެ.
ފިރިމީހާ އެދެނީ ފުރަތަމަ ކަމަކަށް ހެނދުނުގެ ނާސްތާގެ ކަންކަން ކުރުމަށެވެ. އަނބިމީހާ ބޭނުންވަނީ އެހެން ކަންކަން ކޮށްފައި ނާސްތާގެ ކަންކަން ކުރުމަށެވެ. މިކަމުގައި ދެމީހުންގެ ޚިޔާލުތަފާތުވެ އަނބިމީހާ އޭނާގެ ގެއަށްގޮސް މިވާހަކަތައް ކިޔައިދިނެވެ.
ބައްޕަ ބުނީ ތިއައީ ގެއިން އަންނަން އެކަށީގެންވާ ސަބަބެއް ނޫންކަމަށެވެ. ދަރިފުޅާ ބައްޕަމެންނާއިވެސް ޚިޔާލުތަފާތުވެއެވެ. މާވަރުގަދައަށްވެސް ވާހަކަދެކެވެއެވެ. އެކަމަކު ދަރިފުޅު ގެއިން ނުކުމެގެނެއް ނުދަނެއް ނޫންހެއްޔެވެ؟ ވީއިރު ތިއަވަރުގެ ކުޑަކުޑަކަމަކާ ދެބަސްވެފައި ގެއިން ނުކުތުމަކީ ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ.
"އެންމެ ރަނގަޅެވެ! ދަރިފުޅު ނިކަން ބުނެބަލާށެވެ! ފިރިމީހާއާއިވަކިވެ ދެވަނަ ކައިވެނި ކުރީއެވެ. އެއްވެސް ކަމަކާ އޭނާއާއި ދެބަސްވާންނުޖެހި އެކުގައި އުޅެވޭނެކަމުގެ ޔަޤީންކަން އޮތީހެއްޔެވެ؟ އަވަހަށް އެނބުރި ގެއަށްދާށެވެ.
ދަރިފުޅާއެވެ! ފިރިހެނުން އެންމެ ބޮޑަށް ބޭނުންވާނެ ދެކަމަކީ ވަޤުތަށް ކާން ލިބުމާއި އެކުގައި ރޭކުރުމެވެ. މިއިން ކަމެއްގައި އިހްމާލްވެވޭނަމަ ދެންކޮށްދޭ ހުރިހާ ކަމެއް ކިތަންމެ ރަނގަޅަށް ކޮށްދިނަސް މައްސަލަތައް ޖެހޭނެއެވެ.
ބައްޕަގެ ނަޞީޙަތް ޤަބޫލުކޮށްގެން ދަރިފުޅު އެނބުރި ގެއަށް ދިއައީއެވެ. ބައްޕަގެ ނަޞީޙަތަށް ޢަމަލުކުރަން ފެށުމުން ހުރިހާ މައްސަލަތަކެއް ޙައްލުވިއެވެ. ދެބަސްވާން ނުޖެހި އެކުގައި އުޅެވުނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބެލި ވީޑިއޯއަކުން ނަގާފައިވާ ވާހަކަކޮޅެކެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ބައްޕަދިން ނަޞީހަތެވެ. މައިންބަފައިން ބަލަންވީ ދަރިފުޅު ބޭނުންވާ ގޮތެއް ނޫނެވެ. ހިތްވަރުދީ ނަބީޙަތްތެރިވާންޖެހޭނީ ދެމަފިރިންގެ ކައިވެނި ދެމެހެއްޓޭނެ ގޮތަކަށެވެ. ދަރިންދެކެ ލޯބިން ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ އެއީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް