ޢާއިޝަތު ރަފާޙް ޢަލީ
1. އިސްކަންދޭނެ ކަންކަން ކަނޑައެޅުން (Prioritize): އެންމެ ފުރަތަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސަވާ ކަންތައްތަކަށް އިސްކަންދޭށެވެ. ﷲ ކުރަން އެންގެވި ކަންކަމަށް އިސްކަންދޭށެވެ. އޭގެ ފަހުން އެހެން ކަންކަމުގެ ތެރެއިން މުހިންމު ކަންކަން ވަކިކުރަން އެނގޭނެއެވެ.
2. ވަގުތު ކަނޑައެޅުން: ތިބާ އިސްކަންދިން ކޮންމެ ކަމަކަށް ވަކި ވަގުތެއް ކަނޑައަޅާށެވެ. ދުނިޔޭގައި ހުރި ހުރިހާ ވަގުތެއް އެއްކަމަކަށް ހޭދަނުކުރާށެވެ. ކޮންމެ ކަމަކަށް ވަގުތެއް ކަނޑައަޅައި، އެ ވަގުތު ހަމަވުމުން އެކަމެއް ނިންމާފައި އަނެއް ކަމަކަށް ދާށެވެ.
3. އަޚްލާޤީ ހިފެހެއްޓުންތެރިކަން (Discipline): ތިޔަބައިމީހުން އަޚްލާޤީ ގޮތުން ހިފެހެއްޓުންތެރި (disciplined) ވާންޖެހެއެވެ. މީހެއްގެ ފަރާތުން އަޑުއަހަން އެންމެ އުނދަގޫ ވާހަކައަކީ—އަދި އަހަރެންނަކީ މުދައްރިސަކަށް ވުމުން ކިޔަވާ ކުދިންގެ ފަރާތުންވެސް މި ވާހަކަ އަޑުއަހަމެވެ، (ﷲ އެކުދިންނަށް ކާމިޔާބު ދެއްވައި މި އާދައިން ސަލާމަތް ކުރައްވާށި)—ބޮޑެތި މީހުންވެސް މިހެން ބުނެއެވެ: ކަމެއް ކުރަންވީމާ އެމީހުން އިންތިޒާރުކުރަނީ ކޮންމެވެސް ކަހަލަ 'މޯޓިވޭޝަން' (ހިތްވަރެއް) ލިބެންދެންނެވެ. އެމީހުން ބުނާނެއެވެ: "އަހަރެން މިހުރީ މޯޓިވޭޓް ވެފައެއް ނޫނެވެ. އަހަރެން ބޭނުންވަނީ އެކަމުގެ އިހުސާސް އަންނާށެވެ." ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދުނިޔޭގައި އެއްވެސް ކަމެއް ހަމައެކަނި މޯޓިވޭޝަނުން ނުކުރެވޭނެއެވެ. އެ އިހުސާސް ބައެއް ފަހަރު އަތުވެދާނެއެވެ. ނަމަވެސް، ކޮންމެވެސް މޯޓިވޭޝަނަލް ސްޕީޗެއް އަޑުއަހައި، ހިތްވަރު ލިބިގެން ކަންކަން ކުރަން މަޑުކޮށްގެން ދިރިއުޅުމެއް ކުރިއަކަށް ނުގެންދެވޭނެއެވެ. ދެގަޑިއިރު ފަހުން ތިބާ ހުންނާނީ އަނެއްކާވެސް ކުރިން ހުރި ހާލަތުގައެވެ. ނޫނީ އެ ބޯ ކޮފީ ފޮދަކުން ނުވަތަ އެނާޖީ ޑްރިންކަކުން ލިބޭ ހިތްވަރަކުން ދާއިމީ މޯޓިވޭޝަނެއް ނުލިބޭނެއެވެ. ތިބާ ބޭނުންވަނީ ޑިސިޕްލިން (ހިފެހެއްޓުންތެރިކަން) އެވެ. އަމިއްލަ ނަފްސަށް ބުނާށެވެ: "ހިމޭނުން ހުރެ، ތެދުވެ ކުރަންޖެހޭ ކަންތައް ކުރާށެވެ." އޭރުން އެކަން ނިމުމުން އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވާނެ މިންވަރު ދެކޭށެވެ.
4. ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ރުއްސަވާ ގޮތައް ކުރުން : ތިބާ ކުރާ ކޮންމެ ކަމެއްގައި ﷲ ރުއްސަވާ ކަމެއް ހިމަނައިގެން އޭގެ ބޭނުން ހިފާށެވެ. މިސާލަކަށް، ކާން ބޭނުންނަމަ، ކެއުމަށް ވަގުތެއް ކަނޑައަޅައި، އެއީ އިސްކަންދޭ ކަމަކަށް ހަދާށެވެ. އަދި 'ބިސްމިﷲ' ކިޔައިގެން، ޙަލާލު ތަކެތި ކާށެވެ. ކައި ނިމުމުން 'އަލްޙަމްދުލިﷲ' ކިޔާށެވެ. އަދި ކަނާތުން ކާށެވެ. ސަބަބަކީ ކަނާތުން ކެއުމަކީ ސުންނަތެކެވެ. ވައަތުން ކެއުމަކީ މަކުރޫހަ (ނުރުއްސަވާ) ކަމެކެވެ. އެހެންވީމާ ސުންނަތް ގޮތް އިޚްތިޔާރުކުރާށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިސްކަންދޭންޖެހޭ ކަމެކެވެ. އެކަން ކުރާއިރު ނިޔަތްގަނެ ދަންނަވާށެވެ: "ޔާ ﷲ! އަޅުގެ މި ހެޔޮ އަމަލު ގަބޫލުކުރައްވާށި އެވެ."
- ޝައިޚް ބިލާލް އައްސަދު
- މިއަދުނޫސް