ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "އިންސާނުންގެ ތެރެއިން އެންމެ ބޮޑަށް އިމްތިހާން ކުރެއްވެނީ ނަބީބޭކަލުންނެވެ. އެއަށްފަހު އެބޭކަލުންނާ އެންމެ ވައްތަރު (ޞާލިޙު) މީހުންނެވެ." މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް، އޭނާ ދުވަހަކުވެސް ބަލިނުވާ ކަމަށް ބުނުމުން (އެޒަމާނުގެ އަރަބިން ބަލިނުވާނަމަ ބުނެއެވެ: އަހަރެން ބައްޔެއް ނުވަމެވެ)، ހަދީޘްކުރެއްވިއެވެ: "މިއީ ނަރަކައިގެ ހަށިގަނޑުތަކުގެ ތެރެއިންވާ ހަށިގަނޑެކެވެ." (އެބަހީ ބަލިމަޑުކަމާއި މުސީބާތްތަކަކީ ފާފަ ފުހެވޭ ކަންކަމެވެ). މުސީބާތްތަކުން ސަލާމަތްކުރެއްވުން އެދި އަހަރެމެން ﷲގެ ކިބައިން ރައްކާތެރިކަމަށް އެދެމުއެވެ.
އެހެނީ، ﷲގެ ކައުނީ ޤާނޫނަކީ މަޚްލޫޤުން އިމްތިހާން ކުރެއްވުމެވެ. އެހެންކަމުން، އަޞްލަކީ އިމްތިހާނެވެ. ކޮންމެ މުސްލިމަކުވެސް ހުންނަންވާނީ އޭނާގެ ދިރިއުޅުމުގައި ދިމާވެދާނެ ކުއްލި ސިހުންތަކަށް ތައްޔާރުވެގެންނެވެ. މިސާލަކަށް: ލޯބިވާ މީހަކު ވަކިވުން، ބޭނުންވި ކަމެއް ހާސިލުނުވުން، ނުވަތަ ލިބިފައިވާ އުފަލެއް ބުރަކަމަކަށް ބަދަލުވުން، ފުރާނައާއި، މުދަލާއި، އަހުލުވެރިންނާއި، ވަޒީފާއާއި، ދިރިއުޅުމާއި ސިއްހަތަށް ދިމާވާ އިމްތިހާންތަކެވެ. މިކަންކަމަށް ތައްޔާރުވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މިއީ އިމްތިހާނުގެ ގޮވައްޗެވެ. މިއީ ބަލިމަޑުކަމާއި ތަޖުރިބާތަކުގެ ދުނިޔެއެވެ.
އަޒާބު ނުވަތަ ކޯފާ ދެނެގަންނާނީ ކިހިނެއް؟
ނަމަވެސް، އަޒާބާ މެދު އިންސާނާ ހޭލުންތެރިވާންޖެހެއެވެ. މިއީ އޭނާ ކުރި ކަމެއްގެ ސަބަބުން ލިބުނު އަޒާބެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟
އޭ ހަނާން އެވެ! އެކަން އެންމެ ރަނގަޅަށް އެނގޭނީ އެމީހާ އަމިއްލައަށެވެ. މީހަކު ގަސްތުގައި ފަތިސް ނަމާދު ދޫކޮށްލާފައި، ހަމަ އެދުވަހު އޭނާ އެކްސިޑެންޓެއް ވެއްޖެނަމަ، އެއީ ﷲ ތައާލާގެ ކިބައިން އައި އަޒާބެކެވެ (އިންޒާރެކެވެ). ﷲ ތައާލާ ވަހީކުރެއްވިއެވެ: "ފަހެ، އެބައިމީހުން ޢަހުދު އުވާލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ލަޢުނަތް ކުރެއްވީމެވެ." ފާފަތަކުގެ ސަބަބުން ﷲ ތައާލާ އުންމަތްތަކަށް އަޒާބު ދެއްވިކަން އަންގައިދޭ އެތައް ނައްސުތަކެއް (ދަލީލުތަކެއް) ވެއެވެ.
މީހަކު ޒިނޭގެ ތެރެއަށް ވެއްޓި، އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑު މުސީބާތެއް ކުރިމަތިވުމުން، "މިއީ ހަމަ އިމްތިހާނެކޭ، ﷲ އަހަންނަށް ފާފަފުއްސަވައިފިއޭ" ބުނެގެން ނުވާނެއެވެ. ނޫނެކެވެ، އެއީ އަޒާބެކެވެ. މީހަކު އޭނާގެ މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ރަޙިމުގެ ގުޅުން ކަނޑާލުމުން މުސީބާތަކާ ކުރިމަތިވެއްޖެނަމަ، އެއީ ކޯފާއެކެވެ. އެއީ އަޒާބެކެވެ.
ﷲ ތައާލާ ވަހީކުރެއްވިއެވެ: "ފަހެ، ޔަހޫދީންގެ ތެރެއިން އަނިޔާވެރިވި މީހުންގެ ސަބަބުން، އެބައިމީހުންނަށް ހަލާލުކުރައްވާފައިވި ރަނގަޅު ތަކެތި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ހަރާމްކުރެއްވީމެވެ." އެއީ އެބައިމީހުންގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ.
އެހެންކަމުން ބައެއްފަހަރު އިންސާނާއަށް ކުރިމަތިވަނީ އިމްތިހާނެކެވެ. އަދި ބައެއްފަހަރު ކުރިމަތިވަނީ އަޒާބެކެވެ. މިސާލަކަށް ﷲ ތައާލާ މީހަކަށް އަޒާބުދެއްވުމުގެ ގޮތުން ކަމަކުން މަހުރޫމް ކުރައްވައިފާނެއެވެ. ނުވަތަ އޭނާ އެންމެ ލޯބިވާ މީހުންނާ ވަކިކުރައްވައިފާނެއެވެ. ބައެއް މީހުން މިހާރު އުޅެނީ މީހުންނަށް އޮޅުވާލާށެވެ. މީހުން ފާސިދުކޮށް، ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފައްދާށެވެ. އެފަދަ މީހެއްގެ ލޯބިވާ މީހުން ގެއްލުވައިލައްވައި، ﷲ އޭނާއަށް އަޒާބު ދެއްވަފާނެއެވެ.
ޞާލިޙު މީހުންގެ ގޮތަކީ، އެބޭކަލުންނަށް މުސީބާތެއް ކުރިމަތިވުމުން "މިއީ ތިމަންނާގެ ކުށުން ދިމާވި ކަމެއް" ކަމަށް ބުނުމެވެ. ނަމަވެސް ހަގީގަތުގައި އެބޭކަލުންގެ ކުށެއް ނޯވެދާނެއެވެ. އެހެނަސް އެބޭކަލުން ﷲގެ ކުރިމަތީގައި މަޑުމޮޅިވެ، ނަފްސު ބޮޑާވިޔަނުދިނުމަށްޓަކައި ނަފްސު ތާހިރުކުރެއެވެ.
- ޝައިޚް އަޒީޒް ފަރުހާން
- މިއަދުނޫސް