ފުރަތަމަ ކަމަކަށް މިޘާލެއް ބުނެލާނަމެވެ. އެއީ ކޮންމެވެސް ކަމަކަށް ބޭނުންވެގެން ތިބާ ވަރަށް ބޮޑު، މަޝްހޫރު ބޭނަކަކަށް ދިއައީއެވެ. އެބޭންކް ކިތަންމެ ބޮޑުވެފައި ކިތަންމެ މަޝްހޫރު ނަމަވެސް ތިބާއަށް ފައިދާއެއް ކުރާނީ ތިބާގެ ބޭނުން ފުއްދައިދިން ނަމައެވެ. ނޫންނަމަ ތިބާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ދެން ތިބާ ކުޑަކުޑަ ބޭންކަކަށް ދިއައީއެވެ. އެބޭންކުން ތިބާގެ ބޭނުން ފުއްދައިދިނީއެވެ. އެހެންވެއްޖެނަމަ އެބޭންކު ކިތަންމެ ކުޑަ ނަމަވެސް ތިބާއަށް އެންމެ ފައިދާކުރީ އެބޭންކުންނެވެ.
ދެން މިކަން ކައިވެންޏާއި ގުޅުވާލަމާ ހިނގާށެވެ! ކައިވެނިކުރީ ވަރަށް ރީތި މީހަކާއެވެ. ވަރަށް ތަނަވަސް މީހަކާއެވެ. ވަރަށް ބޮޑު ޢިއްޒަތްތެރިއަކާއިއެވެ. ނަމަވެސް އޭނާ ތިބާއަށް ބޭނުންވާ އެއްވެސް ކަމެއް ފުއްދައި ނުދޭނަމަ އޭނާގެ ކިބައިގައި ހުރި އެކަންކަމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ދެން ތިބާ ކައިވެނިކުރީ އެހައި ރީތި ނޫން، މާބޮޑު ތަނަވަސްކަމެއް ނެތް އާދައިގެ ފެންވަރުގެ މީހާކަމަށްވެފައި ތިބާގެ ހުރިހާ ބޭނުންތަކެއް އޭނާގެ ފެންވަރުން ފުއްދައިދޭނަމަ ތިބާއަށް އޭނާވާނީ ރަސްކަލަކަށް ނޫންހެއްޔެވެ؟ ބޮޑު މިލިއަނަރަކަށް ނޫންހެއްޔެވެ؟
މައްސަލައަކަށްވެގެން މިއުޅެނީ މި ހަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. އޭނާގެ ކިބައިން ތިމާއަށް ޙާޞިލުކުރެވޭނެ ކަންކަމަށާއި ޙާޞިލުކުރެވޭނެ މިންވަރަށް ނުބަލައި މީހާއަށް ބަލައިގެން ކައިވެނިކުރާތީއެވެ. ކައިވެންޏަސްފަހު އުފާވެރި ދިރިއުޅުމެއް ނުލިބިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.
ރީތިތޯ ބަލަންވީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އޭނާގެ ހިތެވެ. ބަލަންވީ އޭނާގެ އަތުގައި ފައިސާހުރި މިންވަރެއް ނޫނެވެ. ތިބާއަށް ހޭދަކުރާނެ މިންވަރެވެ. ޤަބޫލުކުރަންވީ ތިބާ ދެކެ ލޯބިވާކަމަށް ބުނާ ބަސްތަކެއް ނޫނެވެ. ދެނެގަންނަންވީ އެބުނާ ބަހުގެ ޙަޤީޤަތެވެ. ޙަޤީޤީ އުފާވެރިކަމާއި ހަމަޖެހުން ލިބޭނީ އެއިރުންނެވެ.
- މަޢުލުމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން