އަނބިމީހާގެ އަމިއްލަ ހުރިހާ ޚަރަދުތަކެއް ކުރަންޖެހެނީ އަނބިމީހާކަމަށްވާނަމަ އޭނާއަށް ފިރިއެއްގެ އެހީތެރިކަމަށް އެބަ ބޭނުންވޭ ހެއްޔެވެ؟ ފިރިމީހާގެ އެހީތެރިކަމަށް ބޭނުންނުވާނަމަ ފިރިމީހާގެ މުހިންމުކަމަކީ ކޮބައިހެއްޔެވެ؟ މިސުވާލު އެހެންގޮތަކަށްވެސް ބަދަލުކުރެވިދާނެއެވެ. އެއީ ފިރިމީހާގެ ކިބައިން އެހީތެރިކަން ނުލިބޭނަމަ ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ދެވޭނެ ހެއްޔެވެ؟ މިއީ ފިރިން ފުންކޮށް ވިސްނާލަންޖެހިފައިވާ ކަމެކެވެ.
އަހުރެން މިތަނުގައި ދައްކަން މިއުޅެނީ ލިބި ޚަރަދުނުކުރާ ފިރިންގެ ވާހަކައެއް ނޫނެވެ. ލިބޭތީ ދީލަތި އަނބިންގެ ވާހަކައެވެ. ބައެއް ފަހަރު ކަންތައް ދިމާވާ ގޮތަކުން އަނބިމީހާއަށް މާބޮޑު މުސާރައެއް ލިބިދާނެއެވެ. ވީމާ އޭނާގެ ހުރިހާ ޚަރަދުތަކެއް އަމިއްލައަށް ކުރުމުގެ ޤާބިލްކަންވެސް ލިބިދާނެއެވެ. އަދި ގޭގެ ޚަރަދުތަކުން ބޮޑުބައެއްވެސް އޭނާ ޙިއްޞާކޮށްފާނެއެވެ.
އެޙާލަތުގައި ފިރިމީހާ ކަންކަން ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އަނބިމީހާގެ އަގު ވަޒަންކުރަންވާނެއެވެ. އޭނާ އެކޮށްދެނީ ތިމާކުރަންޖެހޭ ޚަރަދުތަކެއްކަން ޤަބޫލުކޮށް އަނބިމީހާއަށް ޝުކުރުވެރިވާންވާނެއެވެ. ޝުކުރުވެރިވާކަން ޢަމަލުން ދައްކަންޖެހޭނެއެވެ.
އެކަން އެގޮތަށް ނުކުރާނަމަ ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ފޫހިވާނެއެވެ. އަނެއްފަރާތަށް މޫނުއަނބުރައިލާނެ ދުވަހެއް އަންނާނެއެވެ. މޫނު އަނބުރައިލަން ނިންމަފައިނަމަ އެނިންމުން ބަދަލުކުރާކަށްވެސް ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އެފަދަ ނިންމުމެއް ނިންމާނީ ހަމަހުރެފައި ކުއްލިއަކަށް ނޫނެވެ. މާޔޫސްކަންމަތީގައި އެތައް ދުވަހެއް ވަންދެން ހުރެފައެވެ.
ފާހަގަކޮށްލުން މުހިންމު ކަމަކީ ހަމައެކަނި މިޙާލަތަކު ނޫނެވެ. ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް އަނެކާގެ އަގުވަޒަންކުރަންޖެހޭނެއެވެ. ކިތަންމެ ކުޑަ ފިރިމީހާ އަނބިމީހާގެ އަގުވަޒަންކުރަންޖެހޭނެއެވެ. އަނބިމީހާ ފިރިމީހާގެ އަގުވަޒަންކުރަންޖެހޭނެއެވެ.
ކިތަންމެ ގިނައިން ބުނަން ޖެހުނަސް ޝުކުރިއްޔާ ބުނާށެވެ! އެއީ ގިނަވާނެ ބަހެއް ނޫނެވެ. އެބަސް ބުނެވޭ ކޮންމެފަހަރަކީ ދިރިއުޅުމުގެ ގަހަށް ފެންދިނުން ފަދަ ކަމެކެވެ. ހެދިބޮޑުވުން އިތުރުވާނެއެވެ. ނަމަވެސް އެކަން ޙާޞިލްކުރެވޭނީ ޢަމަލުން އެކަން ދައްކައިގެންނެވެ.
- ދިރިއުޅުމުގެ ކަންކަމަށް ލަފާދެއްވާ ދުނިޔޭގެ ފެންވަރުގެ ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް