މުސްލިމުންނަށް އޮތް އުފާވެރި ޚަބަރަކީ އެންމެ ގިނައިން ސުވަރުގެ ވައްދަވާނީ މިއުންމަތުގެ މީހުންކަމުގެ ޚަބަރެވެ. އެހެންކަމާއިއެކުވެސް ހިތްހަމަޖައްސާލައިގެން ތިބެވޭކަށް ނެތެވެ. ކޮންމެ މީހަކުވެސް ވިސްނާލަންވީ ތިމާގެ ޙާލާއިމެދުގައެވެ. ތިމާއަށް ސުވަރުގެ ވަދެވޭނެ ކަމާއިމެދުގައެވެ.
ޤިޔާމަތް ދުވަހު ހިސާބު ބައްލަވައި ނިމޭއިރު ސުވަރުގެ ވައްދަވަނީ ހާހަކުން މީހެކެވެ. އެހައިވެސް މަދު ބައެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
"ދުނިޔޭގެ ގިނަ ބައަކު އެއުޅެނީ އެވެނި މިވެނި ގޮތަކަށެވެ. އަހަރެންނަށް އެގޮތަށް އުޅެވެން ނެތީ ކީއްވެ؟" މިއީ ބައެއް ކުދިން ކުރާ ސުވާލެކެވެ.
މިދުވަސް އަންނާނެ ކަމާއި މިފަދަ ސުވާލުތައް ކުރާނެކަން ﷲ ތަޢާލާ ދެމެވޮޑިގެންވެއެވެ. އެހެންވެ ކީރިތި ޤުރްއާނުގައި ވަނީ ޖަވާބުވެސް ދެއްވަވައިފައެވެ. މިސުވާލަށް ﷲ ތަޢާލާ ދެއްވެވި ޖަވާބު ވަނީ އަލްއަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުގައެވެ.
"އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއް ނުވެތެވެ. އަދި ދޮގުހަދާ ބައަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ." (އަލްއަންޢާމް: 116)
މިއަދު މުސްލިމް ޤައުމުތަކާއި އުންމަތްތައް މަގުފުރެދި ހަލާކުވެގެން އެދަނީ ﷲ ތައާލާގެ މިފަދަ އާޔަތްތަކަށް ނުވިސްނުމުންނެވެ. ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލާފައި ބައިގިނަ މީހުންގެ ފަހަތުން އެދުވަނީ މިއާޔަތަށް ކިޔަމަން ނުވެވޭތީއެވެ.
ވީމާ މިކަމަށް ކޮންމެ މީހަކުވެސް ވިސްނާށެވެ! އަހަރެމެން ދުނިޔެއަށް ފޮނުއްވެވީ ގިނަ ބައަކު އުޅޭ ގޮތަށް އުޅުމަކަށް ނޫނެވެ. ﷲ ތައާލާ އެންގެވިގޮތަށް އުޅުމަށެވެ. ގިނަބައަކު އުޅޭ ގޮތަށް އުޅޭ މީހުންނަށް އޮތީ އެމީހުންނާއިއެކު ނަރަކައަށް ދިއުމެވެ. ސުވަރުގެ ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކޮށްގެންނެވެ. މިއީ މިއާޔަތުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގެން އޮތް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން