[އޭ އަހަރެންގެ ދަރިންނޭވެ! ދަރިފުޅުމެން އިސްލާމްވީ ހިތުން ރުހުމުންނެވެ. މީހެއްގެ މަޖުބޫރުކަމެއް ނެތިއެވެ. މިހާރު ދަރިފުޅުމެންނަށް މި ދީން ޙިމާޔަތްކުރުމަށް މަޖުބޫރުވެއްޖެއެވެ. ﷲ ގެ މަގުގައި ހަނގުރާމަކުރާ މީހަކަށް އެކަލާނގެ ވަޢުދުވެވޮޑިގެންފައިވާ ސަވާބު ދަރިފުޅުމެންނަށް ރަނގަޅަށް އެނގޭނެއެވެ.
ދުޝްމަނުންނާ ދެކޮޅަށް ﷲ ގެ ފަރާތްޕުޅުން ވާގިވެރިކަމަށް އެދޭށެވެ. ހަނގުރާމަ ފެށުމާއެކުގައި ކުރިއަށް ގޮސް ރަނގަޅަށް ހަނގުރާމަކުރާށެވެ.]
އެ ހަތަރު ބޭފުޅުންވެސް ޚަންސާއު ބިންތި ޢަމްރު ރަޟިޔަ ﷲ ޢަންހާގެ ނަޞޭޙަތްޕުޅަށް އަކުރުން އަކުރަށް ތަބާވެވަޑައިގެންނެވިއެވެ.
ތާރީޚުގައި އަދި މިފަދަ އެހެން މިސާލެއްވެސް ބަޔާންވެގެންވެއެވެ. ޔަމަނުކަރައިގެ އަންހެނަކާއި އޭނާގެ ހަތަރު ދަރިންގެ ވާހަކައެވެ. އޭނާވެސް އޭނާގެ ހަތަރު ފިރިހެން ދަރިން އެއްކުރައްވައި ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ. ތިޔައީ އެއް މަންމައަކާއި އެއް ބައްޕައެއްގެ ދަރިންނެވެ. މަންމަ ދަރިފުޅުމެންގެ ބައްޕައަށް ޚިޔާނާތްތެރިއެއް ނުވަމުއެވެ. ދަރިފުޅުމެންގެ މައިފުށުގެ ބޮޑުބޭބެއިންނަށް ހުތުރު ނަމެއް ހޯދައިދީފައެއް ނޯންނާނެއެވެ. ހަނގުރާމަ ފެށިގެން ނިމެންދެން ހިތްވަރާއެކުގައި ހަނގުރާމަކުރާށެވެ. ވެވުނު ވަރަކުން ދުޝްމަނުންނަށް ގެއްލުންދޭށެވެ.] އެ ހަތަރު ދަރިން ދެންނެވިއެވެ. [އަޅުގަނޑުމެންނަށް ދުޢާކޮށްދެއްވާށެވެ.] މިހެން ބުނެފައި އެ ހަތަރު ބެއިން ހަނގުރާމައިގެ މައިދާނަށް ވަޑައިގެންފިއެވެ. އަންހެންމީހާ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވަން ފެއްޓެވިއެވެ. [އޭ ﷲ އެވެ! އަޅުގަނޑުގެ ދަރިން ރައްކާތެރިކޮށްދެއްވާށިއެވެ.] ހަނގުރާމަ ނިމިގެން އައިއިރު އަންހެންމީހާގެ އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުލިބެއެވެ.
ހަނގުރާމައިގެ ދެވަނަ ދުވަސް
ހަނގުރާމައިގެ ދެވަނަ ދުވަސް މަޝްހޫރުވެފައިވަނީ [ޔައުމު އަޣުވާޘް] (يَوْم أَغْوَاث) ގެ ނަމުންނެވެ. އަޣުވާޘް އަކީ [ޣައުޘް] (غَوْث) ގެ ޖަމްޢުއެވެ. މީގެ މާނައަކީ އެހީތެރިކަން ނުވަތަ މަދަދެވެ. އެ ދުވަހަށް މި ނަމުން ނަންދެވުނީ، އެ ދުވަހު އިސްލާމުންގެ ލަޝްކަރަށް ޝާމުކަރައިން އެހީތެރިކަން ލިބުމުންނެވެ. ޤާދިސިއްޔާ ހަނގުރާމައިގެ އެއް މަސްދުވަސް ކުރިން އިސްލާމީ ލަޝްކަރުން ވަނީ ދިމިޝްޤު ފަތަޙަކޮށްފައެވެ. އެއީ ޔަރުމޫކު ހަނގުރާމައިގައި ރޯމަނުންގެ މައްޗަށް މުސްލިމުން ކުރިހޯދުމަށްފަހުގައެވެ. ރޯމަނުން ބަލިކުރުމަށްފަހު، އިސްލާމީ ލަޝްކަރު ޝާމުކަރައިން ދަތުރުކޮށް، ޤާދިސިއްޔާގެ މައިދާނަށް މިސްރާބުޖެހިއެވެ.
ހެނދުނުވީއިރު، ޝާމުކަރައިން ދަތުރުކުރަމުން އައި ލަޝްކަރުގެ ފުރަތަމަ ޖަމާޢަތް ފެންނަން ފަށައިފިއެވެ. އެ ލަޝްކަރުގައި ތަމީމުވަންހައިގެ ހިތްވަރުގަދަ ހަހާސް ފަހުލަވާނުން ތިއްބެވެ. އެ ލަޝްކަރުގެ އިސްވެރިއަކަށް ހުންނެވީ މުސްލިމުންގެ ފަޚުރެއް ކަމުގައިވާ މަޝްހޫރު ޖެނެރަލް ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ ތަމީމުވަންހައިގެ ބޭކަލެކެވެ. މާތް ރަސޫލާގެ ޞަޙާބީއެކެވެ. އެކަލޭގެފާނު ވަނީ ޔަރުމޫކު ހަނގުރާމައިގައި ނުހަނު ޖޯޝާއި ފޯރީގައި ހަނގުރާމަކުރައްވައި، އެކަލޭގެފާނުގެ ހިތްވަރުފުޅުގަދަކަން ދައްކަވައިފައެވެ. އެހެންކަމުން، ޢުމަރުގެފާނު ޝާމުކަރައިގެ ޤަވަރުނަރު އަބޫ ޢުބައިދާގެފާނަށް އަންގަވާފައިވަނީ، މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ތަމީމުވަންހައިގެ ލަޝްކަރު ޤާދިސިއްޔާއަށް ފޮނުއްވުމަށެވެ. އެހެންކަމުން، ހިތްވަރުގަދަ ތަމީމުވަންހައިގެ ހަނގުރާމަވެރިން އިސްލާމީ ލަޝްކަރާ ގުޅުނެވެ.
ހަނގުރާމައިގެ ދެވަނަ ދުވަހަކީ އުފާވެރިކަމުގެ ޚަބަރާއި ކާމިޔާބީގެ ދުވަހެވެ. އެ ޒަމާނަކީ ޢަރަބީން، އެހެން މީހުންގެ މައްޗަށް ކަނޑިހެވިކަމާއި އަސްކަރީ ޤާބިލުކަމުގައި ކުރިހޯދާފައިވީ ޒަމާނެކެވެ. ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހަކީ އެފަދަ މަތިވެރި ބޭކަލެކެވެ. އެކަލޭގެފާނަށް ތާރީފުކުރައްވަމުން އިސްލާމުންގެ މަތިވެރި ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ. [ޤަޢުޤާޢު ފަދަ ފަހުލަވާނުން ހިމެނޭ ލަޝްކަރަކީ ބަލިކޮށްލެވޭނެ ލަޝްކަރެއް ނޫންމެއެވެ.]
އަބޫ ޢުބައިދާގެފާނު ޝާމުކަރައިން ފޮނުއްވި މައި ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަކަށް ހުންނެވީ ޚާޝިމް ބިން ޢުތުބާ ބިން އަބީ ވައްޤާޞްއެވެ. އެކަލޭގެފާނު، ލަޝްކަރުގެ އެންމެ ކުރީކޮޅުގެ ކޮމާންޑަރަކަށް ލެއްވީ ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހުއެވެ. ލަޝްކަރުގެ އެ ބައިގައި އެއްހާސް ފަހުލަވާނުން ތިއްބެވެ. ޤަޢުޤާޢު ވަޑައިގެން، އެކަލޭގެފާނުގެ އަރިހުގައިވި އެއްހާސް ފަހުލަވާނުން ދިހަ ބަޔަށް ބައިކޮށްލެއްވިއެވެ. އެއީ ސަތޭކަ މީހުން ހިމެނޭ 10 ޔުނިޓެވެ. މި ކަމަކީ މުސްލިމުންގެ ހިތްވަރާއި ކާމިޔާބީއަށް އޮތް އިތުބާރު ވަރުގަދަކުރުމަށްޓަކައި ކުރެއްވި ކަމެކެވެ. އެކަލޭގެފާނު ގެންދެވީ ވަރަށް ފަރުވާތެރިކަމާއެކު މުސްލިމުންގެ ލަޝްކަރާއި ދުޝްމަނުންގެ ލަޝްކަރުގެ ކަންތައްތައް ބެއްލެވަމުންނެވެ.