ރަސޫލް ޞޢޥ ގެ ދިފާޢުގަ އަމިއްލަ ހަށިކޮޅު އައްޑަނައަކަށް ހެއްދެވި ޠަލްޙާ އިބްނު ޢުބައިދުﷲ: ދިރިހުރި ޝަހީދެއް

ކިޔުމަށް ހޭދަވާނީ 2މ 45ސ
ރަސޫލް ޞޢޥ ގެ ދިފާޢުގަ އަމިއްލަ ހަށިކޮޅު އައްޑަނައަކަށް ހެއްދެވި ޠަލްޙާ އިބްނު ޢުބައިދުﷲ: ދިރިހުރި ޝަހީދެއް

މަރްޔަމް ސާޖިދާ

 

ޠަލްޙާ އިބްނު ޢުބައިދުﷲ އަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ، އަދި ސާބިތުކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާ ބޭކަލެކެވެ. މައްކާގެ އަބުރުވެރި ބަނޫ ތައިމް ވަންހައަށް، ގާތްގަނޑަކަށް މީލާދީން 594 ވަނަ އަހަރު އުފަންވެވަޑައިގަތް ޠަލްޙާގެ ޙަޔާތްޕުޅު ގުޅިފައިވަނީ އިސްލާމްދީނުގެ ފެށުމާއެވެ. މިއީ އިސްލާމީ ތާރީޚުގައި ފޮހެވިގެންނުދާނެ ފަދަ މުހިންމު ޝަޚްޞިއްޔަތެކެވެ.  

ޠަލްޙާ އަކީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެއިން ބަޝާރަތު ލިބިވަޑައިގަތް ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް 8 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަޢުވަތަށެވެ.

އުހުދު ހަނގުރާމައިގެ ދުވަހު ޠަލްޙާ އިބްނު ޢުބައިދުﷲ ދެއްކެވި ހިތްވަރަކީ އިސްލާމީ ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ ލާމަސީލު ނަމޫނާއެކެވެ. އެދުވަހު އެކަލޭގެފާނު ވެވަޑައިގަތީ މުޝްރިކުންގެ ހަމަލާތަކުން ރަސޫލާ ﷺ  ދިފާޢުކުރެއްވުމުގެ އައްޑަނައަކަށެވެ.

ހަނގުރާމައިގެ މައިދާނުގައި މުސްލިމުންނަށް ސިހުންލިބި ސަފުތައް ރޫޅިގެންދިޔަ ނާޒުކު ވަގުތު، މައްކާގެ މުޝްރިކުންގެ އަމާޒަކަށްވީ ރަސޫލާ ﷺ އަވަހާރަކޮށްލުމެވެ. އެވަގުތު ރަސޫލާ ﷺ ގެ އަރިހުގައި ސާބިތުވެތިއްބެވި މަދު ބޭކަލުންގެ ތެރޭގައި ޠަލްޙާގެފާނު ހިމެނިވަޑައިގަންނަވައެވެ.  

ރަސޫލާ  ﷺ ގެ ދިފާއުގައި އެކަލޭގެފާނުގެ ހަށިކޮޅު ބޭނުންކުރެއްވީ އިންސާނީ އައްޑަނައެއްގެ ގޮތުގައެވެ. ރަސޫލާ ﷺ އަށް އަމާޒުކޮށްދިން ތީރާއި ކަނޑީގެ ހަމަލާތައް ދިފާޢުކުރެއްވުމަށް ޠަލްޙާގެފާނުގެ އަތްޕުޅު ދިއްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގެ އިނގިންޏެއް ބުރިވެ، މުޅި އަތްޕުޅު އެއްކޮށް ވާގިނެތުނެވެ. ބުނެވޭ ގޮތުގައި އެދުވަހު އެކަލޭގެފާނުގެ ގައިކޮޅަށް 70 އަށްވުރެ ގިނަ ޒަޚަމް ލިބިވަޑައިގަތެވެ.  

ޠަލްޙާގެފާނުގެ މާތްކަމާއި، ކީރިތި ރަސޫލާ ﷺ އަށް އެކަލޭގެފާނު ބެހެއްޓެވި މަތިވެރި އިޙްތިރާމް، އުޙުދު ހަނގުރާމައިގައި މުސްލިމުން ފަހަތަށް ޖެހުނު ވަޤުތު ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. އިބްނު އިސްޙާޤު ރިވާކުރައްވާފއިވެއެވެ. " މާތްﷲގެ ރަސޫލާ ﷺ ފަރުބަދައިގެ ހިލަގަނޑެއްގެ މައްޗަށް އަރާވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ހަށިކޮޅު ވަރުދެރަވެފައިވުމާއި، ދެ ދަގަނޑު ދަހަނާ ތުރުކުރައްވައިގެން ހުންނެވެމުގެ ސަބަބުން، މައްޗަށް އަރާވަޑައިގަންނަވަން އުޅުއްވުމުން އެކަން އެކަލޭގެފާނަށް ނުކުރެއްވުނެވެ. އެހިނދު، ޠަލްޙަތު ބިން ޢުބައިދުﷲ އެކަލޭގެފާނުގެ ދަށަށް އިށީނދެވަޑައިގެން، ކީރިތި ރަސޫލާ ﷺ އަށް އެހިލަގަނޑު މައްޗަށް އަރާވަޑައިގަތުމަށް މަގުފަހިކޮށްދެއްވިއެވެ. ކީރިތި ރަސޫލާ ﷺ ގެ ދިފާޢުގައި އުޅުއްވުމުގެ ތެރޭގައި، ޠަލްޙާގެފާނުގެ ފައިންޕުޅަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކޮރެއް ޖައްސަވައެވެ. އެހެންނަމަވެސް، ރަސޫލާ ﷺ އުފުއްލަވައިގެން ހިންގަވަމުން ދިޔައިރު، އެކަލޭގެފާނަށް ކުރައްވާ އިޙްތިރާމެއްގެ ބޮޑުކަމުން، ތެދަށް ހިންގަވަން ވަރަށް ބޮޑަށް މަސައްކަތްޕުޅުކުރެއްވިއެވެ. "

މިސަބަބުތަކަށްޓަކައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "ބިމުގެމަތީގައި ހިނގާބިނގާވެއުޅޭ ޝަހީދަކަށް ބަލަން އެދޭމީހާ، ޠަލްޙަތު ބިން ޢުބައިދިﷲ އަށް ބަލާށެވެ." 

އަބޫ ދާވޫދު އައްޠަޔާލިސީ، އައިޝާ ރަޟިޔަﷲ ޢަންޙާގެ ކިބައިން ރިވާކުރައްވާފައިވެއެވެ.އެކަމަނާ ވިދާޅުވިއެވެ. " އަބޫބަކުރުގެފާނު އުޙުދު ހަނގުރާމައިގެ ދުވަހުގެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު، ވިދާޅުވެއެވެ: 'އެދުވަސް މުޅިންވެސް ޚާއްޞަވެގެންވަނީ ޠަލްޙާގެފާނަށެވެ'" (ފަތުޙުލްބާރީ، ނަމްބަރު:3617). 

ޠަލްޙާ އިބްނު އުބައިދުﷲ ޝަހީދުވެވަޑައިގަތީ ހިޖުރައިން 36 ވަނަ އަހަރު މުސްލިމުންގެ މެދުގައި ހިނގި ޖަމަލު ހަނގުރާމައިގައެވެ.

 

މިއަދު އޮންލައިން