ރަސޫލް ޞޢޥ ދުވަހަކުވެސް އެއްވެސް އަނބިކަނބަލެއްގެ ހަށިކޮޅަށް އަނިޔާއެއް ދެއްވުމުގެ ޤަޞްދުގަ ހާނީއްކައެއް ކުރައްވާފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ރަސޫލް ޞޢޥ ދުވަހަކުވެސް އެއްވެސް އަނބިކަނބަލެއްގެ ހަށިކޮޅަށް އަނިޔާއެއް ދެއްވުމުގެ ޤަޞްދުގަ ހާނީއްކައެއް ކުރައްވާފައެއް ނުވޭ!

"އަޅުގަނޑުގެ ކައިވެންޏަށް 45 އަހަރު ފުރިއްޖެއެވެ. ހިތްހަމަނުޖެހޭ، ރުޅި އަންނަންޖެހޭ އެތައް ކަމެއް ކުރިމަތިވިއެވެ. ނަމަވެސް ދުވަހަކުވެސް ފިރިމީހާ އަޅުގަނޑުގެ ހަށިގަނޑުގައި ބާރަށް އިނގިލިވެސް ޖައްސައި ނުލައެވެ." 

"ބައްލަވަ! މިލޯ ދުލަވެ ކުޑަވެ ދުޅަވެފަ އެއިނީ އެގޮތަށް އަޅުގަނޑު އުފެއްދެވީތީއެއް ނޫނޭ! ފިރިމީހާގެ އޯގާތެރިކަން ބޮޑުވީމައޭ!"  

މިދެވާހަކައަކީވެސް އަނބިންގެ ބަހެވެ. ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ!   

އެކަލޭގެފާނު ދުވަހަކުވެސް އަނބިކަނބަލެއްގެ ހަށިކޮޅަށް އަނިޔާއެއް ދެއްވުމުގެ ޤަޞްދުގައި ހާނީއްކައެއް ކުރައްވާފައެއް ނުވެއެވެ:  

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އެއްވެސް އަނބިކަނބަލެއްގެ ހަށިކޮޅަށް އަނިޔާއެއް ދެއްވުމުގެ ޤަޞްދުގައި އެކަލޭގެފާނު ދުވަހަކުވެސް ޖައްސަވާފައެއް ނުވެއެވެ. އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

“ما ضرب رسول الله صلى الله عليه وسلم شيئًا قط بيده، ولا امرأة، ولا خادما…." مسلم 2328.

"ﷲ ގެ ރަސޫލާ صلى الله عليه وسلم ދުވަހަކުވެސް އެއްވެސް އެއްޗެއްގައި ޖައްސަވާފައެއް ނުވެއެވެ. އަދި އެއްވެސް އަންހެނެއް ގައިގަވެސްމެއެވެ. އަދި ޚާދިމެއްގެ ގައިގައިވެސްމެއެވެ". 

އޭގެ އިތުރުން، ނަބިއްޔާ صلى الله عليه وسلم "لا تضربوا إماء الله" ، "ތިޔަބައިމީހުން ﷲ ގެ އަންހެން އަޅުތަކުން ގައިގަ ނުޖަހާށެވެ"، 

މިފަދައިން ޙަދީޘްފުޅު ކުރައްވައި ﷲ ތަޢާލާގެ އަންހެން އަޅުންގެ ގައިގަ ޖެހުން ނަހީކުރެއްވި ކަމަށް ޘާބިތުވެގެން ރިވާވެފައިވެއެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم އަރިހަށް ޢުމަރު رضي الله عنه ވަޑައިގެން ޝަކުވާ ދެންނަވައި ވިދާޅުވިއެވެ: "އަނބީން އެކަނބަލުންގެ ފިރީންނަށް ނުކިޔަމަންތެރިކަން ދައްކަން ފަށައިފިއެވެ". النهاية375/2  . 

ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:

"لقد طاف بآل مـحمد نساء كثير يشكون أزواجهن، ليس أولئك بخياركم". صحيح أبي داود 1863. 

"ހަމަކަށަވަރުން މުޙައްމަދު (صلى الله عليه وسلم) ގެ އާލުންގެ އަރިހަށް، ފިރީންގެ ޝަކުވާއާއިގެން ގިނަ (އަދަދަކަށް) އަންހެނުން އަތުވެއްޖެއެވެ. ފަހެ (އެބަޔަކާ މެދު ޝަކުވާ ކުރެވުނު) އެމީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮބައެއް ކަމުގައިނުވެއެވެ".

މިޔާ ޚިލާފަށް އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ ބައެއް ފިރީން އެބައިމީހުންގެ އަނބިންނަށް އަނިޔާ ކުރުމަކީ އާދައެއް ކަމުގައި ހަދައިފައިވާ ތަނެވެ. ކިރިޔާ ވެސް ހިތްހަމަ ނުޖެހޭ ކަމެއް ވާއިރަށް އަޑުލައި އަނިޔާކުރާތަނެވެ. ބައެއް ފަހަރު ދިރިއުޅޭ ގެއިންވެސް ދަމާފަ ނެރެލައެވެ. އަތުންނާއި ފައިން ކޮއްޕަމުން ވެސްމެއެވެ. ދަރީންނާއި ގޭގައި އުޅޭ އެހެން މީހުންނާއި އަދި ކައިރީ އަވައްޓެރީންގެ ކުރިމަތީގައެވެ. މިފަދަ އަނިޔާތަކުގައި އެކަނބަލުންނަށް ބޮޑެތި ގެއްލުމާއި އަނިޔާވެސް ލިބޭ ފަހަރުތައް މަދެއް ނޫނެވެ. އެންމެ ފަހުން މާރާމާރީއަށް ބަދަލުވެ، ލޭ އޮހިރުވުމަކަށް ވެސް ބަދަލުވެގެން ދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. 

މުސްލިމުންގެ ގޮތުގައި ތިބެ މިފަދަ ޙާލަތަކަށް މުޖުތަމަޢު ވެއްޓުމުން ދެން އެފުރުޞަތުގެ ބޭނުން ހިފަނީ ލާދީނީ ޖަމިއްޔާތަކާއި މިޝަނަރީންނެވެ. އަންހެނުންގެ ޙައްޤުގައި ކަމަށް ބުނެ އަޑު އުފުލައި މިފަދަ އަނިޔާއާއި މުޢާމަލާތާ ކުރިމަތިލާފައި ތިބޭ އަންހެނުން ނުވަތަ އެފަދަ މީހުންގެ އަންހެން އަދި ފިރިހެން ދަރީންގެ ބޮލަށް ވަދެ، ފިރީންގެ މައްޗަށް ނުކިޔަމަންތެރިކަމާއި ގަދަބަދަހިކަން ދައްކަން ދަސްކޮށްދޭ ކެންޕޭނުތައް ހިންގުވައެވެ. ގެވެށިއަނިޔާ ފަދަ ރީތި ޢިބާރާތްތަށް ބޭނުންކޮށްގެން ޢާއިލީ ދިރިއުޅުމުގެ ނިޒާމު އެކޮޅުކޮޅުން ޖަހަން – ނޭނގި ތިބެ ނަމަވެސް – ވިސްނައިދެއެވެ. 

- ނުނިމޭ -

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން