ނިކަމެތި ޙާލުގައި އުޅެމުން އަންނަ އަންހެނުންނަށް ބައެއް ފިރިހެނުން ވަރަށް ދީލަތިކަމާއިއެކުވެސް އެހީޔތެރިވެއެވެ. ފައިސާވެސްދެއެވެ. ކަންކަންވެސް ކޮށްދެއެވެ. ދުލުން ނުބުނި ނަމަވެސް ހިތުގައި އަމިއްލައެދުމެއް ބާއްވަިގެންނެވެ.
ބައެއް މީހުންގެ ހިތުގައި އޮންނަނީ އޭނާއާއި ކައިވެނިކުރުމެވެ. އަނެއް ބައެއްގެ ހިތުގައި އޮންނަނީ ފާފައެއް ކުރުމެވެ. މިދެކަމުންކުރެ ކަމެއް ހިތުގައި ބާއްވައިގެން ކުރާހޭދަވާނީ އަމިއްލަ އެދުމެއްގައި ކުރާ ހޭދައަކަށެވެ. ﷲ ތަޢާލާގެ މަގުގައި ކުރާ ޞަދަޤާތަކަށް ނުވާނެއެވެ.
އެކަމަކު އިތުރު ގޮތެއް އެބައޮތެވެ. އެއީ ކައިވެނިކުރަން ބޭނުންވާނަމަ އެކަން އޭނާގެ ގާތުގައި ބުނުމަށްފަހު ކައިވެނިކުރެވެންދެންވެސް ﷲ ތަޢާލާއަށްޓަކައި އޭނާއަށް އެހީތެރިވުމެވެ. މިގޮތަށް އެހީތެރިވާނަމަ ކައިވެނިކުރަން މަޖުބޫރުކޮށްގެން ނުވާނެއެވެ. އަދި ޝަރުޠުކޮށްގެންވެސް ނުވާނެއެވެ. އަދި ކައިވެނިކުރުން އަވަސްކުރަންވެސްވާނެއެވެ.
ބައެއް މީހުން ނިކަމެތި އަންހެނުންނަށް އެމީހުންގެ ބޭނުން ނުއަންގައިތިބެ ހޭދަކުރުމަށްފަހު ކައިވެންޏަށް އެދުމުން އޭނާ އެކަމަށް ނުރުހިވެސްދާނެއެވެ. އެއިރުން ރުޅިއައިސް ކަލަ ގޮވައެވެ. އެއިރުން އެކަންވާނީ ކުރި އިތުރު ފާފައަކަށެވެ. ކުރިން މިބުނި ފަދައިން އެފަދަ ނިޔަތެއް އޮތްނަމަ އެކަން ހާމަކޮށް އެކަމުގައި އޭނާގެ ވިސްނުން އޮޅުންފިލުވަންވާނެއެވެ. ޚަރަދުކުރަންވާނީ އެކަން އެނގިހުރެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން