بسم الله الرحمن الرحيم
އަލް ފާތިޙާ ސޫރަތަށް އަލް ފާތިޙާއޭ ކިޔުނީ އެ ސޫރަތުން ޤުރުއާން ފެށިފައިވާތީއެވެ. އަދި ބުނެވޭ ގޮތުގައި މި ސޫރަތަކީ އެންމެ ފުރަތަމަ އެއްކޮށް ބާވައިލެއްވި ސޫރަތެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ސޫރަތުގައި ޤުރުއާނުގެ މާނަތައް ޖުމްލަގޮތެއްގައި ހިމެނިގެންވެއެވެ. މިގޮތުން ތައުޙީދާއި، ޙުކުމްތަކާއި، ޖަޒާއާއި، އިންސާނުން އުޅޭ ގޮތްތަކާއި، އެހެނިހެންކަންތަކެވެ. މި ސޫރަތަށް "އުއްމުލް ޤުރުއާން" ގެ ނަމުން ނަންދެވިގެންވަނީ މިހެންވެއެވެ. އެއްޗެއްގެ މަރުޖިޢު އަށް "އުއްމު" އޭ ކިޔެއެވެ.
އެހެން ސޫރަތްތަކާއި މި ސޫރަތާއި ތަފާތުވާ ޚާއްޞަކަންތައްތަކެއް މި ސޫރަތަށް ލިބިގެންވެއެވެ. މިގޮތުން ބާލާއިރު ޝަހާދަތަށް ފަހު އިސްލާމްކަމުގެ އެންމެ މާތް ރުކުން ކަމުގައި ނަމާދުގައި މި ސޫރަތް ކިޔެވުމަކީ ރުކުނެކެވެ. އެހެނީ ނަމާދުގައި އަލްފާތިޙާ ސޫރަތް ނުކިޔަވާ މީހާގެ ނަމާދު ޞައްޙަ ނުވާނެއެވެ. އަދި މި ސޫރަތަކީ ރުޤުޔާ އެކެވެ. މި ސޫރަތައް ބަލިމީހެއްގެ ގާތުގައި ކިޔަވައިފިކަމުގައި ވަނީނަމަ ﷲ ގެ އިޒުނަފުޅާއި އެކީ އެމީހަކުގެ ބަލި ފަސޭހަވެއެވެ. އެހެނީ މި ސޫރަތް ސޫތްޕެއް ވިހަޖަހާފައިވާ މީހެއްގެ ކައިރީގެ ކިޔެވުމުން އެ މީހާ ރަނަގަޅުވުމުން އެ ކިޔެވި މީހާއަށް ނަބިއްޔާ ޞައްލަﷲ ޢަލަިއިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ
((و ما يدريك أنها رقية ))
މާނައީ” ތިބާއަށް އެއީ ރުޤުޔާއެއްކަން އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟"
ބައެއް މީހުންވަނީ މި ސޫރަތާއި މެދު ބިދުޢަތަކެއް ހަދާފައެވެ. މިގޮތުން ދުޢާކޮށް ނިންމާލުމަށް މި ސޫރަތް ކިޔަވައެވެ. އަދި ޚުޠުބާތައް ފެށުމަށްޓަކައި މި ސޫރަތް ކިޔަވައެވެ. އަދި ބައެއް މުނާސަބަތު ތަކުގައި މި ސޫރަތް ކިޔަވައެވެ. މިއީ ރަނގަޅުގޮތެއް ނޫނެވެ. ބައެއް މިހުން ދުޢާ ކުރުމަށް ފަހު އޭނާގެ ވަށައިގެން ތިބޭ މީހުންނާ ދިމާލަށް “އަލްފާތިޙާ” އޭ ކިޔާ ގޮވާތީ ފެންނާނެއެވެ. އެބަހީ ތިޔަބައިމީހުން އަލްފާތިޙާ ކިޔަވާށެވެ. އަދި ބައެއް މީހުން އެބައިމީހުން ގެ ޚުޠުބާތައް ފަށަނީ މި ސޫރަތުންނެވެ. ނުވަތަ މި ސޫރަތް ފަދަ އެހެން ސޫރަތްތަކުންނެވެ. މިއީވެސް ރަނގަޅުގޮތެއް ނޫނެވެ. އެހެނީ އަޅުކަން ވަނީ ޤުރުއާނާއި ސުންނަތުން އެކަމެއް ޘާބިތުނުވާހާ ހިނދަކު މަނާވެގެނެވެ. އަދި އަޅުކަންތައް ބިނާވެގެންވަނީ ޤުރުއާން އާއި ސުންނަތަށް ތަބަޢަވުމުގެ މައްޗަށެވެ.
ﷲ ތަޢާލާ ގެ ބަސްފުޅު (بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ): މި ބަސްފުޅުގައި ވާ بِسْمِ ގެ މާނައީ: ” ﷲ ގެ ނަން ފުޅުން” މި ފަދައިންނެވެ. އެހެން ނަމަވެސް މުރާދުގައި އެ ވަގުތަކު އެ އިލާހުގެ ނަންފުޅު ގަންނަ މުނާސަބު ކަމެއް މާނައިގެ ފަހަތަށް ވަދެގެން އާދެއެވެ. މިސާލަކަށް ތިބާ ﷲ ގެ ނަންފުޅު ގަންނަމޭ ބުނެ ކާން ޤަސްދުކޮށްފިނަމަ މި ބަސްފުޅުގެ މާނައަކީ “ﷲ ގެ ނަންފުޅު ގަތުމާއެކު ކާންފަށަމެވެ" މިފަދައިންނެވެ.
އެހެންކަމުން بِسْمِ ގެ ފަހަތަށް ލިޔުމުން އުނިކުރެވިފައިވާ ކަމެއް އައުމަކީ ލާޒިމް ކަމެކެވެ. އެހެނީ ޢަރަބި ބަހުގެ ޤަވާއިދުގައި ވާ ގޮތުން بِسْمِ އަކީ އެ ދެ ބަހެއްގެ މައްޗަށް އެހެންބަހެއް ޢަމަލުކޮށްފައިވާ ބަސްތަކެކެވެ. އެ އެއްޗެއްގެ މަސައްކަތް ކުރެވިގެންވާ ކޮންމެ އެއްޗެއްގެ މައްޗަށް މަސައްކަތްކުރި ފަރާތެއްވާނޭ ފަދައިން މި ދެ ބަހުގެ މައްޗަށް މަސައްކަތްކުރި ބަހެއް އޮތުމަކީ ލާޒިމްކަމެކެވެ.
އަދި ލިޔުމުގައި އުނި ކުރެވިފައިވާ ބަސް ނުވަތަ ކަން އަންނަނީ بِسْمِ ގެ ފަހަތަށްކަމުގައި އަޅުގަނޑު ބުނެފައިވާ ދެ ފާއިދާއަކަށް ޓަކައެވެ:
ފުރަތަމަ ފާއިދާ: ﷲ ގެ ނަންފުޅު އިސް ކޮށް ބަރަކާތް ހާސިލްކުރުމުގެގޮތުންނެވެ.
ދެވަނަ ފާއިދާ: ޢަރަބި ބަހުގެ ޤަވާދުގައިވާ ގޮތުން ބަހެއްގެ މައްޗަށް މަސައްކަތްކުރެވިގެންވާ ބަސް އޭގެ މައްޗަށް މަސައްކަތްކުރި ބަހުގެ ކުރިޔަށް ގެނައުމަކީ އެބަހެއްގެ މައްޗަށް މަސައްކަތްކުރެވިގެންވާ ބަސް ޚާއްޞަކުރެވޭ ގޮތެކެވެ. އެހެންކަމުން ލިޔުމުގައި އުނިކުރެވިފައިވާ ބަސް ނުވަތަ ކަން بِسْمِ ގެ ފަހަތަށް ގެނައުމުން މި އަޅާ މިކަން މި ފަށަނީ ހަމައެކަނި ﷲ ގެ އިސްމަފުޅުންނޭ މި މާނަ ދޭހަވެއެވެ. މިސާލަކަށް ތިބާ ބުނާ ފަދައެވެ: ތިމަންނަ ﷲ ގެ ނަންފުޅު ފިޔަވައި އެހެން ފަރާތެއްގެ ނަމުން ބަރަކާތް ހާސިލްކޮށްގެން ވާއްގަތްއެދިގެން ނުކަމެވެ.
އަދި ލިޔުމުގައި އުނިކުރެވިފައިވާ ބަހަކީ ކަންކަން ކަމުގައި އަޅުގަނޑު ބުނެފައިވާ ސަބަބަކީ ޢަމަލުގެ އަޞްލަކީ ކަމެވެ. މިކަން ޢަރަބި ބަހުގެ ޤަވާއިދުގެ ޢިލްމުވެރިންނަށް އެނގިވަޑައުގަންނަވާނެއެވެ. ޢަރަބި ބަހުގައި ނަންތަކުން ޢަމަލު ގެ މާނަ ޝަރުޠުތަކަކާއި އެއްކޮށް މެނުވީ ނާދެއެވެ.
ލިޔުމުގައި އުނިކުރެވިފައިވާ ބަސް ނުވަތަ ކަމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑު ބުނެފައިވާ ސަބަބަކީ އޭރުން ވީހާވެސްބޮޑަށް ﷲ ގެ ނަންފުޅާއެކު އޭނާ އެ ޤަޞްދުކުރާކަން އެނގިގެންދާނެތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( و من كان لم يذبح فليذبح باسم الله )
މާނައީ: ”އަދި ޤުރުބާންކޮށްފައި ނުވާމީހަކު ނަމަ ފަހެ އޭނާ ﷲ ގެ އިސްމުފުޅާއެކު ޤުރުބާންކުރާށެވެ. " ނުވަތަ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
( على اسم الله )
މާނައީ: ”ﷲ ގެ ނަންފުޅުގެ މަތީ ޤުރުބާންކުރާށެވެ."
މިގޮތަށް ވަކިކަމެއް ޚާއްޞަކޮށްފައި ބިސްމި ކިޔުމަށް އަމުރުކުރެއްވިއެވެ.
އަދި މި ބަސްފުޅުގައިވާ “الله” : މިއީ ﷲ ރައްބުލް ޢާލަމީންގެ ނަންފުޅެވެ. މި ނަންފުޅުން އެހެން ފަރާތަކަށް ކިޔުން ހުއްދަވެގެންނުވެއެވެ. އަދި މިއީ ﷲ ތަޢާލާގެ ނަންފުޅުތަކުގެ އަޞްލެވެ. ހުރިހާ ނަންފުޅުތައް ތަބަޢަވެގެންވަނީ މި ނަންފުޅަށެވެ.
އަދި މި ބަސްފުޅުގައިވާ "الله" : މިއީ ﷲ ރައްބުލް ޢާލަމީންގެ ނަންފުޅެވެ. މި ނަންފުޅުން އެހެން ފަރާތަކަށް ކިޔުން ހުއްދަވެގެންނުވެއެވެ. އަދި މިއީ ﷲ ތަޢާލާގެ ނަންފުޅުތަކުގެ އަޞްލެވެ. ހުރިހާ ނަންފުޅުތައް ތަބަޢަވެގެންވަނީ މި ނަމަށެވެ.
އަދި މި ބަސްފުޅުގައިވާ " الرحمن" : މިބަހުގެ މާނައަކީ ތަނަވަސް ވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. ޢަރަބި ބަހުގެ ކަލިމަތަކުގެ ވަޒަންތަކަށް ބަލާއިރު މި ބަސް “فعلان” ގެ ވަޒަނަށް އައިސްފައިވަނީ އެހެންވެގެންނެވެ. މި ވަޒަނަށް އައުމުން ދޭހަކޮށްދެނީ ތަނަވަސްކަމެވެ.
އަދި މި ބަސްފުޅުގައިވާ " الرحيم": މި ބަހުގެ މާނައަކީ އެއިލާހުގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް އެއިލާހުގެ ރަޙުމަށް ފޯރުކުރައްވާ އިލާހެވެ. ޢަރަބި ބަހުގެ ކަލިމަތަކުގެ ވަޒަންތަކަށް ބާލާއި މި ކަލިމައިގެ ވަޒަނަކީ “فعيل” އެވެ. މި ވަޒަނަށް އައިސްފައި އޮތުމުން ދޭހަކޮށްދެނީ ކަމެއް ކުރައްވާ ކަމެވެ. އެހެންކަމުން މިތާނގައި ބާޔާންކުރެވިގެން މިވަނީ ﷲ ތަޢާލާގެ ޞިފަފުޅެއްކަމުގައި ވާ ރަޙުމަތާއި އެއިލާހުގެ ކުރައްވާ ކަމެއްކަމުގައިވާ ރަޙުމަތެއްގެ ވާހަކައެވެ. ފުރަތަމަ ބަޔާންވެގެންވާ الرحمن ގެ މުރަދައަކީ އެއިލާހު ތަޢާލާގެ ޒާތުފުޅުގައިވާ ރަޙުމަތުގެ ޞިފަފުޅެވެ. އަދި ދެވަނައަށް ބަޔާންކުރެވިގެންވާ الرحيم ގެ މުރާދައަކީ އެއިލާހުގެ فعلފުޅެއް ނުވަތަ އެއިލާހު ކުރައްވާކަމެއް ކަމުގައިވާ ރަޙުމަތްލެއްވިގެންވާ މަޚްލޫޤުންގެ މައްޗަށް އެ ރަޙުމަށް ފޯރުކުރެއްވުމެވެ. ނުވަތަ ރަޙުމަތްލެއްވުމެވެ.
(الرحمن الرحيم) މިއީ ﷲ ތަޢާލާގެ ދެ ނަންފުޅެވެ. މި ދެނަންފުޅަކީ އެއިލާހު ތަޢާލާގެ ޒާތުފުޅަށް ދަލީލުކޮށްދެއެވެ. އަދި އެއިލާހުގެ ރަޙުމަތުގެ ސިފަޔަށް މި ދެނަންފުޅުން ދަލީލިކޮށްދެއެވެ. އަދި އެއިލާހުގެ ރަޙުމަތުގެ ސަބަބުން ފާޅުވާ ކަންކަމަށް ނުވަތަ އެއިލާހުގެ ރަޙުމަތުގެ ސިފަފުޅުގެ އަސަރުތަކަށް މި ދެ ނަންފުޅުން ދަލީލިކޮށްދެއެވެ.
ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ޘާބިތުކުރައްވާފައިވާ ރަޙުމަތަކީ ޙަޤީޤީ ސިފައެކެވެ. އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށް ވާޙީއާއި ބުއްދީގެ ހެކިތަކުން ދަލީލުލިބެއެވެ. ވާޙީގެ ގޮތުން ބާލާއިރު ޤުރްއާނާއި ސުންނަތުގައި އެއިލާހަށް ރަޙުމަތުގެ ސިފަފުޅު ލިބިގެންވާކަމުގައި އެތައްތަނެއްގައި އަންގަވާފައިވެއެވެ. އަދި ބުއްދީގެ ގޮތުން ބަލާކަމުގައި ވާނަމަ މަޚްލޫޤުންނަށް ލިބޭ ކޮންމެ ނިޢުމަތަކީ އަދި މަޚްލީޤުންގެ ކިބައިން ދުރުކުރެވޭ ކޮންމެ ނުބައިކަމަކުން ދުރުކުރެވުމަކީ ﷲ ތަޢަލާގެ ރަޙުމަތުގެ އަސަރުތަކެވެ.
ﷲ ތަޢާލާ އަށް ރަޙުމަތުގެ ހަޤީޤީ ސިފައިން ސިފަފުޅު ލިބިވޮޑިގެންވުން މީސްތަކުންގެ ތެރެއިން ބަޔަކު އިންކާރުކޮށްފައިވެއެވެ. އަދި އެއިލާހުގެ ރަޙުމަތުގެ ޞިފައަކީ އެއީ ނިޢުމަތް ދެއްވުން ކަމަށާއި އަދި ނިޢުމަތް ދެއްވުމަށް އިރާދަކުރެއްވުން ކަމުގައި އެބައި މީހުން އޭގެ މާނަ އޮޅުވާލައެވެ. އެބައިމީހުން ބުނާގޮތުގައި ﷲ ތަޢާލާ އަށް ރަޙުމަތުގެ ސިފަ ލިބޮވޮޑިގެންވުމީ ބުއްދީގެ ގޮތުން ހަމަޖެހޭކަމެއް ނޫނެވެ. އެހެނީ އެބައިމީހުން ބުނާގޮތުގައި ރަޙުމަތުގެ މާނައަކީ ވަކި ފަރާތަކާށް ލެނބުން ނުވަތަ މަޑުމޮޅިކަމާމާއި ބޯލެނބުމާއި އޯގާތެރިކަމެވެ. އަދި މި ސަފަތަކަކީ ﷲ ތަޢާލާ އަށް އެކަށީގެންނުވާ ސިފަތަކެވެ.
އެ ބައިމީހުންގެ މި ބުނުމަށް: އެބަހީ ﷲ ގެ ﷲ ތަޢާލާ އަށް ރަޙުމަތުގެ ޙަޤީޤީ ޞިފަ ލިބިވޮޑިގެން ނުވާކަމަށް ބުނުންމަށް ދެ ގޮތަކަށް ރައްދުވިދާނެއެވެ:
ފުރަތަމަ ގޮތް: ރަޙުމަތުގެ މާނައިގެ ތެރެޔަށް ބޯލެނބުމާއި ކިޔަމަންތެރިކަމުގެ މާނަ ނުވެއްދުމެވެ. އެހެނީ ދުނިޔެމަތީގައި އުޅޭ ބާރުގަދަ ރަސްރަސްކަލުންވެސް ބަޔަކަށް ބޯނުލަނބާ ކިޔަމަންވެގަތުމަކާއި ނުލާ އެ ބައި މީހުންނަށް ރަޙުމްކުރާތަން އަހަރެމެންނަށް ފެނެއެވެ.
ދެވަނަގޮތް: ކުރީގައި އެބައިމީހުން މާނަކޮށްފައިވާ ކަންތައްތައް ރަޙުމަތުގެ ސަބަބުން ލާޒިމްވާކަމުގައި ވަނީނަމަ އެ ރަޙުމަތަކީ މަޚްލޫޤުންގެ ކިބައިގައި ހުންނަ ރަޙުމަތުގެ ސިފައިގައި ހިމެނޭކަންތައްތަކެކެވެ. އެހެންކަމުން އެއީ މަޚްލޫގުން ރަޙުމްކުރާގޮތެވެ. އެހެން ނަމަވެސް ޚާލިޤުވަންތަ ﷲ ގެ ރަޙުމަތުގެ ސިފަވަނީ އެއިލާހުތަޢާލާގެ މަތިވެރިކަމާއި، ވެރިކަމާއި ގުޅޭ، އެކަށީގެންވާ ގޮތެއްގައެވެ. އެހެންކަމުން އެއިލާހު ތަޢާލާގެ ރަޙުމަތުގެ ސިފަފުޅުގައި އެއްވެސް ގޮތަކުން އުނިކަމެއް ނުހިމެނެއެވެ.
އެއަށްފަހު ބުނަމެވެ: ހަމަކަށަވަރުން ﷲ ތަޢާލާ އަށް ޙަޤީޤީ ރަޙުމަތުގެ ސިފަ ވާކަމުގައި ބުއްދި ހެކިދެއެވެ. އެހެނީ މަޚްލޫޤާތްތައް އެކަތި އަނެކަތީގެ މެދުގައިވާ ރަޙުމްކުރުމުގެ ސިފައިން ދަލީލްކޮށްދެނީ ﷲ ތަޢާލާގެ ރަޙުމަތުގެ ސިފަފުޅަށެވެ. އަދި އެއިން ދަލީލްކޮށްދެނީ ﷲ ތަޢާލާގެ ރަޙުމަތުގެ ފުރިހަމަކަމަށެވެ. ހުރިހާ ގޮތަކުންވެސް ފުރިހަމަކަމަކީ ﷲ ތަޢާލާ އަށް އެންމެ ބޮޑަށް ޙައްޤުވެގެންވާ ގޮތެވެ. އަދި އަޅުގަނޑުމެންގެ ދުނިޔެއިން މި ފެންނަ ވާރޭ ވެހުމާއި ހަނަފަސްކަން ނެތިގޮސް އާރޯކަން އައުމާއި މިފަދަ އެތައްކަމެއް ދަލީލްކޮށެދެނީ ﷲ ތަޢާލާގެ ރަޙުމަތުގެ ސިފަފުޅަށެވެ.
އަދި ޢަޖާއިބު ކުރުވަނިވި ކަމަކީ ބުއްދިން އެކަމަށް ހެކި ނުވަތަ ދަލީލު ނުލިބޭކަމަށްބުނެ ﷲ ތަޢަލާ އަށް ހަޤީޤީ ރަޙުމަތުގެ ސިފަ ލިބިވޮޑިގެންވާ ކަމަށް އިންކާރުކުރާ މީހުން އެއިލާހު ތަޢާލާއަށް ޙަޤީޤީ އިރާދަތުގެ ސިފަ ލިބިވޮޑިގެންވާކަމަށް ސާބިތު ކުރާކަމެވެ. މިކަމަށް އެމީހުން ގެންނަ ދަލީލަކީ ﷲ ތަޢާލާގެ ރަޙުމަތުގެ ސިފަފުޅަށް ބުއްދީގެ ޒަރީއާއިން ދަލީލުކޮށްދޭ މިންނަވަރަށް ވުރެ ކުޑަކޮށް ދަލީލްކޮށްދޭ ކަމަކެވެ. އެ މީހުން ބުނެއެވެ: މަޚްލޫޤުންގެ ކިބައިގައި އެކަތި އަނެކައްޗަށް ތަފާތުވަނިވި އެކިކަންތައްވުމުން ބުއްދީގެ ގޮތުން ދަލީލްކޮށްދެނީ ﷲ ތަޢާލާގެ އިރާދަފުޅަށެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި މި މީހުންގެ މި ބުނުމަކީ ރަނގަޅު ބުނުމެކެވެ. އެހެންނަމަވެސް މި މީހުން މި ގެނައި ދަލީލަކީ ﷲ ތަޢާލާގެ ރަޙުމަތުގެ ފެންނަން ހުރި އަސަރުތަކުން އެއިލާހުގެ ރަޙުމަތަށް ދަލީލުކޮށްދޭ މިންވަރަށް ނިސްބަތުން ބޮޑަށް ފޮރުވިފައިވާ ދަލީލެކެވެ. އެހެން ނަމަވެސް ހެޔޮވިސްނޭ ބުއްދިވެރިންނަށް މެނުވީ މިކަންތައް ފަހުމްނުވާނެއެވެ. ފަހެ ﷲ ތަޢާލާގެ ރަޙުމަތުގެ އަސަރުތައް ޢާއްމުންވެސް ދަނެއެވެ. ފަހެ ތިބާ އާދައިގެ ޢާއްމު މީހެއްގެ ކައިރީގައި ރޭގައި ވެހުނު ވާރެ ވެހުނީ ކިހިނެއް ހެއްޔޭ ސުވާލެއް ކޮށްފިކަމުގައި ވަނީނަމަ އޭނާބުނާނެއެވެ. އެވާރޭ އަހަރެމެންނަށް ވެހުނީ ﷲ ގެ ފަޟުލުވަންތަވެރިކަމާއި އެއިލާހުގެ ރަޙުމަތުންނެވެ.
- އަދި ނުނިމޭ-
- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު- ދިސަލަފިއްޔާ
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة ގެ ތަފްސީރުގެ ތަރުޖަމާއެވެ.