މިހާރަކަށް އައިސް އިންތިޚާބެއް ކާމިޔާބުކުރެވިއްޖެނަމަ އެކަން ފާހަގަކުރަން ބާއްވާ ހަރަކާތުގައި މައިގަނޑުކަމަކަށް އޮންނަނީ މިޔުޒިކްކުޅުމާއި ދެޖިންސުން މަސްހުނިވެ އުފާފައުޅުކުރުމެވެ. މިއީ ހުއްދަކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އިންތިޚާބެއް ކާމިޔާބުކުރެވޭނީވެސް ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. އޮތީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާންޖެހޭ ފުރަތަމަ ފަރާތަކީ ﷲ ތަޢާލާއެވެ. ގިނަބައެއްގެ ވޯޓު ލިބޭނީ އެމީހުންނަށް އެކަމުގެ ވިސްނުން ﷲ ތަޢާލާ ދެއްވެވުމުންނެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް ކުރަން އޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަމެވެ.
ތިރީގައި އެވަނީވެސް މިފަދަ ސުވާލަކަށް ދެވިފައިވާ ޖަވާބެކެވެ. ވިދާޅުވެލައްވާށެވެ.
މިމޭރުމުން އަބަދުހެން ސުވާލުތައް ކުރިމަތިވާތީ މިކަމާއި ގުޅިގެން ތަފާތު ޢިލްމުވެރިންގެ ބަސްފުޅުތައް ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. މިފަހަރު މިގެނެސްދެނީ ޝައިޚް މުޙައްމަދު ޝިފާންގެ ބަސްފުޅެކެވެ. ތިރިގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ޖަވާބް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ދެ ޖިންސު މަސްހުނިވެގެން މިޔުޒިކް ޝޯ ބާއްވައި ނާޗަރަންޤީ ކުޅުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެފަދަ މުންކަރާތަކަށް އިންކާރު ކުރުމަކީ ވާޖިބެކެވެ. އަދި އެފަދަ މުންކަރާތްތަކުގައި ބައިވެރިވެ އެހީތެރިވުމަކީ ފާފަވެރިވާނެ ކަމެކެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: (وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ)
މާނައީ: ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!.
މިއުޒިކް ޝޯ އިސްތިހާރު ކުރުމާއި އަދި އެ ޝޯ ލައިވް ކުރުމަކީވެސް ޙުއްދަވެގެންވާނެ ކަމެއް ނޫނެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ .: (إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ)
މާނައީ: ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
ވީމާ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވަން ރާވާފައިވާ މިޔުޒިކް ޝޯ ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ކަންތައްތައް މީސްތަކުންގެ މެދުގައި ފެތުރުމުން ދުރުހެލިވުމަށް ދިވެހި މީޑިޔާތަކަށް އިލްތިމާސް ކުރަމެވެ.
- ޝައިޚް މުޙައްމަދު ޝިފާން
(ޝައިޚް މުޙައްމަދު ޝިފާން މިމޭރުމުން ވިދާޅުވެފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އާއަހަރު ފާހަގަކުރަން ތައްޔާރުވަމުންދިއަ ދުވަސްވަރުއެވެ. އާއަހަރު ފާހަގަކުރަންވިޔަސް ކާމިޔާބީ ފާހަގަކުރަންވިޔަސް އުފާފައުޅުކުރަންވިޔަސް މިޔުޒިކްޝޯ ބޭއްވުމުގެ ޙުކުމަކީ ހަމަ އެއްޙުކުމެކެވެ. އެޙުކުމަށް ބަދަލެއް ނައުދެއެވެ.)