ހެޔޮލަފާ އަނބިން ފިރިމީހާއާއި ބައްދަލުކުރާނީ ހިނިތުންވުމާއިއެކުގައެވެ. ފިރިމީހާއަށް ވަފާތެރިވާނެއެވެ. ފިރިމީހާއަށް ޚިދުމަތްކުރާނީ އޯގާތެރިކަމާއިއެކުގައެވެ. އެއިގެ އިތުރުން ތަނަވަސްކަން ހުރިނަމަ ޚަރަދުވެސްކުރާނެއެވެ.
ގިނަ ފިރިން އެފަދަ އަނބިންގެ އަގު ވަޒަނެއް ނުކުރެއެވެ. ދެކެނީ އެއީ އަނބިމީހާ އަދާކުރަންޖެހޭ ވާޖިބުތައް ކަމަށެވެ. ދެންވާގޮތަކީ ދުވަސްކޮޅަކުން އަނބިމީހާއަށް އެކަން ވިސްނެއެވެ. ވިސްނުމުން ޖަދަލުކޮށް ޒުވާބެއް ނުކުރާނެއެވެ. ލޯތްބަށް އެދި އާދޭހެއްވެސް ނުކުރާނެއެވެ. ރިވެތި ގޮތުގައި މަޑުމަޑުން ގެއިން ނުކުމެގެންދާނީއެވެ.
ގިނަފަހަރު އެކަން މެދުވެރިވާނީ ފިރިމީހާއަށް އަނބިމީހާ އެންމެ މުހިންމުވާ ވަޤުތުގައެވެ. އެހެންވެ ވަރަށް އާދޭސްވެސް ކުރާނެއެވެ. ނަމަވެސް ފަސްއެނބުރި ބަލެއް ނުލާނެއެވެ. މަސައްކަތްކުރާނީ ކުރިއަށް ފިޔަވަޅެއް އެޅުމަށެވެ.
މިބާވަތުގެ މައްސަލަތަކާއި ގުޅިގެން ފިރިން ވަރަށް ގިނައިން ކައުްނސިލިންގ ހޯދަން އައުދެއެވެ. އަނބިމީހާއަށް ވިސްނައިދިނުމަށް އެދެއެވެ. އަހުރެން ބުނަނީ އަނބިމީހާ އެގޮތަށް އެނިންމީ ވަރަށް ގިނަ ދުވަހު ވިސްނާފައިކަމަށްވުމުން އެވިސްނުން ބަދަލުކުރަން އެދުނަސް ބަދަލުނުކުރާނެ ކަމަށެވެ. އެއީ އެކަމުގެ ނަތީޖާ އެގޮތަށް ފެންނާތީއެވެ.
ޚުލާޞާކޮށްލާފައި ބުނާނަމަ ބުނަން އޮތީ މިގޮތަށް ކަންކަން މެދުވެރިވަނީ އެންމެ ސަބަބަކާއިހުރެ ކަމަށެވެ. އެއީ އަނބިމިހާގެ ހެޔޮކަމާ ރަނގަޅުކަމުގެ އަގުވަޒަންނުކުރެވުމެވެ. ންޞީޙަތަކީ ދެމަފިރިންވެސް ބައިވެރިޔާގެ އަގު ވަޒަންކުރުމެވެ. ލޯބިދިނުމުގައި ފޭލްނުވުމެވެ. އެނޫން ޙައްލެއް ނެތެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަަކފުޅަކުން