ޤުރްއާން އުނގެނުމާ އަމިއްލަ ދަރިންނަށް ޤުރްއާން އުނގަންނައިދިނުމަކީ ވާޖިބެއް! އެހެން ބައަކަށް އުނގަންނައިދޭން ޚަރަދުކުރުމަކީ އެންމެ މަތިވެރި އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޤުރްއާން އުނގެނުމާ އަމިއްލަ ދަރިންނަށް ޤުރްއާން އުނގަންނައިދިނުމަކީ ވާޖިބެއް! އެހެން ބައަކަށް އުނގަންނައިދޭން ޚަރަދުކުރުމަކީ އެންމެ މަތިވެރި އަޅުކަމެއް!

ޤުރްއާނުގެ މަތިވެރިކަން މުސްލިމުންނަށް ރަނގަޅަށް އެނގޭނެއެވެ. ޤުރްއާން އުނގެނެން ޖެހޭނެކަންވެސް އެނގޭނެއެވެ. ކިޔަވައި ޢަމަލުކުރަންޖެހޭނެކަންވެސް އެނގޭނެއެވެ. މިއީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. އެއިގެ އިތުރުން ދަރިންނަށް ޤުރްއާން އުނގަންނައިދީ ޤުރްއާނުގެ އަހުލުވެރިންކަމުގައި ހެދުމަކީވެސް މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.

ތިމާ ޤުރްޢާން ކިޔެވުމުގެ އިތުރުން ދަރިންނަށް ނުވަތަ އެހެން މީހަކަށް ނަމަވެސް ޤުރްއާން އުނގަންނައިދިނުމަކީ އަދި އެކަމަށް ހޭދަކުރުމަކީވެސް ހާދަ މަތިވެރިކަން ބޮޑު ޢަމަލެކެވެ! ކޮންމެ މީހަކަށް އެހެން މީހުންނަށް ޤުރްއާން އުނގަންނައި ނުދެވިދާނެއެވެ. ނަމަވެސް ތަނަވަސްކަން ހުރިނަމަ ޤުރްޢާން އުނގެނެން މާލީ ގޮތުން އެހީތެރިވެދިނުމަކީވެސް ހަމަ ޤުރްޢާން އުނގަންނައިދިނުމެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޤުރްއާން އުނގަންނައިދިނުމުގެ ހުރި މަތިވެރިކަން އެނގިލައްވާނެއެވެ! އިން ޝާ ﷲ   

ﷲ ގެ ރަސޫލާ صلى الله عليه وسلم ރޭގަނޑާއި ދުވާލު ކީރިތި ޤުރުއާން ކިޔުއްވުން ގިނަކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ދިގުކުރެއްވިއެވެ. އިމާމު މުސްލިމް (722) ރިވާ ކުރައްވާފައިވާ ގޮތުން އެކަލޭގެފާނު ދަމުނަމާދުގެ އެއް ރަކުޢަތުގައި ބަޤަރާ ސޫރަތާއި އާލް-ޢިމްރާން ސޫރަތާއި އަދި ނިސާ ސޫރަތް ކިޔުއްވިއެވެ. 

އަދި ޤުރުއާން ކިޔެވުމަށާއި އަދި ޤުރުއާން އުނގެނުމަށާ އަދި ޤުރުއާން އުނގަންނައިދިނުމަށް އެކަލޭގެފާނުގެ އުންމަތަށް ބާރުއެޅުއްވިއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

»الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ « [رواه البخاري (4937)، ومسلم (798)] 

މާނައީ: "ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާއެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ." 

އަދި ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

»خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ« [رواه البخاري (5027)]

މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.”   

- އަލްއަޚް ނަޡީމް ނިޡާމްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން