ﷲ ތަޢާލާ ނަމާދަށް ދެއްވެވި މާތްކަމާ މަތިވެރި ދަރަޖައަށް ވިސްނާލިޔަސް އެންމެ ނަމާދެއްވެސް ނުއަޅާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ﷲ ތަޢާލާ ނަމާދަށް ދެއްވެވި މާތްކަމާ މަތިވެރި ދަރަޖައަށް ވިސްނާލިޔަސް އެންމެ ނަމާދެއްވެސް ނުއަޅާނެ!

އެންމެންވެސް ސުވަރުގެ ބޭނުންވެއެވެ. އެކަމަކު ނަމާދުކުރެވެނީ މަދު ބައަކަށެވެ. ﷲ ތަޢާލާ ނަމާދަށް ދެއްވެވި މާތްކަމާ މަތިވެރި ދަރަޖައަށް ވިސްނާލިޔަސް އެންމެ ނަމާދެއްވެސް ނުއަޅާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން މިގެނެސްދެނީ ﷲ ތަޢާލާ ނަމާދަށް ދެއްވެވި މާތްކަމާ މަތިވެރި ދަރަޖަ އަންގައިދޭނެ ލިޔުމެކެވެ. އިން ޝާ ﷲ. އުންމީދަކީވެސް ދުޢާއަކީވެސް ކޮންމެ މުސްލިމަކީވެސް ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށްވުމެވެ.    

އަޅުކަން ފަރުޟްކުރެއްވުމަށް ﷲ ތަޢާލާ އިރާދަކުރެއްވި ހިނދު، އެއިލާހުގެ ޙަޟްރަތަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ގެންދެވިއެވެ. އިސްރާއާއި މިޢްރާޖުގެ ރޭގައި އެމަތިވެރި ޝަރަފު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމައަށް ދެއްވުމަށް ފަހު ނަމާދުގެ މަތިވެރި އަޅުކަން އުއްމަތަށް ފަރުޟްކުރެވުނު ކަމުގެ ޚަބަރު އެއްވެސް ވާޞިޠާއެއް މެދުވެރިއަކު ނެތި ޚުދު ﷲ ތަޢާލާ ދެއްވިއެވެ. މިކަމުން ދޭހަވަނީ ނަމާދަށް ﷲ ޙަޟްރަތުގައި ދެވިފައިވާ މަޤާމެވެ.

ރޯދަ އާއި ޒަކާތާއި ޙައްޖުފަދަ އަޅުކަންތައް ފަރުޟުކުރެވުނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ބިންމަތީގައި ހުންނަވަނިކޮށް ޖިބްރީލްގެފާނު މެދުވެރިކުރައްވައެވެ. ނަމާދަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމް މި ޙާދިޘާއިން ވަރަށް ރަނގަޅަށް ދޭހަވެގެންދެއެވެ. 

އަޅުކަމުގެ އެހެނިހެން ކަންތަކަށްވުރެ ނަމާދަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހައްމިއްޔަތުކަމާއި މާތް ކަމާއި މަތިވެރިކަން އަންގައިދޭ އަނެއްކަމަކީ އިސްވެދިޔަ ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށްވެސް ނަމާދު ފަރުޟުކުރައްވާފައިވުމެވެ. އިސްލާމްދީނުގެ ބައެއް އަޅުކަންތަކަކީ އެކި އެކި ނަބިއްޔުންގެ އުންމަތްތަކަށް ޚާއްޞަ އަޅުކަންތަކެކެވެ. ކޮންމެ ނަބިއްޔަކަށް އެ ނަބިއްޔަކަށް ޚާއްޞަ ޝަރީޢަތެއް ބާއްވައިލެއްވުނެވެ. 

ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ.

﴿ لِكُلٍّ جَعَلْنَا مِنكُمْ شِرْ‌عَةً وَمِنْهَاجًا ﴾ [المائدة 48]

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ". 

ނަމަވެސް ނަމާދަކީ ހުރިހާ ނަބިއްޔުންނާއި ރަސޫލުންގެ ޝަރީޢަތް ތަކުގައި ޝާމިލުވެގެންވާ އަޅުކަމެކެވެ. މިގޮތުން ބަލާއިރު މޫސާ ޢަލައިހިއްސަލާމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވެއެވެ. ﴿وَأَنَا اخْتَرْتُكَ فَاسْتَمِعْ لِمَا يُوحَىٰ﴾ * ﴿إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴾[طه 13-14]  

މާނައީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ ވަޙީއަށް ކަނުލައި އައްސަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމް ކުރައްވާށެވެ"! 

ފަހެ އިސްވެދިޔަ އާޔަތުގައި ﷲ ތަޢާލާ މޫސާގެފާނަށް އެންމެ ފުރަތަމަ އެއިލާހަށް އަޅުކަންކުރުމާއި ވަޙީބާއްވައިލެއްވުމާއި ވިދިގެން ދެން މިއަންގަވަނީ ނަމާދު ޤާއިމްކުރެއްވުމަށެވެ. 

އަދި ޢީސާގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

﴿قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴾ * ﴿ وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴾[مريم 30-31]  

މާނައީ: "އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، ﷲގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް، އެކަލާނގެ މިއަޅާޔަށް ވަޞިއްޔަތް ކުރެއްވިއެވެ". 

އަދި ޙަލީލުﷲ އިބްރާހިމްގެފާނާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.﴿ رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ ﴾[إبراهيم 37]  

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ނަމާދުކޮށް އުޅުމަށްޓަކައެވެ".

(ނުނިމޭ) 

- އައްޝައިޚް އަހްމަދު ރިމާޒް

މިއަދު އޮންލައިން