ފުރާނައިގެ މަތިވެރިކަން: ފުރާނައާއިމެދު އެއްވެސް އެއްޗެއް އެނގޭ އަދި އެނގޭނެ މީހަކުވެސް ނެތް! ނުވެސް ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 2ސ
ފުރާނައިގެ މަތިވެރިކަން: ފުރާނައާއިމެދު އެއްވެސް އެއްޗެއް އެނގޭ އަދި އެނގޭނެ މީހަކުވެސް ނެތް! ނުވެސް ހުންނާނެ!

ދެވަނަ سـُــــــــــؤَال 

·              ފުރާނަ އަކީ ކޮންއެއްޗެއްހޭ ؟

جَوَاب: 

وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا (85) (1) 

މި آية ގެ މާނައަކީ، " އެބައިމީހުން ފުރާނައިގެ ވާހަކައިން ކަލޭގެފާނާ سُؤَال ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރި  ރަސްކަލާނގެ ދެނެވޮޑިގެންވުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި، ތިޔަބައިމިހުންނަށް (އެބަހީ، إِنْسَان ންނަށް) عِلْم ގެ ތެރެއިން، ވަރަށް ކުޑަމިންވަރެއް  މެނުވީ  ދެއްވިފައެއް ނުވެއެވެ."  

އިސްވެދިޔަ آية އަށް ބަލާއިރު، " الرُّوْح"  އާބެހޭ ގޮތުން رَسُوْلُ الله  صلَّى الله عَلَيْهِ وَسَلَّمَ   އާ ބަޔަކު މީހުން سُؤَالُ ކުރިކަން އެނގި يَقِيْن ވެއެވެ. މި سُؤَال އެއް ކުރީ يَهُوْدِى  އިންގެ ބައެކެވެ. އެބައިމީހުންގެ سُؤَالُ ގެ مُرَادُ އަކީ ކޮބައިކަމާމެދު عِلْمُ ވެރީންގެ މެދުގައި إخْتِلاَفُ އުފެދިފައި ވެއެވެ. ބައެއް عِلْمُ ވެރީން ވިދާޅުވަނީ، އެބައިމީހުންގެ سُؤَالُ ގެ މުރާދަކީ، آدم ގެ ދަރީންގެ ފުރާނައެވެ. ބައެއް عِلْمُ ވެރީންގެ ބަހަކީ، އެމީހުންގެ سُؤَالً ގެ މުރާދަކީ، قِيَامَة ދުވަހު مَلاَئِكَةُ ން ސަފުސަފަށް ތިއްބަވާއިރު، އެ مَلاَئِكَةُ ންގެ އަރިހުގައި ހުންނަވާ الرُّوْحُ އޭ ކިޔުނު މަތިވެރި مَلاَئِكَة އެކެވެ. الْعَلاَّمَةُ الْحَافِظُ اِبْنُ الْقَيِّم اَلْجَوْزِيَّة އެކަލޭގެފާނުގެ "الرُّوح" އޭ ކިޔުނު ފޮތުގައި، حَدِيث ގެ އަލީގައި ބުރަވެ ވަޑައިގެންފައި ވަނީ، މިދެ ބަހުންކުރެ ފަހުން މިދެންނެވި ބަހުގެ މައްޗަށެވެ. (1)

__________________________

(1)     سورة الإسراء: 85

(1)          ބައްލަވާ:  الرّوح ص : 236- 239 

ދެންފަހެ، إِنْسَان އާގެ ފުރާނަ އޭނާއާ އެންމެ ފުރަތަމަ ގުޅެނީ މައިމީހާގެ رَحِمُ ގައި އޭނާވާ حَالُ ގައެވެ. صَحَّ حَدِيث (2) ން ثَابِت ވާގޮތުގައި، މައިމީހާގެ رَحِمُ ގައި نُطْفَة އެއްގެ ގޮތުގައި ސާޅީސް ދުވަސް ހަމަވުމުން، ގަނޑުލޭކޮޅަކަށް އެ نُطُفِة ބަދަލުވެ، އަދި މިގަނޑު ލޭކޮޅަށް ސާޅީސް ދުވަސް ހަމަވުމުން، މަސްކޮޅަކަށް ބަދަލުވެ، އަދި މި މަސްކޮޅަށް 40 ދުވަސް ހަމަވުމުން އަރަހުށި މާތް الله مَلاَئِكَة އަކު ފޮނުއްވައި، އެ مَلاَئِكَة އާ އެޔަށް ފުމެލެއްވުމުން، އޭގައި ފުރާނަ އަޅުއްވައެވެ. ފުރާނަ خَلْقُ ކުރައްވަނީ މިފަދައިން ނެވެ. مَلاَئِكَة އާގެ ފުމެލެއްވުން އެއީ، ފުރާނަ އެޅުއްވުމަށް ﷲ މެދުވެރި ކުރައްވާ ސަބަބެވެ. ވީމާ، މައިމީހާގެ رَحِمْ ގައި نُطُفَة قَرَارُ ވުމަށްފަހު އެ نُطْفَة ، އެއް حَالَة އަކުން އަނެއް حَالَة އަކަށް ބަދަލުވަމުން ގޮސް ފުރާނަ އޭގައި އަޅުއްވަނީ އެ نُطْفَة ، رَحِمُ ގައި قَرَارُ ވުމަށްފަހު، ތިން ސާޅީސް ދުވަސް ހަމަވުމުންނެވެ. އެއީ ސަތޭކަ ވިހިދުވަހެވެ. ނުވަތަ ހަތަރުމަސް ދުވަހެވެ. އެއަށްފަހު إِنْسَان އެއްގެ ސިފައިގައި ދުނިޔެއަށް އުފަންވަނީ އެތަކެއް މަސްދުވަސް ފަހުންނެވެ. 

މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ مُدَّة އަކީ ފުރާނަ ހަށިގަނޑާ ގުޅިފައިވާ دَوْر ތަކުގެ ތެރެއިން ފުރަތަމަ دَوْر އެވެ.  

ކޮންމެ إِنْسَان އެއްވެސް، އެ إِنْسَان އެއްގައި، ﷲ ފުރާނަ އަޅުއްވަނީ އިސްވެދިޔަ ފަދައިންނެވެ. މި حَقِيْقَة ން إِسْتِثْنَاء ވަނީ سَلاَم ލެއްވި آدَم ގެފާނާއި، سَلاَم ލެއްވި حَوَّاء ގެފާނާއި، سَلاَم ލެއްވި عِيْسَى ގެ ފާނެވެ.

ފަހެ سَلاَم ލެއްވި عِيْسى ގެފާނު ހައްދަވައި، ފުރާނަ އެޅުއްވުމުގައި ފިރިހެން جِنْس ގެ ذَرِيْعَة އެއް މެދުވެރިއެއް ނުކުރައްވައެވެ. سَلاَم ލެއްވި حَوَّاء ގެފާނު ހައްދަވައި، ފުރާނަ އެޅުއްވުމުގައި، އަންހެން جِنْس ގެ ذَرِيْعَة އެއް މެދުވެރިއެއް ނުކުރައްވައެވެ. سَلاَم ލެއްވި آدَم ގެފާނު ހައްދަވައި ފުރާނަ އެޅުއްވުމުގައި ދެ جِنْس ންކުރެ އެއްވެސް جِنْس އެއްގެ ذَرِيْعَة އެއް މެދުވެރިއެއް ނުކުރައްވައެވެ. މިތިން ބޭފުޅުން ފިޔަވައި އެންމެހައި آدَمْ ގެ ދަރިން ހައްދަވައި، ފުރާނަ އެޅުއްވުމުގައި ދެ جِنْس ގެ ذَرِيْعَة މެދުވެރި ކުރައްވައެވެ.

__________________________________________

(1)          ބައްލަވާ:  سورة المؤمنون  ގެ 12- 16  ވަނަ آية ތައް

مختصر تفسير ابن كثير ص . 56 – 562 : مجلَّة ؟ 

ފުރާނައިގެ އަނެއް دَوْرُ އަކީ، إِنْسَان އާ ދުނިޔެ އަށް އުފަންވެ، މަރުވެއްޖައުމަށް ދާނދެން ދުނިޔޭގައި ދިރިއުޅެމުންދާ دَوْرُ އެވެ. 

ތިންވަނަ دَوْرُ އަކީ، إِنْسَانَة އާ މަރުވުމަށްފަހު بَرْزَخْ ގެ عَالَمْ ގައި، ވަގުތީ ގޮތުން ފުރާނަ ހަށިގަނޑާ ގުޅޭ ގުޅުމެވެ. އެއީ ކަށްވަޅުގެ سُؤَالُ އާއި جَوَابُ އާއި، ކަށްވަޅުގެ ثَوَابُ ނުވަތަ ކަށްވަޅުގެ عَذَابُ އަށްޓަކައެވެ. މި دَوْرُ ގައި ފުރާނަ ހަށިގަނޑާ ގުޅޭގުޅުމަކީ އިސްވެދިޔަ 2 دَوْرُ ގައި ފުރާނަ ހަށިގަނޑާ ގުޅޭ ގުޅުމާ ވަރަށް ތަފާތުކޮށް ގުޅޭ ގުޅުމެކެވެ.  

ހަތަރުވަނަ دَوْرُ އަކީ، ތާޅަފިލީގެ އަޑަށް ފުރާނަ ހަށިގަނޑަށް إِعَادَ ކުރައްވައި، އަލުން ދިރުއްވާ ދިރުވުމެވެ. އެއީ ކަށިތައް ފީވެ، ވެއްޔާ މޮޑެވިގެން ދިއުމަށްފަހު، އަލުން ހަމަ އެ ކަށިތައް ދިރުއްވައި އެހަށިގަނޑެއްގެ ފުރާނަ އެހަށިގަނޑަށް إِعَادَ ކުރައްވާ ދުވަހެވެ. سُوْرَة ياسِين ގެނިމޭ آية ތައް މާނައާއި އެކު ދިރާސާ ކުރައްވާށެވެ!  އަދި، އަލުން ދިރުއްވުމާމެދު ކީރިތި قُرْآن ގައި އެކުލެވިގެންވާ ގިނަގުނަ آية ތައް މާނައާއެކު ދިރާސާ ކުރައްވާށެވެ! مَسْأَلَة މިއޮތީ ޝައްކެއް ވަސްވާހެއް ނެތި ސާފުވެ އެނގޭ ގޮތުގައެވެ.  

ފުރާނަ ހަށިގަނޑާ ގުޅޭ ގުޅުމުގައި އެންމެ ފުރިހަމަކޮށް ފުރާނަ ހަށިގަނޑާ ގުޅެނީ މި دَوْرُ ގައެވެ. މި دَوْرُ ގައި ފުރާނަ ހަށިގަނޑަށް إِعَادَ ކުރެއްވުމަށްފަހު، އެފުރާނަ އެހަށިގަނޑާ ވަކިވުމެއް ނުވެއެވެ. މަރުވުމެއް ނުވެއެވެ. ނަރަކައިގެ ވޭން ދެނިވި ގަދަ އަލިފާނުގެ ހޫނުގައި އަނދަމުންދާ އިރުވެސް، އެ ފުރާނަ އެހަށިގަނޑާ ވަކިވުމެއް ނުވެއެވެ، ސުވަރުގޭގެ دَائِمِى نِعْمَة ގައި ދެމިތިބޭ އިރުވެސް، އެފުރާނަ ހަށިގަނޑާ ވަކި ވުމެއް ނުވެއެވެ.

فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِینَ *

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން

 

މިއަދު އޮންލައިން