ޞަޙާބީން އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރޭއަޅުކަމަށެވެ. އެއްބޭކަލަކު އަނެއް ބޭކަލަކަށް އެންމެ ބޮޑަށް ވާދަކުރެއްވެވީ ރޭއަޅުކަމުގައެވެ. ސަބަބެއް މެދުވެރިވެގެންވެސް ރޭއަޅުކަން ނުކުރެއްވެވިއްޖެނަމަ އެބޭކަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވަނީ އެކަމެވެ.
ނަމަވެސް މިޒަމާނަށް ބަލައިފިނަމަ "ޤިޔާމުއްލައިލް"، ނުވަތަ ދަމުނަމާދަކީ ގިނަ ބައަކު އެހައި ބޮޑު ސަމާލުކަމެއް ދޭ ނަމާދެއް ނޫނެވެ. ފަރުޟް ނަމާދު ކުރާ މީހުންގެ ތެރެއިން ވެސް ދަމު ނަމާދަށް ސަމާލުކަން ދީގެން އެ ނަމާދު ކުރަނީ ވަރަށް މަދު މީހެކެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
މިކަން މިގޮތަށް ކުރިމަތިވެފައި މިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވުނު ބަދަލުތަކާއިއެކު ނިދާ ވަގުތު ފަސްކުރުމުންނެވެ. ނުހޭލެވޭތީއެވެ. ފަތިސް ނަމާދަށް ވެސް ނުހޭލެވޭތީއެވެ. އެހެން ނަމާދުތަކަށް މީހުން މިސްކިތަށް އަރާ އަދާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރާ މީހުންގެ އަދަދަށް ބެލުމުން އެކަން އެނގޭނެއެވެ.
މިވެނި އެވެނި ކަމެއް ކުރުމުން ރޭ އަޅުކަން ކުރެވުނީ ކަމަށް ބަލައިގެން ވެސް ގިނަ ބައަކު ދަމު ނަމާދަށް އެބަ އިހްމާލްވެއެވެ. ދަމު ނަމާދަކީވެސް ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ނަމާދެކެވެ. ނަމަވެސް ދަމުނަމާދަކީ އެއިގެ އަޞްލަށް ބަލައިފިނަމަ މަތިވެރިކަމުގެ ގޮތުން އެހެން އެއްވެސް ނަމާދަކާއި އަޅުވައި ކިޔެން އޮތް ނަމާދެއް ނޫނެވެ. އެހެނީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދަމުނަމާދެވެ.
ދަމުނަމާދަކީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާ މީސްތަކުންނަށް އެކަމަށް މަގުފަހިކޮށްދެއްވެވުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޚާއްޞަ ހަދިޔާއެކެވެ. އެފަދަ ޚާއްޞަ ހަދިޔާއެއް ބަލައި ނުގަނެ ދޫކޮށްލަން ހެޔޮ ނުވާނެއެވެ.
"ދަމުނަމާދަކީ ތިއަބައިމީހުންގެ ކުރިން އުޅުނު މުސްލިމުންވެސް ކޮށް އުޅުނު ނަމާދެކެވެ. އެ ނަމާދަކީ ތިބާ އާއި ތިބާ ހައްދަވައި ގެންގުޅުއްވަވާ އިލާހާއި ކައިރިވެވޭނެ މަގެވެ. އެ ނަމާދަކީ ފާފަތައް ފޮހެވުމަށް އޮތް މަގެވެ. އަދި އެ ނަމާދަކީ ފާފަތަކުން މީހާ ސަލާމަތްކޮށް ދޭނޭ މަގެއްވެސް މެއެވެ." މިއީ އިމާމް ތިރްމިޒީ ރިވާކުރައްވަވާފައިވާ ޞަޙީހް ޙަދީޘްފުޅެއްގެ މާނައެވެ.
ދަމު ނަމާދަށް ކުރީގެ މުސްލިމުން ސަމާލުކަން ދިންވަރުން އެއްވެސް މީހަކު ދަމުނަމާދު ނުކޮށްފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އައީ ފާހަގަކުރެވެމުންނެވެ. ދަމުނަމާދު ނުކުރާ މީހުންނަކީ ރަސޫލް (ﷺ)ގެ ސުންނަތަށް ތަބަޢަވާ މީހުން ކަމާއިމެދު އައީ ސުވާލުކުރަމުންނެވެ. ދަމުނަމާދު ނުކުރާމީހުންނަކީ ﷲ ތަޢަލާގެ މަތިވެރި ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުން ނުވާ މީހެއް ކަމާއިމެދު އައީ ސުވާލުކުރެވެމުންނެވެ. މިއީ އެ ޒަމާނުގައި މީސްތަކުން ދަމުނަމާދަށް ސަމާލުކަން ދިން މިންވެރެވެ.
ތިބާއަކީ އެހެން މީހުންނަށް ދީނުގެ ކަންކަމަށް ގޮވާލައި އުޅޭ މީހެކެވެ. އެހެން މީހުންނަށް ހެޔޮ ނަޞޭޙަތްދީ އުޅޭ މީހެކެވެ. 50000 އަހަރުގެ މުއްދަތަށް ދެމިގެންދާނެ އެއް ދުވަސް (ޤިޔާމަތް ދުވަހަށް) ބިރުވެތިވާ މީހެކެވެ. ނަމަވެސް ތިބާ ދަމު ނަމާދެއް ނުކުރެއެވެ. އެހެންކަމަށްވާނަމަ ތިބާގެ ޙަޤީޤީ ޙާލަކީ ކޮބައިހެއްޔެވެ؟
ދަމުނަމާދަކީ ތިބާ އާއި ތިބާ ހައްދަވައި ގެންގުޅުއްވަވާ އިލާހާއި ކުއްތަންވެވޭނެ މަގު ކަމަށް ބަޔާންކުރައްވަވާފައި އޮތް އޮތުމަށް ވިސްނައިލާށެވެ. ރޭގަނޑުގެ 3 ބައިން ފަހުބައިގައި ﷲ ތަޢާލާ 7 އުޑުގެމަތިން އެންމެ ތިރީ އުޑަށް ފައިބައި ވޮޑިގަންނަވަތެވެ. އަދި މީސްތަކުންގެ ތެރެއިން ތިމަން ﷲގެ ކިބައިން ކަމަކަށް ބޭނުންވެގެން ދަންނަވަނީ ކާކުތޯ ސުވާލުކުރައްވަވަތެވެ. އެ ހިނދު "އެއީ މިއަޅާއެވެ! މިއަޅާ މިއެދެނީ މިވެނި ކަމަކަށް" ކަމަށް ދަންނަވާ މީހާ އާއި ﷲ ތަޢާލާ އާއި ކުއްތަންވެގެންދާނެ މިންވަރު ނިކަން ޚިޔާލަށް ގެނެސްބަލާށެވެ. ވީމާ އަހަރެން އެކަން ސިފަކުރަނީ އެއީ ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ އެންމެ ކުރު މަގު ކަމަށެވެ.
ވީމާ ދަމުނަމާދަށް ދޭ ސަމާލުކަން އިތުރުކުރަން ވަސިއްޔަތް ކުރަމެވެ. ނަޞޭޙަތްތެރިވަމެވެ. ދަމުނަމާދުގެ ޙަޤީޤީ ފައިދާ އެނގޭނަމަ ކޮންމެ ގޮތަކުން ވެސް ލިބިގަންނާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން