އެއީ ވަރަށް ލޯބިން އުފަލުގަ ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ފިރިމީހާގެ ކޮއްކޮއާ ދައްކަ ބޭނުންވެގެން ދުވަސްކޮޅަކު ތިބެލަން ގެއަށް ގެނައެވެ. އެކަމަށް އަނބިމީހާ މަރުޙަބާ ކިޔެވެ.
އެއްދުވަހު މަސައްކަތް ނިމިގެން ފިރިމީހާ ގެއަށް އައިއިރު އަނބިމިހާ އިނީ ރޯށެވެ. މޫނުމައްޗަށް ބަލައިލުމުން ޖެހުނީ އަނިޔާކުރުމުން ނޫފައިގެންފައި ހުރި ތަންތަނެވެ. ސުވާލުކުރުމުން ބުނީ މެންދުރު އެންމެންނަށް ކާންދީފައި ގޮސް އޮށޯވެލިތަނާ ކޮއްކޮއައިސް ގަމީހެއްދީފައި ވަގުތުން ދޮވެ އިސްތިރިކުރަން ބުނުމުން ބަހެއް ނުބުނެ މަޑުކޮށްލުމުން ކުރިވަރު ކަމަށެވެ.
ސުވާލުކުރުމުން ދެބައިން ކުށްވެރިކުރީ ފަހަރިއެވެ. ބުނީ ބޭބެއާއި ކައިވެނިކޮށްގެން އިންނަމަ އެމީހުން ބުނާކަންކަން ކޮށްދޭނެޖެހޭނެ ކަމަށެވެ. ފިރިމީހާ ބުނީ ނުޖެހޭނެ ކަމަށެވެ. ކައްކައި ކާންދެނީވެސް އަނބިމީހާގެ ރަނގަޅުކަމުން ކަމަށެވެ. އަދި ވަޤުތުން އެއްޗެތިދޮވެދިނުން ފަދަ ކަންކަން ކުރަން އެއްގޮތަކަށްވެސް ނުޖެހޭނެ ކަމަށެވެ.
"ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭނެ ކަމަށް ޤަބޫލުކުރަން. މިގޭގައި ބެއިތިއްބީވެސް އެހެންވެ. ދޮންނަ މެޝިން އެހެރީ! ކީއްވާނީ އަމިއްލައަށް ދޮވެލިއްޔާ؟ ބަދިގޭގައި ހުރިހާ އެއްޗެއް ހުންނާނެ! އަމިއްލައަށް ކައްކައި ނުލެވެންވީ ކީއްވެ؟ މިއީ މީގެ 100 އަހަރުކުރިއެއް ނޫން! ދިރިއުޅުން މިވަނީ ބަދަލުވެފަ! ޢާއިލާއަށް އެކުގަ އުޅެވޭނީ އެންމެން އެކަކުއަނެކަކަށް އެހީތެރިވެގެން! ލޯތްބާއި ކުލުނު ދެމިއޮންނާނީ އެއިރުން! އަހުރެމެންނަކީ 3 ބެއިން! އެގުޅުން ދެމެހެއްޓޭނީ އަހުރެންގެ އަނބިމީހާއަށް އިޙްތިރާމްކޮށްގެން! ތިއަ ދެބެއިން ކައިވެނިކުރުމަށްފަހުވެސް މިކަންކަމަށް ވިސްނާތި! ބައިވެރިޔާއަކީ އެންމެންގެ އަލަކަށް ހަދަން ނުވިސްނާތި! އެކަމެއް ނުކުރެވޭނެ!"
ބޭބެ ދެއްކި ވާހަކަތައް ދެބެއިންވެސް ޤަބޫލުކުރިއެވެ. ފަހަރީގެ ކިބައިން މާފަށް އެދި ގުޅިގެން އުޅެން ނިންމުމުން ބޭބެއާއި އަނބިމީހާ އެކަމަށް މަރުޙަބާކިޔެވެ.
އަހުރެން ފިރިންނަށް ނަޞީޙަތްތެރިވާނީ މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނބިމީހާގެ ދިފާޢުގައި ބަސްބުނުމަށެވެ. އަނބިމީހާ ނިކަމެތިކުރުމަށެވެ. ނޫންނަމަ ކިތަންމެ ގިނަ ކައިވެނިތަކެއް ކުރިޔަސް ދިރިއުޅުމެއް ނުލިބޭނެއެވެ. ދީނުގައި އޮތީވެސް ފިރިމީހާ ކަންތައް އެކުރިގޮތަށް ކަންކަން ކުރުމަށެވެ. އަނބިމީހާއަށް ދޭންޖެހޭ ރައްކައުތެރިކަން ދިނުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް