އަނބިމީހާ ބޭނުންވެގެން އަވަށްޓެރިޔާގެ ހުވަފަތްވެފައި އިން ނިކަމެތި އަނބިމީހާއާ ދެއަންތބަށް ކައިވެނިކުރުމުން ބޮޑު ތަނަވަސްކަމެއް ލިބުނު ޢާއިލާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އަނބިމީހާ ބޭނުންވެގެން އަވަށްޓެރިޔާގެ
ހުވަފަތްވެފައި އިން ނިކަމެތި އަނބިމީހާއާ ދެއަންތބަށް ކައިވެނިކުރުމުން ބޮޑު
ތަނަވަސްކަމެއް ލިބުނު ޢާއިލާއެއްގެ ވާހަކަ-

 

ކުޑަކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ. އެއީ ވަރަށް

އާދައިގެ ފެންވަރުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކުއްލިއަކަށް އަވަށްޓެރިޔާ ނިޔާވެ އަނބިމީހާ ހުވަފަތްވީއެވެ. 3 ދަރިންވެސް ތިއްބެވެ.  

އެދެމަފަރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ. ދުވަހަކުވެސް ދެމަފިރިން ވަކިވުން، ފިރިމީހާ ދެވަނަ އަންތބަކު ހޯދުން ފަދަ ކަމަކަށް ވިސްނާފައެއްވެސް ނެތެވެ. ނަމަވެސް އަވަށްޓެރިޔާ ނިޔާވުމުން އަނބިދަރިންނަށް ލިބުނު ނިކަމެތިކަން ފޫބައްދައިޑޭން އެހީތެރިވުމުގެ ތެރެއިން އަނބިމީހާ އިސްވެ ފިރިމީހާއަށް ދަޢުވަތެއް ދިނެވެ. ފިރިމީހާދެކެ ލޯބިވާ އަންތބަކު ނުވެސްދޭނެ ފަދަ ދަޢުވަތެކެވެ.  

އެއީ އަވަށްޓެރިޔާގެ އަނބިމީހާ އާއި ދެއަންތބަށް ކައިވެނިކުރުމެވެ. ބުނީ މިދަޢުވަތު މިދެނީ އެކަމުގެ ރަޙްމަތް ދެމަފިރިންނަށް ލެއްވެވުން އެދިގެން ކަމަށެވެ. ފިރިމީހާ އެކަމަށް ވިސްނިއެވެ. ދުވަސްކޮޅެއްފަހުން އެކަމަށް އެއްބަސްވިއެވެ. އެއަންހެންމީހާގެ ދޮށިކަމާއިއެކުވެސް ﷲ އަށްޓަކައި ރުހިދާނެކަމަށް ބުންޏެވެ.  

ކައިވެނީގެ ކަންކަން ހަމަޖެއްސީވެސް އަނބިމިހާއެވެ. ކައިވެނިކުރިތާ އަހުރުވެސް ނުވަނީސް ފިރިމީހާއަށް ޕްރަމޯޝަނެއް ލިބުނެވެ. ލިބޭ އާމްދަނީ އިތުރުވިއެވެ. 3 ވަނަ އަހަރު ތެރޭގައި އަމިއްލަ މަސައްކަތެއް ފަށަން ފުރުޞަތު ލިބުނެވެ. މަސައްކަތުގައި އިސްކޮށްތިބީ ދަރިންނާއި ދޮންދަރިންނެވެ. އެންމެ އިސްކޮށްހުރީވެސް ދޮންދަރިއެކެވެ. އެއީ ތަޢުލީމާއި ތަޖުރިބާ ލިބިފައި ހުރުމުންނެވެ. މިއަދު އެޢާއިލާއަކީ ފުދޭވަރެއްގެ ތަނަވަސް ޢާއިލާއެކެވެ.  

ދަރިން ތިބި އަންހެނަކު ހުވަފަތްވެފައި ހުރިނަމަވެސް އެއަންހެނަކާއި ކައިވެނިކުރަން ގިނަ ބައަކު ޖެހިލުންވެއެވެ. އަދި އެކަނިވެރި މައިންނާއި ކައިވެނިކުރަންވެސް ޖެހިލުންވެއެވެ. އެމީހުން ފަޤީރުވެދާނެކަމަށްޓަކައެވެ. ނަމަވެސް އެވިސްނުމަކީ މުޅިން ނުބައި ވިސްނުމެކެވެ.

ކައިވެނިކުރެވެން އޮތްނަމަ ހުވަފަތް އަންހެނުންނާއި އަދި އެކަނި ވެރި މައިންނާއި ކައިވެނި ކުރާށެވެ! އެމީހުންނަށް ބަލަންޖެހިފައިވާ ދަރިންގެ ޢަދަދަށް ނުބަލާށެވެ! ކޮންމެ ދަރިއަކީ ތިބާއަށްތަކައި ބޮޑު ރަޙްމަތެކެވެ. 

ހުވަފަތް އަންހެނުންނާއި ކައިވެނިކޮށް އެކަވެނީގައި ބަރަކާތް ލެއްވެވުމަށް އެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ. އެއީ ސުންނަތުން ފެންނަން އޮތް ހެޔޮ ޢަމަލެކެވެ. އަދި ކީއްހެއްޔެވެ؟ ޔަތީމުންނަށް ހެޔޮކޮށް ހިތުމަކީ އެކަމެއްގެ ސަބަބުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެ ކަމެކެވެ. ރަސޫލް ﷺ އާއި އެންމެ އަރިއަހުގައި ވެވޭނެ ޢަމަލެކެވެ.

ޔަތީމުންނާ ހުވަފަތް އަންހެނުންގެ ޙާޖަތައް ފުއްދައިނުދީ ތިބުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް ބިރުހުރިކަމެކެވެ. އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ވަނީ ﷲ ތަޢާލާ ހެކިކުރައްވަވައި އެކަމަށް އިންޒާރު ދެއްވަވައިފައެވެ.  

ޔަތީމުންނާއި ހުވަފަތް އަންހެނުންނަކީ އެންމެ ނިކަމެތިޙާލުގައިވާ ބައެކެވެ. އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ އެމީހުންގެ ޢާއިލާތަކުގެ މައްޗަށް އޮތް ވާޖިބެއް ނަމަވެސް އެވާޖިބުން ބަރީޢަވެގެންވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އެމީހަކަށް ވެވެން އޮތް މިންވަރަކުން ޔަތީމުންނަށާއި ހުވަފަތް އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.

މީސްތަކުންނޭވެ! ކިތަންމެ ކުޑަ ކާއެތިކޮޅަކުން ނަމަވެސް އެހީތެރިވާށެވެ. އެންމެ ފޭރާމެއް ނަމަވެސް ދޭށެވެ. ހެޔޮކޮށް ހިތާށެވެ! ތަނަވަސްކަން ލިބިގެންވާނަމަ އެންމެ ޔަތީމަކު ނަމަވެސް ބަލަހައްޓާށެވެ.  

ކައިވެނި ކުރެވެން ނެތްނަމަ ކައިވެނިނުކުރިނަމަވެސް ﷲ ތަޢާލާއަށްޓަކައި ހެޔޮ ގޮތުގައި އެންމެ ހުވަފަތް އަންހެނަކު ނަމަވެސް  ބަލަހައްޓައިދޭށެވެ. އެހީތެރިވެދޭށެވެ. އެކަމަށް ތިބާ ކުރާ ހޭދައިގެ ބަދަލު އެތައް ގުނައަކުން އިތުރަށް ދެއްވަވާނެތެވެ. އެކަމަށް ޝައްކުވެސް ނުކުރާށެވެ. އިން ޝާ ﷲ     

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން