ބުއްދިވެރިއަކު ބުނެފައިވެއެވެ.
"ތިބާއާއިއެކުގައި އުޅޭ މީހުންގެ ވިސްނުން ތިބާއާއި އެއްގޮތަކަށް ބަދަލެއް ނުކުރެވޭނެއެވެ. މާނައަކީ ވިސްނައިދިނަސް އެމީހުންގެ ވިސްނުން ބަދަލުވާނީ އެމީހުން އެކަން ކުރަން ބޭނުންނަމައެވެ. ގަދަކަމުން އެމީހުން ލައްވައި ހެޔޮ ޢަމަލެއްވެސް ނުކުރުވޭނެއެވެ. ހެޔޮ ޢަމަލުކުރެވޭނީ އެމީހުން ކުރަން ބޭނުންނަމައެވެ.
ނަމަވެސް ތިބާއަށް ކުރެވޭނެ ކަމެއް އެބައޮތެއެވެ. އެކަމަކީ ތިބާއާއިއެކުގައި އުޅޭ މީހުން ބަދަލުކުރުމެވެ. ހެޔޮ ޢަމަލުކުރާ މީހުންނާއިއެކުގައި ތިބާ އުޅުމެވެ. ތިބާއަށް އޮތީ އެކަންކުރުމެވެ."
މިއީ ވަރަށް ރަނގަޅު އަދި ފައިދާހުރި ބަސްކޮޅެއްކަމަށް ފެނެއެވެ. ހެޔޮލަފާ ނޫން މީހުންނާއިއެކުގައި އުޅޭނަމަ ތިމާގެ ތަޤްވާވެރިކަން ކުޑަވެގެންދާނެއެވެ. ހަމައެއާއިއެކު ހެޔޮލަފާ މީހުންނޫން މީހުންނާއިއެކުގައި އުޅޭނަމަ އެކަމުގެ އަސަރު ތިބާއަށްކޮށް ތިބާގެ ޒަވާޖީ ހަޔާތަށްވެސް އެކަމުގެ އަސަރުކުރާނެއެވެ. ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަކަށްވެސް އެކަންވެގެންދެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ދުނިޔަވީ ކަންކަމުގައި އެކުވެރިންގެ ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތަޤްވާވެރިކަމުގައި އެބަހީ އިސްލާމް ދީނަށް ޢަމަލުކުރުމުގައި ޚިޔާލުތަފާތުވުމަކީ މައްސަލައެކެވެ. އެކަމުގެ ނުބައި އަސަރު ދެދުނިޔޭގައިވެސް ކުރާނެއެވެ.
ހަމަ އެއާއިއެކު އާވާރާ ދިރިއުޅުމެއް އުޅޭ ފާޙިޝް ޢަމަލުތައްކުރާ މީހުންނާއި ގުޅުން ނުބާއްވާށެވެ! ގިނަ ބައަކު މަގުފުރެދި ނަރަކައަށް ވަންނަންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އަދި ކުރިން ބުނިހެން ކައިވެނިތައް ރޫޅި ހެޔޮލަފާ ބައިވެރިންނާއި ވަކިވާންޖެހޭ އެންމެ ޢާންމު ސަބަބަކީވެސް އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން