އުޚުތަކު ކޮށްފައިވާ ސުވާލެކެވެ. "2 ރަކްއަތް ނަމާދެއް ކުރެވެނީ 15 މިނިޓުންނެވެ. އެއިގެ ތެރެއިން 12 މިނިޓް ސުޖޫދުގައި ހޭދަކުރަން ހުއްދަހެއްޔެވެ؟"
އުޚުތާއެވެ! އެކަން ހުއްދައެވެ. ނިތްކުރިއާއި ނޭފަތުކުރި ޖައްސައިގެން ސަޖިދައިގައި ހިމޭނުން އޮންނަ އޮތުމަކީ ﷲ ތަޢާލާއާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. އެއީ ދުޢާ ޢިޖާބަކުރައްވަވާ މަޤާމެކެވެ. ޢަރަބިބަހުން ދުޢާކުރާށެވެ! ޢަރަބިބަހުން ކުރަން ނުއެނގޭނަމަ އަމިއްލަ ބަހުންވެސް ކުރާށެވެ! އެކަމަކަށް ހުރަހެއް ނެތެވެ. ވީމާ އެމީހަކަށް ކެރިކުޅަދާނަވާވަރަކަށް ސަޖިދަ ދިގުކޮށް ދުޢާކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރައްވަވާއިރު އިޢުތިދާލާއި ރުކޫޢާ ސުޖޫދުގައި ވަޤުތު ހޭދަކުރެއްވެވީ އެއްވަރަކަށެވެ. ނަމަވެސް އެއީ ސަޖިދަ ދިގުކުރަން އޮތް ހުރަހެއް ނޫނެވެ. ތިއަ ސުވާލު ތިއައުފެދެނީ އެކަން އޮތް ގޮތް ރަނގަޅަށް ނުއެނގޭތީއެވެ.
- ޝައިޚް މުޙައްމަދު ޞަލާޙްގެ ދަރުސަކުން