ނިދުމުގެ މައްސަލަ މިހާބޮޑުވެފައިވާއިރުވެސް ކިޔަވަން ސުންނަތުން އެގެންހުރި އާޔަތްތަކާ ސޫރަތްތައް އެބަކިޔެވޭތަ؟ ދަރިންގެ ކިބައިގަ އެއާދަ އެބައަށަގެންނުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 9ސ
ނިދުމުގެ މައްސަލަ މިހާބޮޑުވެފައިވާއިރުވެސް ކިޔަވަން ސުންނަތުން އެގެންހުރި އާޔަތްތަކާ ސޫރަތްތައް އެބަކިޔެވޭތަ؟ ދަރިންގެ ކިބައިގަ އެއާދަ އެބައަށަގެންނުވޭތަ؟

މިހާރަކަށް އައިސް ގިނަ ބައަކު ނިދަން އޮށޯންނަނީ ފޯނާއިކުޅެކުޅެ ދެލޯ ވަރުބަލިވުމުންނެވެ. ނުވަތަ ޓީވީ ބަލަބަލައި ދެލޯވަރުބަލިވުމުންނެވެ. ދެލޯ ވަރުބަލިކޮށްގެންވެސް ނިދަން އޮށޯތުމުން ނިދިނައުމުގެ މައްސަލައަކީ ގިނަ ބައެއްގެ ޝަކުވާއެވެ. ނުނިދޭތީ ކޮންމެވސް ބޭހެއް ކައިގެންވެސް ނިދޭތޯ ބެލުމަކީ ގިނަބައެއްގެ އާދައެކެވެ.  

ކަންކަން މިފަދައިން ހުރިއިރު ނިދުމުގެ ކުރިން ކިޔަވަންޖެހޭ ސޫރަތްތަކާއި އާޔަތްތަކެއް ސުންނަތުން އެބަހުރިކަން އެނގެއެވެ. ކޮންމެ ކަމަކަށް ޝިފާލިބުންވެސް ޤުރައާނުގައިވެއެވެ. މާނައަކީ ޤުރްއާން ކިޔެވުމުން ކޮންމެ ކަމަކަށްވެސް ޝިފާ ލިބޭނެއެވެ.  

މިބަޔާން ކުރަނީ ނިދުމުގެ ކުރިން ކިޔުން ސުންނަތުގައިވާ ސޫރަތްތަކާއި އާޔަތްތައް ބަޔާންވެގެންވާ ލިޔުމެކެވެ. ހުރިހާ ސޫރަތެއް ނުކިޔެވުނު ނަމަވެސް ކިޔެވޭ ވަރަކަށްނަމަވެސް ކިޔަވަން ސަމާލުކަންދެމާތޯއެވެ؟  

ކޮންމެ މީހަކަށް ކޮންމެ ރެއަކު އިސްރާސޫރަތާ ޒުމަރު ސޫރަތް ނުކިޔެވިދާނެއެވެ. ނަމަވެސް ދެންހުރި ސޫރަތްތަކާ އާޔަތްތައް ކިޔެވުމަކީ ބުރަކަމަކަށްނުވާނެއެވެ. އެދެސޫރަތްވެސް ކިޔަވަން ވީވަރަކަށް މަސައްކަތްކުރާށެވެ.  

ކިޔަވަންވީ ސޫރަތްތަކާ ޢާޔަތްތައް-: 

1.    ނަބިއްޔާ صلى الله عليه وسلم ކޮންމެ ރެޔަކާވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔުއްވައެވެ. 

2.    

ޖާބިރު رضي الله عنه ރިވާކުރެއްވިއެވެ.

"أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لا يَنَامُ حَتَّى يَقْرَأَ الم تَنْزِيلُ، وَتَبَارَكَ الَّذِي بِيَدِهِ الْمُلْكُ« الترمذي  (2892) وصححه الألباني في “صحيح سنن الترمذي “

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم, الۤمۤ تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާވިދާޅު ނުވެ އަވަހާރަފުޅު ނުލައްޕަވައެވެ." 

"أَيْ: لَمْ يَكُنْ عَادَتُهُ النَّوْمَ قَبْلَ قِرَاءَتِهِمَا " [تحفة الأحوذي (8 / 191)]

މާނައީ: "އޭގެ މާނައަކީ: އެ ދެ ސޫރަތް ކިޔެވުމުގެ ކުރިން އަވަހާރަފުޅު ލެއްޕެވުމަކީ އެކަލޭގެފާނުގެ އާދަފުޅެއް ނޫނެވެ." 

2.    އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވާވިދާޅުވުމުގެ ކުރިން އެކަލޭގެފާނު صلى الله عليه وسلم އަވަހާރަފުޅުނުލައްޕަވައެވެ. 

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

»كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ، وَبَنِي إِسْرَائِيلَ« الترمذي  (3405) وصححه الألباني في “صحيح سنن الترمذي “

މާނައީ: "ނަބިއްޔާ صلى الله عليه وسلم، ޒުމަރު ސޫރަތް އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާވިދާޅުވުމުގެ ކުރިން އަވަހާރަފުޅުނުލައްޕަވައެވެ." 

3.    المعوذات (ފަލަޤި ސޫރަތާއި ނާސި ސޫރަތާއި އަދި އިޚްލާޞް ސޫރަތް)

ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. 

»أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ« [رواه البخاري (5017)] 

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކޮންމެ ރެޔަކު އެކަލޭގެފާނު އެނދުދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، ދެއަތްޕުޅުކައިރި ކުރައްވައި އެއަށްފަހު އެއަށް ފުމެލެއްވައެވެ. އެއަށްފަހު އެދެއަތްޕުޅަށް (قُلْ هُوَ اللهُ أَحَدٌ)( قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި  ( قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވައި ވިދާޅުވުމަށްފަހު އެދެއަތްޕުޅުން، އެކަލޭގެފާނު ކުޅަދާނަވެގެންވި ވަރަކަށް ހަށިކޮޅުގައި ފިރުމާލައްވައެވެ. އެކަލޭގެފާނު ފުރަތަމަ ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. ދެން ކުރިމައްޗަށް ވާފަދައިން ހަށިކޮޅުގައި އަތްޕުޅުން ފިރުމާލައްވައެވެ. އެފަދައިން ތިންފަހަރު ތަކުރާރު ކުރައްވައެވެ." 

4.    سورة الكافرون (ކާފިރޫން ސޫރަތް) 

ފުރްވަތު ބުނު ނައުފަލް رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ނައުފަލްއަށް ޙަދީޘްކުރެއްވިއެވެ.

«اقْرَأْ قُلْ يَا أَيُّهَا الْكَافِرُونَ ثُمَّ نَمْ، عَلَى خَاتِمَتِهَا، فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ» [رواه أبو داود (5055)، وصححه الألباني في “صحيح سنن أبي داود”] 

މާނައީ: "ތިބާ، قل يا أيها الكافرون (ކާފިރޫން ސޫރަތް) ކިޔަވާށެވެ. ދެން އެސޫރަތް ކިޔަވާ ނިމުމުން ނިދާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝިރުކުން ބަރީއަކުރުވާ ސޫރަތެކެވެ." 

5.    آية الكرسي (ކުރުސި) 

އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘެއްގައިވެއެވެ. 

»إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ، لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ« [رواه البخاري (3275)] 

މާނައީ: "ތިބާ ނިދަން އޮށޯންނަހިނދު، އާޔަތުލް ކުރުސީ ކިޔަވާށެވެ. ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ މަލާއިކަތަކު މާތް ﷲގެ ޙަޟްރަތުން، ތިބާއާއެކުގައި ވާނެއެވެ. އަދި ހެނދުނުވަންދެން ޝައިޠާނާ ތިބާއާ ކައިރި ނުވާނެއެވެ."

 

- އަލްއަޚް ނަޡީމް ނިޡާމްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން