ދެމަފިރިންގެ މައްސަލަތައްވެސް ހޫނުވަމުން މިދަނީ މަތީދަރަޖަ ބޭނުންވާންޖެހޭތަން ދެމީހުންނަށްވެސް އޮޅުވައިލެވޭތީ! ޙައްލުވެސް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދެމަފިރިންގެ މައްސަލަތައްވެސް ހޫނުވަމުން މިދަނީ މަތީދަރަޖަ ބޭނުންވާންޖެހޭތަން ދެމީހުންނަށްވެސް އޮޅުވައިލެވޭތީ! ޙައްލުވެސް މިއޮތީ!

އަންހެނުންނާއި ފިރިހެނުންނަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ދެބައިމީހުންވެސް އުފެއްދެވީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ކުރިއަރައިދެވެން އޮތީ ހަމައެކަނި އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ފިރިހެނެކަށްވުމަކުން އަދި އަންހެނަކަށްވުމަކުން އެއްވެސް މަތިވެރިކަމެއް ނެތެވެ.  

ދެބައިމީހުންގެ ކިބައިގައިވެސް އެއްގޮތް ކަންތައްތަކަކާއި ތަފާތު ކަންތައްތަކެއް ވަނީ ލައްވަވައިފައެވެ. އެކަމެއް ލިބުމުން އެމީހަކަށް އެންމެ ފައިޑާބޮޑުވާނެ ގޮތަށެވެ. އަދި ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތަށެވެ. އަދި އިރާދަކުރައްވަވާ މިންވަރަކަށެވެ.  

ލޮބުވެތި އަޚުންނާއި މޮޅި އަންހެނުންތޯ ފިރިހެނުންތޯ ކުރާ ބަހުސަކީ ބޭކާރު ބަހުސެކެވެ. ކުރިން ބުނިފަދައިން ދެބައިމީހުންނަށްވެސް އޮތް ދަރަޖައަކީ ﷲ ތަޢާލާގެ އަޅެއްގެ ދަރަޖަ ކަމަށްވުމުންނެވެ. އަދި ﷲ ތަޢާލާގެ އަޅެއްގެ ދަރަޖައަކީ އެންމެ މަތިވެރި ދަރަޖައެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަލާނގެ ޙަޟްރަތުގައި ޤާއިމުވެ ތިއްބަވާ މަލާއިކަތުންނަވުރެ މަތީ ދަރަޖަ އިންށާނުންނަށް ދެއްވަވައިފައެވެ.

އަންހެނުން މަސައްކަތްކުރަންވީ ފިރިހެނުންނަށްވުރެ މަތިވެރިވުމަކަށްނޫނެވެ. ފިރިހެނުން މަސައްކަތްކުރަންވީ އަންހެނުންނަށްވުރެ މަތިވެރިވުމަކަށްވެސް ނޫނެވެ. ދެބައިމީހުންވެސް މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީ ދަރަޖައިގައިވާ މީހަކު ކަމުގައިވުމަށެވެ.  

ދުނިޔޭގެ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް އަދި ޒަވާޖީ ހަޔާތުގައިވެސް ކުރިއަރައި ނުދެވިގެން މިއުޅެނީ މިބުނި ކަންކަން ނުވިސްނޭތީއެވެ. އެކަންކަން ޤަބޫލުނުކުރެވޭތީއެވެ. އެހެނީ އެކަންކަން ޤަބޫލުކުރެވޭނަމަ އެއްވެސް މީހަކު އަނެކާއަށް ދެރަގޮތެއް ނުހަދާނެއެވެ. ދެރައެއް ނުދޭނެއެވެ. އެކަމުގެ ސަބަބަކީ އެއްވެސް މީހަކަށް ދެރައެއް ދީފިނަމަ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ވެއްޓިގެންދާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެތީއެވެ.

ވީމާ މިބުނި ކަންކަމަށް ސަމާލުކަންދީފިނަމަ ދެމަފިރިންގެ މެދުގައިވެސް އޮންނާނީ ލޯތްބާއި ކުލުނެވެ. އަޅައިލުމާއި އޯގާތެރިކަމެވެ. ބޭވަފާތެރިކަމެއް ނުއޮންނާނެއެވެ. އޮންނާނީ ތެދުވެރިކަމާއި ވަފާތެރިކަމެވެ. އަނިޔާވެރިވުމެއް ނުއޮންނާނެއެވެ. އޮންނާނީ އެހީތެރިވުމެވެ.  

މިދެއްކި ހުރިހާ ވާހަކަތަކެއްގެ ޚުލާޞާއަކީވެސް ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ މީހަކަށްވާން މަސައްކަތްކުރާށެވެ! އާޚިރަތުގެ އިތުރުން ދުނިޔޭގައިވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން