ފަތިސްނަމާދުކުރަން އާދަކުރުމަށްފަހު ކައިވެނިކުރި ޒުވާނަކަށް އެކަމުން ލިބުނު ބޮޑު ހިތްހަމަޖެހުމާ ކުރިއެރުމުގެ ވާހަކަ އޭނާގެދުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފަތިސްނަމާދުކުރަން އާދަކުރުމަށްފަހު ކައިވެނިކުރި ޒުވާނަކަށް އެކަމުން ލިބުނު ބޮޑު ހިތްހަމަޖެހުމާ ކުރިއެރުމުގެ ވާހަކަ އޭނާގެދުލުން!

އަހުރެންނަކީ 30 އަހަރުގެ ޒުވާނަކީމެވެ. ރޭގަނޑު ނިދަން ގެއަށްދާން ވަރަށް ކުރިންސުރެ އާދަވެފައިވަނީ 1 ޖަހީމައެވެ. އުޅެވެނީ އެކުވެރިންނާއިއެކުގައެވެ. ކޮފީތަކުގައާއި އެޒާތުގެ ކަންކަމުގައެވެ.  

އެހެންކަމާއިއެކުގައިވެސް އެއީ ރަނގަޅު ގޮތް ނޫންކަން ކުރިންސުރެ ޤަބޫލުކުރެވެއެވެ. އެއުޅުން ހުއްޓާލަންވެސް މަސައްކަތްކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. ގެއަށް ގޮސް ނިދަން މަސައްކަތްކުރިނަމަވެސް ކާމިޔާބެއް ނުވެއެވެ. ނުނިދިގެން ޖެހެނީ ބޭރަށް ނުކުންނާށެވެ!  

30 އަހަރުވުމުން ކުރަން ނިންމައިގެން ހުރި އެއްކަމަކީ ކައިވެނިކުރުމެވެ. އަދި ކައިވެނިކުރުމުގެ ކުރިން އެއުޅުން ހުއްޓާލަން އައީ ވަރަށް ބޮޑަށް ވިސްނަމުންނެވެ. އެހެންވެ އެކުވެރި އިމާމަކާއި މަޝްވަރާކޮށްލުމުން ބުނުއްވީ ފަތިސް ނަމާދަށް ހޭލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ޤަބޫލުކޮށް ފަތިސްނަމާދުކުރަން އާދަކުރުމަށެވެ. އެހެން ހުރިހާ ކަމަކަށްވުރެ ޖަމާޢަތުގައި ފަތިސްނަމާދުކުރަން އިސްކަން ދިނުމަށެވެ.

އިމާމުގެ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރަން ފެށީމެވެ. ފުރަތަމަ ހަފްތާއެއްހައި ދުވަހު އެކަންކުރެވުނީ ގަދަކަމުންނެވެ. ސޯނާވިނަމަވެސް ތެދުވެވެނީ ވަރަށް އުނދަގުލުންނެވެ. އެކަމަކުވެސް ހިތްވަރުކުރީމެވެ. ދެލޯ ފުހެމުންވެސް ތެދުވެ ގައިދޮވެލައި، ވުޟޫކޮށްގެން ފަތިސްނަމާދަށްދާން ފެށީމެވެ.  

އެކަން ބުރައަކަށްވީ ހަމަ އެންމެ ވިއްސަކަށް ދުވަހުއެވެ. ރޭގަނޑު 9 ޖަހާތަނުން ނިދިއަންނަން  ފަށައިފިއެވެ. 10 ޖަހާއިރު ނިދެން ފަށައިފިއެވެ. ސޯނާވުމުގެ ކުރިން ހޭލެވެންވެސް ފަށައިފިއެވެ.  

ކައިވެނިކުރީ ފަތިސް ނަމާދު ޖަމާޢަތުގައި ކުރެވޭތާ 3 މަސް ފަހުންނެވެ. ކައިވެންޏަށްފަހު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއްކަމަކަށްވީ އަވަހަށް ނިދަން އާދަކުރެވުނު ކަމެވެ. ޜޭގަނޑު ކައިނިމިގެން ކޮންމެ ރެއަކުވެސް 2 މީހުން ބޭރަށް ނުކުމެލަމެވެ. ނަމަވެސް 10 ޖަހާއިރު ތިބެނީ ނިދަން އެނދުގައެވެ. އެކަންވެގެންދިއައީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އެންމެ ރަނގަޅު ގޮތުގައި އޮންނަން ލިބުނު އެންމެ ބޮޑު ބާރަށެވެ.  

މިހާރު ކައިވެންޏަށް 15 އަހަރުވެއްޖެއެވެ. މައްސަލައެއް ކަމަށް ބުނެވޭނެ އެއްވެސް ކަމެއް ކުރިމަތިވި ހަނދާނެއްވެސް ނެތެވެ. ދެމީހުންވެސް ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.

 

- އަފްޒަލް / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ފިލާވަޅު

މިއަދު އޮންލައިން